ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ފަސް ކޯޓެއްގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށާއި އޭގެތެރެއިން އިމާރާތް ކޮށްފައި ވަނީ އެންމެ ކޯޓެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ހުޅުޖަހައި އެއްކޮށް އަންދާލީ ގދ. ތިނަދޫ ކޯޓާއި ސ. ހިތަދޫ ކޯޓާއި އެއަތޮޅު މަރަދޫ ކޯޓާއި ފޭދޫޫ ކޯޓުގެ އިތުރުން ހުޅުދޫ ކޯޓު ކަމަށެވެ. އޭގެތެރެއިން މިހާތަނަށް އިމާރާތްކޮށްފައި ވަނީ ތިނަދޫ ކޯޓު އެކަނި ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.
ހިތަދޫ ކޯޓުގެ މަސައްކަތް މިހާރު ކުރަމުންދަނީ ކުރީގެ ރަށު އޮފީހުގައެވެ. މަރަދޫ ކޯޓުގެ މަސައްކަތް މިހާރު ކުރަމުންދަނީ މަރަދޫފޭދޫ ކޯޓުގައެވެ. ފޭދޫ ކޯޓުގެ މަސައްކަތް ކުރަމުންދަނީ އަމިއްލަ މީހެއްގެ އިމާރާތުގައެވެ. ހުޅުދޫ ކޯޓުގެ މަސައްކަތް ކުރަމުން ދަނީ ޑިޓޮކްސް ސެންޓަރުގައެވެ.
ޑީޖޭއޭ އިން ބުނީ އެ ފަސް ކޯޓުގެ އިތުރުން ގެއްލުންދީފައިވާ ތިން ކޯޓެއް މަރާމާތު ކުރުމަށްފަހު ބޭނުންކުރަން ވަނީ ފަށާފައި ކަމަށެވެ. އެއީ ޏ. ފުވައްމުލަކު ކޯޓާއި ގދ. ރަތަފަންދޫ ކޯޓުގެ އިތުރުން މަރަދޫފޭދޫ ކޯޓެވެ.
ޑީޖޭއޭ އިން ބުނީ 8 ފެބްރުއަރީ 2012 ދުވަހުގޭ 7:40 ހާއިރު ކޯޓުގެ ކުޑަދޮރާއި ދިޔަދޮވީގައި އަލިފާން ރޯކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އަލިފާންގަނޑު ބޮޑަށް ނުފެތުރެނީސް ކޮންޓްރޯލްކޮށްފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
8 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ އަލިފާން ރޯކޮށްލުމުގެ ސަބަބުން ރަތަފްންދޫ ކޯޓުގެ ފޮޓޯކޮޕީ މެޝިނާއި، ފެކްސް މެޝިނާއި، ޕްރިންޓަރު ބޭނުން ނުކުރެވޭވަރަށް ހަލާކުވި ކަމަށާއި ނަމަވެސް މުޅި އިމާރާތް އަނދައި ހުލިވުމުގެ ކުރިން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.
އަލިފާން ރޯކޮށްލުމުގެ ސަބަބުން މަރަދޫފޭދޫ ކޯޓުގެ މެޝިނަރީއާއި އިކްވިޕްމަންޓްސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ޑީޖޭއޭ އިން ބުންޏެވެ. ނަމަވެސް އަލިފާންގަނޑު ބޮޑަށް ނުފެތުރެނީސް ވަނީ ކޮންޓްރޯލް ކޮށްފައެވެ.