ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާގެ ބަންދަށް ކްރިމިނަލް ކޯޓުން އަނެއްކާ ވެސް އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ.
އެ މައްސަލައާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް އިތުރު ކޮށްދިނީ ފަސް ދުވަހެވެ. އަދި ދެވަނަ ފަހަރަށް ހަތް ދުވަސް އިތުރުކުރިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ, އައްބާސް އާދިލް ރިޒާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ހަތް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވައި އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން ވަނީ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައި ޓްވީޓެއް ކުރައްވާފައެވެ.
އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއަން އެންބަސީގެ ކިބައިން އެކަމުގެ ބަދަލު ހިފަން ފަށަން ޖެހޭ ކަމަށް އެ ޓުވީޓުގައި ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
އައްބާސް އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ޕީޕީއެމްގެ ސަރުކާރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އައްބާސްގެ ގޮވާލުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވެފައިވަނީ ޓެރެރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގޮވައިލާ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތެކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.