ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ޖެހިގެން އައި ދުވަހު ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތްކަން އަދި އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެފައި ވަނީ، ވަކީލުން ހާޒިރުނުވުމުން މަދަނީ މައްސަލަތައް އަނބުރާ ފޮނުވާލާގޮތަށް ޖިނާއީ މައްސަލަތައް އަނބުރާ ފޮނުވާލަންޖެހޭނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
ތިނަދޫގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަނީ 89 މީހެއްގެ މައްޗަށެވެ.
އެ މައްސަލައާ ބެހޭގޮތުން ހައިކޯޓުގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ.