ރައްޔިތުންގެ މަޖިލީހުގައި އިންނެވި ހަމަ އެކަނި މިނިވަން މެމްބަރު، މަޑަވެލި ދާއިރާގެ މުއާޒު މުހައްމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ. މިއަދު ޕެރަޑައިސް އައިލެންޑް ރެޒޯޓުގައި އޮތް ރަސްމިއްޔާތެއްގައި މުއާޒު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައި ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާޒިރުގަ އެވެ. ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއާޒު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެޕާޓީއަކީ މިހާރު އެންމެ ޑިމޮކްރެޓިކް ކޮށް މަސައްކަތް ކުރެވޭނެ ޕާޓީ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑު ޖުމްހޫރީ ޕާޓީއާ މިގުޅުނީ ހަގީގަތުގައި ދިވެހި ރާއްޖޭގެ ޕާޓީތަކުގެ ތެރެއިން މިވަގުތު އެންމެ ޑިމޮކްރެޓިކް ކޮށް މަސައްކަތް ކުރެވިދާނެ ޕާޓީއެއް ކަމަށް މިޕާޓީ ފެންނާތީ ޖުމްހޫރީ ޕާޓީ ހިޔާރު ކުރީ. ޕާލަމެންޓުގައި މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް. ރައްޔިތުންނަށް ބޭނުންވާ ކަންތައް ވަކާލުކުރުމުގައި ޖުމްހޫރީ ޕާޓީއަކީ ގުޅިގެން މަސައްކަތް ކުރެވިދާނެ އެންމެ ރަނގަޅު ޕާޓީ ކަމުގައި އަޅުގަނޑަށް ފެންނާތީވެ އަޅުގަނޑު މިޕާޓީއަށް ސޮއި ކުރީ،" މުއާޒު ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މުއާޒު އެ ޕާޓީއަށް ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މީގެން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ހަމަގައިމުވެސް އަޅުގަނޑުމެން މާޔޫސް ކަމުގެ ތެރެއަށް ދާކަށް ނުޖެހޭ ކަން. އަބަދު ދެރަ ގޮތެއްވެސް ނުވާނެ. އަޅުގަނޑުމެންނަށްވެސް ރަނގަޅު ކަމުގެ ވަރަށް ބޮޑު ސިގްނަލެއް ފެނިގެން އެދިޔައީ،" ގާސިމް ވިދާޅުވި އެވެ.
މުއާޒުގެ އިތުރުން އެ ހަފްލާގައި ބައެއް ކައުންސިލަރުން ވެސް ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ. އެޕާޓީއަށް މިއަދު ސޮއި ކުރެއްވި ކައުންސިލަރުންނަކީ ތ. ކިނބިދޫ ކައުންސިލުގެ ރައީސް އަބްދުނާސިރު އަލީ އާއި އެ ކައުންސިލްގެ ނައިބު ރައީސް ހަސަން ރަޝީދާއި ކައުންސިލު މެމްބަރު ފާރޫގު އަލީ އެވެ. ފުލިދޫ ކައުސިލު ރައީސް މޫސާ ފާއިޒު އާއި މަޑަވެލި ކައުންސިލު މެމްބަރު ނިޔާޒު ހަސަން ވެސް އެ މިއަދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފަ އެވެ.