ހުސްވާހަކަ ނުދައްކަވާށެވެ.

ދާދި ފަހުން ރައީސް ނަޝީދު ރާއްޖޭގެ މީޑިއާ އަށް ވިދާޅުވީ މީހަކު ދައްކާ ވާހަކައަކުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ނުކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ޓޫރިޒަމަށް އަސަރު ކުރާނީ ކުރާ ކަމަކުންނެވެ.

މީހަކު ދައްކާ ވާހަކައަކުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ނުކުރާނެ ކަމަށް ރައީސް ނަޝީދު މި ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވާހަކަ ދެކެވެމުން އަންނަ ދުވަސްވަރެއްގަ އެވެ. މި ދެކޮޅު ގުޅައިލުމުން އުފެދޭ ސުވާލަކީ އަސަރެއް ނުކުރާ، ނަތީޖާއެއް ނެތް ބޭކާރު ވާހަކައެއް ދެއްކުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

މައުޟޫޢަކީ މީހަކު ދައްކާ ވާހަކައަކުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ސުވާލަކީ އެއްވެސް ދިވެއްސަކު ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ގޮތުން ރަނގަޅު ނޫން ވާހަކައެއް ދައްކަންވީ ކީއްކުރަންތޯ އެވެ؟ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވާ ބޭފުޅަކު އެފަދަ ވާހަކައެއް ދައްކަވައިފައި ވާނަމަ އެއީ ކީއްކުރައްވަން ދައްކަވާ ވާހަކަފުޅެއްތޯ އެވެ؟ އަމުދުން އެ މީހަކު ދައްކާ ވާހަކަ އަކުން ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާނެކަން އެނގިވަޑައިގަންނަވާ ބޭފުޅަކު އެފަދަ ކަމެއް ކުރައްވާންވީ އެއްވެސް ސަބަބެއް ނެތެއްނޫންތޯ އެވެ؟ އަސަރެއް ނުކުރާނެ ވާހަކައެއް ކަމަށް ވިދާޅުވެ އެވާހަކަ ދެއްކެވުމަކީ ބޭކާރު ވާހަކަފުޅު ދައްކަވާ ކަމަށް އެމަނިކުފާނު އިއުތިރާފުވެ ވަޑައިގަންނަވަނީ ކަމުގައި އަޅުގަނޑެއް ނުދަންނަވަމެވެ.

ރާއްޖޭގެ ޓޫރިޒަމަށް ގެއްލުމެއް ލިބިދާނޭ އެއްވެސް ކަމެއް ކުރައްވާކަށް ރައީސް ނަޝީދެއް ވެސް ބޭނުންފުޅެއް ނުވާނެ އެވެ. މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ބަލާ އިރު، މި ގައުމަށް ނިކަމެތިކަމެއް ލިބިދާނެ ފަދަ ކަމެއް އެމަނިކުފާނު ވެސް ނުކުރައްވާނެކަމަށް ބަލަމާ ހިންގަވާށެވެ. ހަމަ ގައިމުވެސް އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ އެ ގޮތަށެވެ.

ރާއްޖޭގެ ޓޫރިޒަމަކީ ވަރަށް ނާޒުކު ޓޫރިޒަމެއް ކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެއެވެ. ކުރެވޭ ވަރަށް ކުޑަ ކަމަކުން ވެސް މި ޓޫރިޒަމަށް ނޭދެވޭ އަސަރު ކޮށްފައި އެބަހުރިކަން އެނގިވަޑައިގަންނަވާނެއެވެ. ދުނިޔޭގެ މީޑިއާގައި ދަމައިލެވޭ ނިކަން ހަނި ސުރުޚީ އަކުން ވެސް މި ރާއްޖޭގެ ޓޫރިޒަމުގައި ވަރަށް ފުޅާ ރެނދު ލައިފައި އެބަހުރިކަން އެނގިވަޑައިގަންނަވާނެއެވެ.

ރާއްޖެ އަށް އައިސްފައި ދާ ޓޫރިސްޓަކު ކޮށްލާ ކުޑަ ކުޑަ "ޝަކުވާ" އަކުން ވެސް މި އިންޑަސްޓްރީ އަށް ލޮޅުން އަރައިފައި އެބަ ހުއްޓެވެ. ރިސޯޓެއްގައި ޓޫރިސްޓަކާ މެދު އަމަލު ކުރެވޭ ނޭދެވޭ ގޮތެއްގެ ސަބަބުން ވެސް މުޅި ޓޫރިޒަމް އިންޑަސްޓްރީ ގުޑުވައިލައިފައި އެބަ ހުއްޓެވެ. އަތޮޅު ތެރޭގެ ރަށެއްގައި ހިންގާ ހަމަނުޖެހުމެއްގެ ސަބަބުން ވެސް މުޅި ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކޮށްފައި އެބަ ހުއްޓެވެ. މާލެ ތެރޭގައި ސިޔާސީ ވެރީން ޖަހާ "ސަކަރާތެއް" ގެ ސަބަބުން ވެސް ރާއްޖޭގެ ނާޒުކު ޓޫރިޒަމް އިންޑަސްޓްރީ އަށް ބަނަކަން އައިސްފައި އެބަ ހުއްޓެވެ.

މި ހުރިހައި ކަމަކާ ނިސްބަތްކޮށް ބަލާއިރު ހަމަ މީހަކު އެއްޗެއް ބުނުމާއި، ރައީސް ނަޝީދު އެއްޗެއް ވިދާޅުވުމާ ދެމެދު ހާސް ތަފާތު އެބަހުއްޓެވެ. މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޓޫރިޒަމް އިންޑަސްޓްރީގައި ސީދާ ގޮތުން ވަޒީފާ އަދާ ކުރާ ދިވެހީންގެ އަދަދު އެތައް އެތައް ހާހަކަށް އަރަ އެވެ. އެ މުވައްޒަފުންގެ ވަޒީފާއިން ލިބޭ އާމްދަނީން އެތައް މަންމަ އަކާއި ބައްޕައެއްގެ ޚަރަދުތައް ކުރެވެމުންދެ އެވެ. އެތައް ބޭބެ އަކާއި ކޮއްކޮއެއްގެ ކިޔެވުމުގެ ކަންކަން ބެލެހެއްޓެމުންދެ އެވެ. އެތައް ދައްތަ އަކާއި ކާފަ އަކާއި މާމައެއްގެ ބޭސްފަރުވާ ކުރެވެމުންދެ އެވެ. އެތައް ތުއްތު ކުދީންނެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދެ އެވެ. މި ދެންނެވި ލިސްޓްގައި ހިމެނޭ ކަންކަމަކީ އެކަންކަމަށްޓަކައި ރައީސް ނަޝީދު ވަކާލާތު ކުރައްވާ ކަންކަން ކަމުގައި ވާނަމަ އެއާ ފުށުއަރާ ގޮތަކަށް އެއްވެސް އެއްޗެއް ވިދާޅުވުމުގެ މާނައަކީ ކޮބައިތޯއެވެ؟

މިހެން ގޮސް އެތައް ކަމެއް ކިއިދާނެ އެވެ. މި ހުރިހާ ކަމަކުން ވެސް އެނގެނީ ޓޫރިޒަމް އިންޑަސްޓްރީގެ ނާޒުކު ކަމެވެ. އެ އިންޑަސްޓްރީއާ މެދު ފަރުވާތެރި ވާން ޖެހޭ މިންވަރެވެ. އެ އިންޑަސްޓްރީ ގެ އަގު ހިފެހެއްޓުމުގެ މުހިންމު ކަމެވެ. އެ އިންޑަސްޓްރީ އަށް ގަދަރާއި އިހުތިރާމް ދޭން ޖެހޭ މިންވަރެވެ.

ރާއްޖެ އަށް ލިބިފައިވާ ގުދުރަތީ ރީތި ކަމަކީ ކޮންމެ ދިވެއްސަކު ވެސް އުފާވާން ޖެހޭ ފަދަ ރީތި ކަމެކެވެ. މި ރީތި، ހިތްގައިމު ގައުމުގެ ރީތިކަން ބައިނަލްއަގުވާމީ ދުނިޔެ އަށް ދައްކައިދޭ މޫނުމައްޗަކީ ރާއްޖޭގެ އަގުބޮޑު ރިސޯޓު ތަކެވެ. މި އިންޑަސްޓްރީގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރަ އެވެ. މި އަގު ބޮޑު މަންޒިލްގެ ވެރީންނަކީ ދިވެހީންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދުނިޔޭގައި އޮތް އެންމެ ރީތި ގައުމުގެ އަހުލުވެރީންނަކީ އަޅުގަނޑުމެން ދިވެހީންނެވެ. ރާއްޖެ އަށް ލިބޭ ކޮންމެ ރީތި ނަމަކާއި ކޮންމެ ފަޚުރެއްގެ މިލްކުވެރިޔަކީ އަޅުގަނޑެވެ. ތިޔަ ބޭފުޅާ އެވެ. އަޅުގަނޑުމެންގެ އާއިލާ ތަކެވެ. އަޅުގަނޑުމެން ހުރިހާ ދިވެހީންނެވެ.

އެހެން ކަމުން ނިކަން ވިސްނައިލަމާ ހިންގަވާށެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ގޮތުން ނޭދެވޭ ވާހަކައެއް ދެއްކުން އެއީ ކުރާން ހެޔޮވާ ވަރުގެ ކަމެއްތޯ އެވެ؟ ހަމަ ގައިމުވެސް އަޅުގަނޑަކަށް އެއްބަހެއް ނުވެވެ އެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވާންވީ މި އިންޑަސްޓްރީ އަށް ހެޔޮ ދުއާ ކުރާ މީހަކަށެވެ. މި އިންޑަސްޓްރީ އަށް ތައުރީފުކުރާ މީހަކަށެވެ. މި އިންޑަސްޓްރީ އަށް ޓަކައި ފަޚުރުވެރިވާ މީހަކަށެވެ. މި އިންޑަސްޓްރީ އަށް އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދޭ މީހަކަށެވެ. މި އިންޑަސްޓްރީ އަށް ޓަކައި ފަޚުރުވެރިވާ މީހަކަށެވެ. މި އިންޑަސްޓްރީ އަށް ލިބޭ ކޮންމެ ދެރަ އަކީ ތިމާ އަށް ލިބޭ ގެއްލުމެއް ކަމަށް ގަބޫލު ކުރާ މީހަކަށެވެ. އެއީ މި ގައުމަށް ލިބޭ ނިކަމެތި ކަމެއް ކަމަށް ގަބޫލުކުރާ މީހަކަށެވެ.

މި ގައުމަށް ޓަކައި އަޅުގަނޑުމެން ކޮށްދޭން ޖެހޭ ކަމަކީ ގައުމީ ވިސްނުން އިސް ކުރުމެވެ. ގައުމަށް ފައިދާ ހުރި ކަންކަމަށް އެދުމެވެ. ގައުމަށް ދެރައެއް ލިބޭނޭ އެއްވެސް ކަމަކަށް ވާގިވެރި ނުވުމެވެ. އަދި ގައުމަށް ދެރައެއް ލިބޭނެ ފަދަ ގޮތަކަށް ހިންގޭ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމެވެ.

އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވައިލަން ބޭނުން ވަނީ މީހަކު ދައްކާ ވާހަކަ އަކުން ވެސް ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ވާހަކަ އެވެ. މަނިކުފާނު ތިޔަ ވިދާޅުވާ ފަދައިން އަސަރު ނުކުރާނެ ނަމަ، އެފަދަ ނޭދެވޭ ވާހަކައެއް އެއްވެސް މީހަކު ދެއްކުމުގެ މާނައެއް ނެތެވެ. އެވާނީ ބޭކާރު ވާހަކަ އަކަށެވެ. ހުސް ވާހަކައަކަށެވެ. އެހެން ކަމުން އެ ފަދަ ނޭދެވޭ ހުސްވާހަކަތައް ދެއްކުން އަޅުގަނޑުމެން އެންމެން ވެސް ހުއްޓައިލަމާ ހިންގަވާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް