ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ޖެހިގެން އައި ދުވަހު ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ މިއަދު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި ހުޅުޖެހި މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލީ މިދިޔަ މަހުގެ 22 ވީ ހޮނިހިރު ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލު ހާޒިރުވެފައިނުވާތީ އެވެ.
މީގެކުރިން އެތަކެއް ފަހަރު ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން ވަނީ މައްސަލަ ބަލައި ނުގަނެފައެވެ.
އެ ކޯޓުގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވީ ދެން އެ މައްސަލަ ބަލައިގަންނާނީ ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައިއި ގޮތެއް ކަނޑައެޅުމުން ކަމަށެވެ.
ތިނަދޫ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާތީ ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބެއްލެވުމަށްފަހު އާދީއްތަ ދުވަހު ކުރި ހުކުމްގައި މައްސަލަ އަނބުރާ ފޮނުވާލި ފޮނުވާލުމަކީ ބާތިލް ނިންމުމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ތިނަދޫ ޕޮލިސްޓޭޝަނާއި އެތަނުގައި ހުރި އެންމެހައި ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލާފައިވާތީ އާއި ގދ. އަތޮޅު ކައުންސިލްގެ އިދާރާގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ އެތަނުގެ ތެރެއަށް ވަދެ އެ އިދާރާގައި ހުޅުޖަހާފައިވާތީ އާއި ތިނަދޫ ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ ކޯޓުގައި ހުޅުޖަހާފައިވާތީ އެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަށް އެ އެންމެން ވެސް ވަނީ އިންކާރުކޮށްފައެވެ.