ތިނަދޫގައި ހުޅުޖެހި މައްސަލަ އަނެއްކާވެސް ޝަރީއަތަށް ފޮނުވައިފި

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ކޯޓުން ނެރެނީ ---- ސަން ފޮޓޯ: ޝިފާޒު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ޖެހިގެން އައި ދުވަހު ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ މައްސަލަ އަނެއްކާވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން 89 މީހުންގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ކައުންޓަރުން ވަނީ ލިޔުންތަކާ ހަވާލުވެފައެވެ. އެހެންނަމަވެސް އެ މައްސަލަ ކޯޓުން އަދި ބަލައިގަތް ކަމެއް އެނގިފައެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ، ހޮނިހިރު ދުވަހުގެ 10:00 ގައި ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލު ހާޒިރުވެފައިނުވާތީ އެވެ. އެ މައްސަލަ އަނބުރާ ފޮނުވާލުމަށްފަހު ކްރިމިނަލް ކޯޓުން އާންމުކުރި ބަޔާނެއްގައި ވަނީ ހެކީން ހާޒިރުކުރުމުގައި އެކަށީގެންވާ އެއްބާރުލުމެއް ދައުލަތުގެ ފަރާތުން ލިބެމުންނުދާ ކަމަށެވެ.

އެ 89 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ތިނަދޫ ޕޮލިސްޓޭޝަނާއި އެތަނުގައި ހުރި އެންމެހައި ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލާފައިވާތީ އާއި ގދ. އަތޮޅު ކައުންސިލްގެ އިދާރާގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ އެތަނުގެ ތެރެއަށް ވަދެ އެ އިދާރާގައި ހުޅުޖަހާފައިވާތީ އާއި ތިނަދޫ ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ ކޯޓުގައި ހުޅުޖަހާފައިވާތީ އެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަށް އެ އެންމެން ވެސް ވަނީ އިންކާރުކޮށްފައެވެ.

އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ވެސް ނަގާފައިވަނިކޮށެވެ.

comment ކޮމެންޓް