ދެ ހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހަކަށް އެ މައްސަލައާ ގުޅޭ ލިޔުންތައް ދޫކުރެވިފައި ނުވާތީ މިއަދު ބާއްވަން އުޅުނު ޝަރީއަތް ފަސްކޮށްފި އެވެ.
މިއަދު 10:00ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ 35 މީހެއްގެ މައްޗަށް ދައުވާ ލިބޭ މައްސަލައެކެވެ. ނަމަވެސް ޝަރީއަތަށް ހާޒިރުވެފައި ވަނީ އެންމެ ތިން މީހެކެވެ. އެއީ ސ. ފޭދޫ، ބީޗްވިލާ މުހައްމަދު ސައީދާއި ހަމައެރަށު ސުވާސާގޭ އަބްދުﷲ ސައީދުގެ އިތުރުން ސ. މަރަދޫ ފޭދޫ ރޯޝަނީ ހައުސް އަބްދުލްއަޒީޒެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެ ތިން މީހުންނަށް މައްސަލައާ ގުޅޭ ލިޔުންތައް ދޫކުރެވިފައި ނުވާތީ ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ލިޔުންތަކަށް އެދިފައިވާ މީހުންނަށް ވަނީ ލިޔުންތައް ދޫކޮށްފައި ކަމަށެވެ. ނަމަވެސް އެ ތިން މީހުން ލިޔުންތައް ހޯދުމަށް ކޯޓުގައި އެދިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު މިރުޒާދުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް މިއަދު އޭނާ ޝަރީއަތަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގަން ޕޮލިސްޓޭޝަނަށް ގެއްލުން ދިނުމަށް ގޮވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި އަދި އެތަނުގެ އިމާރާތަށާއި މުދަލަށް އޭގެ ތެރެއިން ބައެއް މީހުން ގެއްލުންދީފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި އެމީހުންގެ ތެރެއިން ބައެއް މީހުން އެދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:00 އާ ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެންތިބި ސިފައިންނާ ފުލުހުންގެ ސަފުތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.