ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބަޔަކު މީހުން ހުޅުޖަހައި އަންދާލި ގދ. ތިނަދޫ ކޯޓުގެ އާ ކޯޓެއް އިމާރާތްކޮށް ހުޅުވައިފި އެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ތިނަދޫގައި އަލަށް ގާއިމްކުރި ކޯޓު ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
ތިނަދޫ ކޯޓުގައި ހުޅުޖެހުމުގެ ސަބަބުން ކޯޓު ހިންގުމަށްޓަކައި ދާއިމީ އިމާރާތެއްނެތި ހަތަރު އަހަރާއި އެއް މަހާއި 25 ދުވަސް ވަނީ ހޭދަވެފައެވެ.
ކޯޓުގައި ހުޅުޖެހުމާ ގުޅިގެން އެތަނުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެރަށު ގެއެއް ކުއްޔަށް ހިފައިގެންނެވެ. އަދި އެ ކޯޓުގެ ބައެއް މަސައްކަތްތައް ތިނަދޫގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ އެކަމަޑޭޝަން އިމާރާތުގައި ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
އަލަށް އިމާރާތްކުރި އެ ކޯޓަކީ ޝަރީއަތްކުރުމަށް ޚާއްސަ ތިން ކޯޓު ރޫމް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ޖާގައިގެގޮތުން ތަނަވަސްކޯޓެއް ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ތިނަދޫ ކޯޓުގައި ހުޅުޖަހާފައިވާއިރު އޭގެ ކުރިން 2011 ވަނަ އަހަރުގެ ތެރޭގައި ބަޔަކު މީހުން ވަނީ އެ ކޯޓު ކައިރިއަށް އެއްވެ މުޒާހަރާކޮށް އެ ކޯޓުގައި ތަޅުވެސް އަޅުވާފައެވެ. ނަމަވެސް އެ މައްސަލަ ތަހުގީގުކޮށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.
ތިނަދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި އެރަށު ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވީނަމަވެސް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވަނީ އެމީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފައެވެ.