"ރާއްޖޭގައި މުޅިން ވެސް ހަމަނުޖެހުން. އަހަރުމެންނަށް އަމާންކަމެއް ނެތްތަ؟،" ސޭވްމޯލްޑިވްސް ހޭޝްޓެގާ އެކު މީހަކު ޓްވީޓާގައި ބުނެފައިވެ އެވެ.
Violence in #Maldives I've been hearing people say, "can't we just have peace"
#prayforMaldives #SaveMaldives
— i b u♕™ איברהים (@ibumohd) August 2, 2014
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ކ. ތުލުސްދޫ ހިމެނޭ ގޮތަށް އަށް މީހަކަށް ވަނީ ތޫނު އެއްޗެހިން ހަމަލާދީފަ އެވެ. އެ މާރާމާރީތަކުގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ. ރިޔާސީ އިންތިހާބަށް ފަހު އަށް މަސް ދުވަސް ވަރު އަމާންކަމާ އެކު މާލެ އޮވެފައި އަނެއްކާ ވެސް ބިރުވެރިކަމުގެ ދުވަސްތަކަކާ މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މާރާމާރީ އާއި މީހުން މެރުމުގެ ސިލްސިލާ އަނެއްކާ ވެސް ފެށިފައިވާ އިރު އުފެދޭ ސުވާލަކީ ހަމަނުޖެހުންތަކާ ގުޅުން ނެތް މީހުންނަށް އަމާންކަން އެބަ އޮތް ބާވަ އެވެ؟ ގޭންގަކަށް ނިސްބަތް ނުވާ މީހުންނަށް ހަމަޖެހިލައިގެން އުޅެލެވިދާނެބާވަ އެވެ؟ މާލޭގައި ތިބޭފުޅާއަށް އަމާންކަން އިހުސާސްވޭބާވަ އެވެ؟
"އަހަންނަށް މާލޭގައި އުޅޭއިރު އަމާންކަމެއް އިހުސާސެއް ނުވޭ. ވަރަށް ޖެހިލުންވޭ ބައެއް ފަހަރު،" މާލޭގައި ދިރިއުޅޭ މީހެއް ކަމަށްވާ މުހައްމަދު އަފްސަލް، 34، ބުންޏެވެ.
އެމީހަކު ދިރިއުޅޭ ރަށެއްގައި އަމާންކަމާ އެކު ދިރިއުޅެލެވުމަކީ އެންމެ ބޮޑު އެއް ހައްގެވެ. އެކަމަކު އަފްސަލް ބުނާ ގޮތުން އޭނާ އަދި އޭނާގެ ގިނަ ރައްޓެހިން ރޭގަނޑު މާލޭގައި ދަތުރު ކުރަނީ ވެސް ވަކި ހިސާބުތަކަކަށް ނާރައި، ބިރުވެރިކަމާއެކު ކަމަށެވެ.
"އަހަރެން އެކަންޏެއް ނޫން ޖެހިލުންވަނީ. ބައެއް ގޭންގުތައް އުޅޭ ހިސާބަކުން ރޭގަނޑު ދަތުރު ކުރަން ވެސް މީހުން ޖެހިލުންވޭ. އަހަރެން ދަންނަ މީހުން އުޅޭ ހަމަ ވަރަށް ބަލައިގެން ރޭގަނޑު މާލޭގައި އުޅޭ މީހުން،" އަފްސަލް ބުންޏެވެ.
އަފްސަލް އެ ބުނީ ތެދެކެވެ. މާލޭ މަގުމަތީގައި ރޭގަނޑު ބިރުވެރިކަމެއް ނެތި ގޭންގު މީހުން ފިޔަވައި އުޅޭނީ މަދު މީހެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
"މަގުމަތީ އަމާންކަމެއް ނެތް. މަސައްކަތް ކުރާ ތަނުގައި އަމާންކަމެއް ނެތް. ގޭގައި އަމާންކަން ލިބޭތަ؟،" ޓްވީޓާގައި މީހަކު ބުނެފައިވެ އެވެ.
Unsafe on road, unsafe at workplace but are you safe at home either? #SaveMaldives #PrayForMaldives… http://t.co/LJp3cWM5Pg
— i b u♕™ איברהים (@ibumohd) August 2, 2014
'ސަން'އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އަންހެނެއްގެ ގަޔަށް މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ހަމަލާދީފައި ވަނީ އޮޅިގެން އެހެން މީހެއް ކަމަށް ހީވެގެންނެވެ. އެނގިފައިވާ ގޮތުގައި ވަޅި ހެރި މީހުން މަސައްކަތް ކުރީ ބޯ ދިގުކޮށްފައި ހުރި ފިރިހެނެއްގެ ގަޔަށް ހަމަލާދޭށެވެ. އަދި އިއްޔެ ހެންވެއިރު އަޑިޕާކުގައި 11 ތަނަކަށް ވަޅި ހަރައި މަރާލާފައިވާ އުމުރުން އެންމެ 18 އަހަރުގެ މުހައްމަދު މާޒިން އަކީ ވެސް ގޭންގުތަކާ ގުޅުން އޮތް މީހެއް ނޫން ކަމަށް އެނގިފައިވެ އެވެ.
"ވަޅި ހަރާފާނެ ނުދަންނަ، ކަމާ ނުބެހޭ މީހެއް ގަޔަށް ވެސް. އަހަންނަކަށް ނޭނގޭ މަގޭ ގަޔަށް ވަޅި ނުހަރާނެ ކަމެއް ވެސް. އެއްގޮތަކަށް ވެސް ހަގީގަތުގައި މާލެ ސޭފްއެއް ނޫން،" ވިޝާމް ފާރޫގް، 30، ބުންޏެވެ.
މާލޭގައި ގޭންގުތަކަށް ނިސްބަތްވާ މީހުންނަށް ވުރެ ޔަގީނުން ވެސް ގިނަ ވާނީ އަމާންކަމާއި ސުލްހައަށް ލޯބި ކުރާ މީހުންނެވެ. އެއް ލައްކައަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މި ރަށުގައި އެމީހުންނަށް އަމާންކަން އިހުސާސް ނުވުމަކީ ބޮޑު މައްސަލައެކެވެ. އަހަރުމެންގެ ދިފާއުގައި ނުކުންނަން ތިބި ބަޔަކީ ފުލުހުންނެވެ. މާރާމާރީތަކާއި ލޭ އޮހޮރުވުން ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ލިބިގެންވޭބާވަ އެވެ؟ ފުލުހުން ބުނަނީ އެމީހުންނަށް އެކަން ވާނެ ކަމަށެވެ. އެކަމަކު ރައްޔިތުން ފުލުހުންނަށް އެ އިތުބާރު ކުރޭ ބާވަ އެވެ؟
"ފުލުހުންނަކަށް މާރާމާރީތަކެއް ނުހުއްޓުވޭނެ. އެއީ މިހާތަނަށް ވެސް އެކަން ވެފައި ނެތީމަ. މާރާމާރީ ގިނަވާ ދުވަސްކޮޅަކު ވިއްޔާ ފުލުހުން އުޅޭނެ ވަރަށް އެކްޓިވްކޮށް. އެ ދުވަސްކޮޅު ދެން އާންމު ރައްޔިތުންނަށް ވެސް ވަރަށް އުނދަގޫވާނެ މަގުތައް މަތިން ހުއްޓުވައި ހަދާ ވަރުން. އެކަމަކު އެކަށީގެންވާ ފިޔަވަޅެއް ދެމެހެއްޓެނިވި ގޮތެއްގައި ދުވަހަކު ވެސް ނާޅާނެ،" ކުރިން ވާހަކަ ދެއްކި އަފްސަލް ބުންޏެވެ.
މިހާރު މި ހިނގަމުންދާ މާރާމާރީތަކާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އެއީ ބަދަލު ހިފުމުގެ ގޮތުން ހިންގާ މާރާމާރީތަކެއް ކަމަށެވެ. ނަމަވެސް އެއީ ބަދަލު ހިފުމުގެ ގޮތުން ހިންގާ މާރާމާރީތަކެއްކަން ނުދަންނަ މީހަކު މަދުވާނެ އެވެ. އާންމުންނަށް ވެސް އެކަން އެނގެ އެވެ.
"އެއް ބަޔަކު ވަޅި ހަރާ އިރަށް އަނެއް ބަޔަކު ވެސް އެކަން ކުރާނެކަން އެނގޭ. ބަދަލު ހިފަން ހަމަލާދޭނެކަން އެބަ އެނގޭ ފުލުހުންނަށް ވެސް. އެކަން ހުއްޓުވަން ކީއްވެ ކަމެއް ނުކުރަނީ؟،" އަފްސަލް ސުވާލު ކުރި އެވެ.
މާރާމާރީތަކާއި މީހުން މެރުން ރާއްޖޭގައި އާންމުވިތާ މިހާރު މިއޮތީ އެތައް އަހަރެއްވެފަ އެވެ. މިކަމުގެ ސަބަބުން އެތައް ނުރަނގަޅު ނަތީޖާއެއް އެބަ ނިކުމެ އެވެ. އެންމެ ބޮޑު އެއް ކަމަކީ ރައްޔިތުންގެ ހިމާޔަތުގައި ތިބޭ މީހުންނަށް އެމީހުން އިތުބާރު ނުކުރުމެވެ.
"ތިބޭތީވެ ތިބެންޖެހޭ ބައެއްގެ ގޮތުގައި ފުލުހުން ސިފަ ވަނީ މިހާރު. އެއްވެސް މިންވަރަކަށް އަމާންކަމެއް އިހުސާސެއް ނުވޭ ފުލުހުން ތިއްބަސް މިތާންގައި،" ކުރިން ވާހަކަ ދެއްކި ވިޝާމް އޭނާގެ ހިޔާލު ބުނެދިނެވެ.
ވިޝާމް ފަދަ މީހުން ފުލުހުންނަށް މުޅިން އިތުބާރު ކަނޑާލި ނަމަވެސް މާލެއަށް އަދި ރާއްޖެއަށް ފުލުހުންނަށް ސުލްހަ ގެނެވިދާނެ ކަމަށް އަދިވެސް މީހުން ގަބޫލު ކުރެ އެވެ.
"މާރާމާރީ ހިނގާނެ. ރެންޑަމްކޮށް މިހެން ހިނގާ ކަންތައް ކުރިއަށްދާނެ ފުލުހުން ކިތަންމެ ރަނގަޅުވި ނަމަވެސް. އެކަމަކު ސިލްސިލާ މާރާމާރީތައް ހުއްޓުވޭނެ ފުލުހުންނަށް. އެ ގާބިލްކަން ވެސް އެބަހުރި. ހަމައެކަނި ކުރަންޖެހޭނެ ކަމަކީ އެކަމެއް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުން،" އިސްމާއިލް މުހައްމަދު، 40، ބުންޏެވެ.
އިސްމާއިލް އެ ބުނީ ހަމަ ރަނގަޅު ވާހަކަ އެކެވެ. ފުލުހުން ކުރަންޖެހޭ ހަމައެކަނި ކަމަކީ އެމީހުންގެ ވާޖިބު އަދާ ކުރުމެވެ. ދިވެހި ފުލުހުންނަށް ވުރެ ބާރުގަދަ އެއްވެސް ގޭންގެއް ނުވަތަ އެހެން ވެސް ބަޔަކު މި ރާއްޖެއަކު ނުތިބޭނެ އެވެ. މާރާމާރީތައް ވެސް މީހުން މެރުން ވެސް ފުލުހުންނަށް ހުއްޓުވިދާނެ އެވެ. ފުލުހުންނަށް ރައްޔިތުން ކުރި އިތުބާރު ވެސް އަލުން އާ ކުރެވިދާނެ އެވެ. ވާޖިބު އަދާ ކުރައްވާށެވެ.