ފުރިހަމަ ނުވާ ލުހްޔާއަށް މަސްނުވީ ގުނަވަންތަކާ ނުލައި ދިރިހުރެވޭކަށް ނެތް!

ތިން މަހުގެ ލުހްޔާ މުހައްމަދު އިޝާނަކީ ލޯބި ތުއްތު ކުއްޖެކެވެ. ރީތި "ދޫންޏެކެވެ". ނަލަކޮށްލާފައި އޮންނަ އިރު، ފިސާރި މޮޑެލާ ހިތްވެ އެވެ. ނަމަވެސް އެ ލޯބި ފުށްގަނޑާ އެކު މަޖާ ކުރެވޭކަށް ނެތެވެ. އުރާލާ ގޮތަކުން ލުހްޔާއަށް ހާނިކައެއް ވެދާނެ އެވެ. ވޭނުން ފުރިފައިވާ ޒަހަމްތަކުގެ ތެރެެއަށް އޭނާ ގެނބިދާނެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅު އައިޖީއެމްއެޗަށް ވިހެއި ލުހްޔާގެ ހަށިގަނޑުގެ އެއްބައި އުފެދިފައެއް ނެތެވެ. ފޫޅުން ތިރީގެ ގުނަވަންތަކެއް ނެތެވެ. މައިބަދައިގެ ވަކި ހިސާބަކުން ގުޅިފައި ހުންނަން ޖެހޭ ކަށިތަކެއް ނެތެވެ. ޖިންސު ވަކިކުރަން އުނދަގުލެވެ.

ހ. ބޮނޑިކަނދޮޅުގެ މަރިޔަމް އެވްލީން، 30، އާއި ގދ. ގައްދޫ، ކޮކާހަނދުވަރީގެ، މުހައްމަދު އިޝާން 29ގެ އަލަތު ދަރިފުޅު ލުހްޔާގެ ކުޑަކަމުދާ ނިޒާމާއި ބޮޑު ކަމުދާ ނިޒާމް އުފެދިފައެއް ނުވެ އެވެ. ކުޑަކަމު ދިއުމަށް ފޫޅުން ތިރިން ލޯވަޅެއް ތޮރުފައިގެން ކެޓީޓާއެއް (ކުޑަކަމުދާ ތަކެތި ބޭރުކުރާ ބޭގް) ހަރުކޮށްފައި އެބަ ހުއްޓެވެ. ބޮޑުކަމު ދިއުމަށް ބަނޑުގެ ވައަތްފަރާތުން ތޮރުފައިގެން ލޯވަޅެއް އަޅާފައި އެބަ ހުއްޓެވެ. އެ އޮޕަރޭޝަން ކުރީ އައިޖީއެމްއެޗުންނެވެ.

ލުހްޔާގެ ބޮޑުކަމުދިއުމަށް އެޅި ލޯވަޅުގެ ސަބަބުން އޭނާގެ ފުރާނައަށް ވަނީ ނުރައްކާވެފަ އެވެ. އިންފެކްޝަންތަކެއް އުފެދިދާނެތީ ވީހާ ވެސް އަވަހަކަށް އޮޕަރޭޝަނަކަށް ދާން ލާޒިމެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ލަފާދެނީ އެގޮތަށެވެ. ނަމަވެސް އެ އޮޕަރޭޝަނަކީ ރާއްޖޭން ކުރެވެން އޮތް އޮޕަރޭޝަނެއް ނޫނެވެ. އެ ކުޑަކުޑަ ލުހްޔާ ގޮވައިގެން އެ އާއިލާއިން އިއްޔެ ވަނީ ސްރީލަންކާ އަށް ފުރައިފަ އެވެ.

ލަންކާ އަށް ދާން ފުރުމުގެ ކުރިން އިޝާންގެ ދެމަފިރިން "ސަން"އާ ވާހަކަ ދެއްކި އެވެ. ލުހްޔާގެ މަންމައާއި ބައްޕަ ދިރިއުޅޭ ހުޅުމާލޭ ގެއަށް އަޅުގަނޑު ދިޔައީމެވެ. ތުއްތު ދަރިފުޅު އުރައިގެން އިނީ މަންމަ، އެވްލީނެވެ. މަންމަގެ އަތުގައި ކުޑަކުޑަ ލުހްޔާގެ ޔޫރިން ބޭގެއް އޮތެވެ. އެ ގެއަށް ވަނީއްސުރެ އެ ތުއްތު ކުއްޖާ އަހަންނަން ބަލަހައްޓައިގެން އޮތެވެ. މޫނުމަތިން ފެންނަމުން ދަނީ އެ އުމުރު އެހެން ކުދިންގެ މޫނުމަތިން ވެސް ފެންނަ އުފާވެރިކަމާ ހައިރާން ކަމެވެ. އެ ދެމަފިރިން ދައްކަމުން ގެންދިޔަ ވާހަކަތަކާއި ކުރަމުންގެންދާ ކަންތައްތަކަށް ސަމާލުކަން ހުއްޓައިލައިގެން ލުހްޔާ އޮތް ކަހަލަ އެވެ.

އިސްވެ ވާހަކަދައްކަން ފެށީ ބައްޕަ އިޝާނެވެ. މާޔޫސްވެފައި ހުރި އިޝާން ބުނި ގޮތުގައި އޭނާގެ އަންހެނުން ބަލިވެ އިން ހިސާބުން ފެށިގެން ޑޮކްޓަރަށް ދައްކައި ސްކޭންކޮށް ހަދަމުން ގެންދިޔައީ އައިޖީއެމްއެޗުންނެވެ. ނަމަވެސް ބަނޑަށް އަށް މަސްވީއިރު ވެސް އެހާ ސީރިއަސް މައްސަލައެއް ހުރި ކަމަކަށް ޑޮކްޓަރުން ނުބުނާ ކަމަށް އޭނާ ބުންޏެވެ. ދަރިފުޅުގެ ގައިގައި އައިބުކަމެއް ކުރި ކަމެއް ވެސް ނުބުނާ ކަމަށް އޭނާ ބުންޏެވެ. އިޝާންގެ އަންހެނުންނަކީ ހަކުރުބަލި ހުންނަ މީހެއް ކަމުން ހަކުރު ދަށްކުރުމަށް ބަނޑު ބޮޑުވީއްސުރެ އައިޖީއެމްއެޗުން އޭނާގެ ގަޔަށް އިންސިއުލިން ދެމުން ގެންދިޔަ ކަމަށް އޭނާ ބުނެ އެވެ.

އިޝާންގެ ދެމަފިރިން ގަބޫލްކުރާ ގޮތުގައި އެ މީހުންގެ ދަރިފުޅަށް އެެހެންވީ ބަނޑުބޮޑު އިރު ޖެހި އިންސިއުލިން އިންޖެކްޝަންގެ ސަބަބުންނެވެ. އަދި އެ ދަރިފުޅު ރަނގަޅަށް ނުއުފެދޭ ދަރިއެއްގެ ގޮތުގައި އުފަންވުމުގައި ވެސް ޑޮކްޓަރުންގެ އިހުމާލް ވަރަށް ބޮޑެވެ. ދަރިފުޅުގެ މައިބަނދައިގެ އެއް ބައި އިންއިރު ބޭބީގެ ސްކޭންތަކުން އެކަން ދައްކާނެ އެވެ. ނަމަވެސް އެ ވާހަކަ ޑޮކްޓަރުން ނުބުނާ ކަމަށް އޭނާ ބުންޏެވެ. ދަރިފުޅުގެ ދެ ފައި ހަރަކާތް ނުކުރާ ކަމަށާއި ފައިގެ މައްސަލަތަކެއް އުޅޭކަން އިޝާންމެންނަށް އެނގުނީ އަންހެނުންގެ ބަނޑަށް އަށް މަހުގައި ޑޮކްޓަރަށް ދައްކަން ދިއުމުންނެވެ.

"އަންހެނުންގެ ބަނޑަށް އަށް މަސް ވީތަނާ އެނގުނީ ދަރިފުޅުގެ ފައި ފުރޮޅިފައި އިންކަމާއި ފައިގެ ހަރަކާތް ނެތްކަން. ނަމަވެސް ދަރިފުޅުގެ އެހާ ސީރިއަސް މައްސަލަތަކެއް ހުރިކަމެއް ނުބުނޭ،" އިޝާން ބުންޏެވެ.

އެ ދަރިފުޅު އައިޖީއެމްއެޗައި ވިހެވުމުގެ ތެރޭގައި ދަރިފުޅުގެ ގޮހޮރު ވެސް ނުކުތް ކަމަށް އިޝާން ބުންޏެވެ. ސިޒޭރިއަނެއް ހަދައިގެން ދަރިފުޅު ވިއްސުމަށް ފަހު، އެ ދަރިފުޅު ނާސަރީއަށް ބަދަލު ކުރި އެވެ. ގޮހޮރު ނުކުމެފައި އޮތުމުން ދަރިފުޅުގެ އޮޕަރޭޝަނެއް ކުރުމަށް ޖެހިގެން އައި ދުވަހު ބައްޕަ އާއި އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި ނަރުހަކާއެކު އިމަޖެންސީގައި ލަންކާ އަށް ގެންދިޔަ އެވެ.

އިޝާން ބުނި ގޮތުގައި ގޮހޮރު ނުކުމެފައި އޮތުމުން ލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަންގައި ގޮހޮރުގެ އެއް ބައި ބުރިކޮށްލަން ޖެހުނު ކަމަށް ލަންކާ ޑޮކްޓަރުން ބުންޏެވެ. އަދި ގޮހޮރު ނުކުމެފައި ވަނީ އޭނާގެ ފުރަގަސްފަރާތުގައި ހެދިފައި ހުރި "ބާގަނޑަކުން" ކަމަށާއި ގޮހޮރު އެތެރެއަށް ލުމަށްފަހު އެތަން ފަހާފައިވާ ކަމަށް ވެސް ބުންޏެވެ.

އިޝާންއާ އޭނާގެ އަންހެނުން ދަރިފުޅު ގޮވައިގެން ތިބެ ޑޮކްޓަރުންގެ ސެޓްފިކެޓްތަކާއި ދަރިފުޅާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއް ދައްކަމުން ގެންދިޔައީ ލަންކާ އަށް ފުރުމަށްޓަކައި އެ މީހުން ތަައްޔާރުކޮށްފައިވާ އެ ދެމަފިރިންގެ ލަގޭޖުންނެވެ.

އިޝާންގެ އަންހެނުން ބުނީ ދަރިފުޅަށް ގާތުން ދިނުމުގެ ބަދަލުގައި ވިހެއިއްސުރެން ނާސަރީއަށް ލުމުގެ ސަބަބުން ދަރިފުޅަށް ގާތުން ދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެން ކަމުން ދަރިފުޅަށް ގާތުން ދޭންޖެހެނީ ސަމްސަލުންނެވެ. އަަދި ދަރިފުޅު ކުޑަކަމުދާ ބޭގް ވެސް ދަރިފުޅާ އެކު އަބަދުވެސް ގެންގުޅެންޖެހެ އެވެ.

ފެރީ ދުއްވައިގެން އާއިލާ އެއް ބަލަހައްޓަމުން ގެންދިޔަ އިޝާންއަށް މިވަގުތު ވަނީ މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ. ތަނަވަސް ކަމެއް ނެތް އެ އާއިލާ، އެންމެ ފުރަތަމަ ލުހްޔާ ގޮވައިގެން ލަންކާ އަށް ދިޔައީ ވެސް އާސަންދައިގެ އެހީގަ އެވެ. ނަމަވެސް އެ ފަހަރު ދިޔައީ ބައްޕަ އެކަންޏެވެ. ނަމަވެސް މިފަހަރު ދެ މަފިރިން ދާންޖެހޭތީ އެ ދެމަފިރިން ވަނީ ލުހްޔާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަކޮށް، އެހީތެރިކަމަަށް އެދިފަ އެވެ. ކިތަންމެ ކުޑަކުޑަ 'ޗާންސެއް' އޮތްނަމަ ވެސް އޭނާގެ ދަރިފުޅު ބިކަކޮށް ދޫކޮށްލާކަށް އިޝާން ބޭނުމެއް ނުވެ އެވެ.

"އައިޖީީއެމްއެޗްގައި ހޭދަވި ނުވަ ދުވަހު އަތުން 8000 އަށްވުރެ ގިނަ ރުފިޔާ ބޭހަށާއި އެހެނިހެން ކަންކަމަށް ހަރަދުވި. މިހާރު ނެތް އެވަރު ވެސް. މިފަހަރު މިދަނީ އާސަންދަ އަށް ބަރޯސާވެގެން. ނުކައި ނުބޮއި ވޯޑުގައި ތިބެގެން ވެސް އިރާދަކުރެއްވިއްޔާ މިކަން ކުރަން މިދަނީ،" ހިތްވަރު ކުރަމުން އިޝާން ބުންޏެވެ.

އިޝާންގެ އާއިލާ އަށާއި އެ ދެމަފިރިންގެ ދަރިފުޅަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ތުއްތު ލުހްޔާއަށް ޝިފާއަކަށް އެދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7701168141101 މުހައްމަދު އިޝާންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް ވެސް ހެލްޕް ލުހްޔާގެ ނަމުގައި އެ ދެމަފިރިން ހަދާފައިވާ އެފްބީފޭޖްގައި ބުނެފައިވެ އެވެ.

އިޝާންމެންގެ ދަރިފުޅާ މެދު އައިޖީއެމްއެޗުން އިހުމާލުވި ކަމަށް އެމީހުން ގަބޫލްކުރި ނަމަވެސް އައިޖީއެމްއެޗްގެ މީޑީއާ ކޯޑިނޭޓަރު ޒީނަތު ހަބީބު ޑޮކްޓަރުންނާ ހަވާލާދީ ވިދާޅުވީ އެ އަންހެން މީހާ ބަލިވެ އިންތާ ގާތްގަނޑަކަށް 21 ވަނަ ހަފްތާގައި ދަރިފުޅުގެ މައްސަލަތަކެއް ހުރިކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލްތައް އެ ދެމަފިރިންނަށް ވެސް ދިން ކަމަށާއި އަންހެން މީހާ ބަލިވެ އިނީ ގިނަ ކޮމްޕްލިކޭޝަންތަކާ އެކުގައި ކަމަށް ވިދާޅުވި އެވެ. އަދި އަންހެން މީހާގެ ވިހެއުމުގެ ތެރޭގައި ވެސް ހޮސްޕިޓަލުން އިހުމާލްވެފައިނުވާ ކަމަށާއި ބޭބީ ވިއްސީ ސިޒޭރިއަނެއް ހަދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަކުރު ހުރުމަކީ ދަރިފުޅަށް އެހެން ދިމާވާން މެދުވެރިވި ވެދާނެ ހާލަތަކަށް ވެދާނެ ސަބަބެއް ކަމަށް ޑޮކްޓަރުން ލަފާކުރައްވާ،" އޭނާ ވިދާޅުވި އެވެ.

މިފަދަ ކުދިންނަށް މެޑިކަލީ ދީފައިވާ ޓާމްއަކީ ކާޑިއަލް ރިގްރެޝަން ސިންޑްރޯމް (އުފަންވުމުގައި ވެސް ހަށިގަނޑުގެ ތިރީބައިތައް ރަނގަޅަށް ނުއުފެދޭ ކުދިން) އެވެ. އެފަދަ ކުދިން ދުނިޔެއަށް އަންނައިރު ވެސް މައިބަދައިގެ މެދާ ހަމައިން ނީދެ އެވެ. ނުވަތަ ނުއުފެދެ އެވެ. އަދި ހަށިގަނޑުގެ ފޫޅުން ފެށިގެން ތިރީގައިވާ ގުނަވަންތައް ނުއުފެދުމާއި ކަށިތައް ނުއުފެދުމުގެ މައްސަލަތައް ދިމާވެ އެވެ. މިފަދަ ކުދިން ދުނިޔެއަށް އުފަންވަނީ ލައްކަ އަކުން އެކެއް ނުވަތަ ދެ ކުދިންނެވެ. އަދި އެފަދަ ކުދިން ލިބުމުގެ ފުރުސަތު ޑައިބެޓިކްސް ހުންނަ އަންހެނުންނަށް ފުރުސަތު ބޮޑެވެ. އެގޮތުން 350 ޑައިބެޓިކްސް ޕޭޝަންޓުންގެ ތެރެއިން އެކަކަށް އެފަދަ ކުދިން ލިބެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް