ތިނަދޫގައި ހުޅުޖެހި މައްސަލަ: ކައުންސިލަރަކާއެކު 17 މީހަކު ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރުކުރަން އަމުރު ނެރެފި

ދައުވާ ލިބޭ ތިނަދޫ ކައުންސިލަރު އަބްދުﷲ ސަނީފް --- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު ޖެހިގެން އައި ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ހާޒިރުވެފައި ނުވާތީ ތިނަދޫ ކައުންސިލަރު އަބްދުﷲ ސަނީފާ އެކު 17 މީހަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރެފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަކިވަކިން ނެރުނު 17 އަމުރުގައި ވަނީ އެ މީހުންގެ ތެރެއިން ބައެއް މީހުން ކޯޓު އަމުރާ ހަވާލުވެ އޭގައިވާ ގޮތުގެމަތިން ޝަރީއަތަށް ހާޒިރުވެފައިނުވާ ކަމަށެވެ. އަދި އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ގދ. ތިނަދޫ ސްކޫނާ މުހައްމަދު ވާސިފް އާއި އެ ރަށު ވެސްޓްޕޯލްއިރު އަހްމަދު ސަލީމް ޝަރީއަތަށް ހާޒިރުކުރެވޭ ގޮތެއް ނުވި ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

އެހެންކަމުން އެ 17 މީހުން ހައްޔަރުކޮށްގެން އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އެ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ގދ. އަތޮޅު ކައުންސިލްގެ އިދާރާއި ތިނަދޫ ކޯޓާއި ތިނަދޫ ޕޮލިސްޓޭޝަންގެ އިތުރުން އެތަނުގައި ހުރި ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި ޖުމްލަ 89 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފަ އެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ އާދީއްތަ ދުވަހުގެ 2:30ގެ ކުރިން ހެކި ހުށަހެޅުމަށް އެމީހުންނަށް ފުރުސަތު ދިނުމަށް ފަހު އެވެ.

އާދީއްތަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ދައުލަތުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ. އަދި މީގެ ފަހުން އެމީހުންގެ ތެރެއިން އެންމެ މީހަކު ޝަރީއަތަށް ހާޒިރުނުވި ކަމުގައި ވިޔަސް 89 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރު ނެރޭނެ ކަމަށް ވެސް އަބްދުﷲ ގާޒީ ވަނީ އެ މީހުންނަށް އަންގާފަ އެވެ.

comment ކޮމެންޓް