ހުރިހާ ފަތުރުވެރިންނަށް ވެސް މަރުހަބާ ކިޔަންޖެހޭ

ތުލުސްދޫ އިން: ހަސަން މުހައްމަދު

ކ. ތުލުސްދޫގައި މިއަދު އެންމެ ހިތާމަވެރި މީހަކަށް ހުރީ މި ރަށު ޖައުފަރު ހަމީދެވެ. ޖައުފަރު ދެރަވެފައި ނުވަތަ އޭނާ ބުނާ ގޮތުން ނަމަ "ޑިޕްރެސްވެފައި" މިއަދު އެ ހުރީ އާއިލީ މީހަކު މަރުވެގެން ނުވަތަ އެފަދަ ހާދިސާއެއް ދިމާވެގެނެއް ނޫނެވެ. ޖައުފަރަކީ މި ފިތުރު އީދު ދުވަހު ތުލުސްދޫގައި އިޒްރެއިލް މީހުންނާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމުގައި އިސްކޮށް ހުރި އެކަކެވެ. އޭނާ އެ ހިތާމަ ކުރަނީ އެކަން ކުރެވުނީތީ އެވެ.

"އަހަރުމެންގެ ބޭނުމަކަށްވީ އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ޝުއޫރު ފާޅު ކުރުން އެމީހުން [އިޒްރެއިލު މީހުން] ވެސް ރަށުގައި ބައިތިއްބައިގެން. އެއްވެސް ވަރަކަށް އަހަރުމެންގެ މަގްސަދެއް ނޫން އެމީހުން ރަށުން ބޭރު ކުރުމަކީ. އެއީ އަހަރުމެން ބޭނުންވާ ގޮތެއް ވެސް ނޫން،" ޖައުފަރު ބުންޏެވެ. "އެކަމަކު އެކަމުގެ ސަބަބުން ނިކުތް ނަތީޖާ ވަރަށް ގޯސް."

މިދިޔަ ހޯމަ ދުވަހު ތުލުސްދޫއަށް ޗުއްޓީ ހޭދަ ކުރަން ގޮސް ތިބި 34 ޓުއަރިސްޓަކު ވަނީ އެ ރަށުން ފައިބަންޖެހިފަ އެވެ. އެއީ 12 އަހަރާއި 15 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ގޮތަށް އިޒްރޭލުގެ 30 ފަތުރުވެރިއަކާއި އެމެރިކާގެ ދެ މީހުންނާއި ބްރެޒިލްގެ ދެ މީހުންނެވެ. އީދު ދުވަހުގެ ރޭ ކުއްލި ގޮތަކަށް އެމީހުން ރަށުން ފައިބައިގެން ދާންޖެހުނު ސަބަބަކީ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރުމަށް ރަށުން ބޭރުން ގިނަ އަދަދެއްގެ މީހުން އަންނަ ކަމުގެ މައުލޫމާތު ލިބިގެން އެމީހުންގެ ސަލާމަތްތެރިކަން ދިވެހި ދައުލަތަށް ކަށަވަރު ނުކޮށްދެވުމުންނެވެ.

ޝުއޫރު ފާޅުކުރުން

"އަހަރުމެން ހެދި ގޮތަކީ އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭތީ އެކަމާ ދެކޮޅަށް ހިޓްލަރު ބުނި ބުނުމަކާއި ހިޓްލަރުގެ ލޯގޯ [ސްވާސްޓިކާ ލޯގޯ] ޖަހާފައި އިން ބޯޑަކާއެކު ތިން ބޯޑެއް ތައްޔާރު ކުރީ ލިޔުމާއި އެކި ލޯގޯތަކާ ޖަހާފައި. އެ ބޯޑުތައް ހަރުކުރީ އިރުމަތީ ފަރާތު އަތިރިމަތީ ހުރި ރުށްތަކެއްގައި. އެކަމަކު އަހަރުމެންގެ މަގްސަދެއް ނޫން ގެސްޓުންނާ ބެހުމަކީ. އަހަންނަކީ ގެސްޓް ހައުސްއެއް ހިންގާ މީހެއް. އެހެންވީމާ އަމުދުން އަހަންނެއް ބޭނުމެއް ނުވާނެއެއްނު ގެސްޓުންނާ ބެހި އެކަހަލަ ކަމެއް ކުރާކަށް،" ޖައުފަރު ކިޔައިދިނެވެ.

ޖައުފަރު ބުނީ އެމީހުން ހަރުކުރި ތިން ބޯޑުގެ ތެރެއިން ބޯޑެއް ރާޅާ އަޅާފައި އެއްގަމަށް އެރި ގެސްޓަކު ހަލާކުކޮށްލީ ކަމަށެވެ. އެވަގުތު ރުޅި އައިސް އެ ހިސާބުގައި ތިބި މީހުންތަކެއް ވެގެން އިތުރު ބޯޑުތަކެއް ހެދުމަށް ފަހު ހަމަ އެ ސަރަހައްދުގައި ހަރު ކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަހުން އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ފެނިގެން ބޯޑުތައް އޭނާ ނައްޓާލީ ކަމަށް ވެސް ޖައުފަރު ބުންޏެވެ.

ޖައުފަރުމެންގެ މަގްސަދަކީ ބޯޑުތަކުގައި ލިޔެ ޝުއޫރު ފާޅު ކުރުން އެކަނި ކަމަށްވި ނަމަވެސް އެކަންތައް ބޮޑުވެ، މާސިންގާ މައްސަލައަކަށްވެ، ރާއްޖެއިން އެތައް ގެސްޓަކު ވަނީ ފައިބަންޖެހިފަ އެވެ. މިކަންތައް މިހާ ހިސާބަށް ދާންޖެހުނީ ކީއްވެގެންބާވަ އެވެ؟

"ދެން އެތަނުގައި އެ ވަގުތު ހުރި ކުއްޖަކު ފޯނުން ފޮޓޯއެއް ނަގާފައި ފޭސްބުކް އަށް ލީ. އެ ހިސާބުން މުޅި ރާއްޖެ އަށް މިކަން އެނގި ރަށުން ބޭރުން މީހުން ވެސް އައީ،" ޖައުފަރު ބުންޏެވެ.

ސޯޝަލް މީޑިއާގައި ހުރި ފޮޓޯތަކުން އެނގޭ ގޮތުގައި ތުލުސްދޫގައި އިޒްރެއިލުގެ ގެސްޓަކު ހަލާކުކޮށްލާފައި ހުރި ކަމަށް ބުނާ ބޯޑަކީ ސްވާސްޓިކާއެއް ކުރަހާފައިވާ ބޯޑެކެވެ. (ސްވާސްޓިކާއަކީ ޖަރުމަނުގެ ކުރީގެ ލީޑަރު އެޑޮލްފް ހިޓްލަރު ބޭނުން ކުރި ލޯގޯ އެވެ. ޔަހޫދީންނާ ދެކޮޅަށް ހިޓްލަރު އެތައް އަހަރެއް ވަންދެން ހިންގި ގަތުލްއާންމުގައި އެތައް މިލިއަން ޔަހޫދީންނެއް ވަނީ މަރައިފަ އެވެ. އެއިރު ދުނިޔޭގައި ޔަހޫދީންގެ އާބާދީއަކީ 10 މިލިއަނެވެ. އެކަމަކު ހިޓްލަރުގެ ޖަރުމަނު ބަލިވެގެން ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު އޭގެ ތެރެއިން ހަ މިލިއަން މީހުން ހިޓްލަރު ވަނީ މަރައިފަ އެވެ.)

ރަށުން ބޭރުން މީހުން އައުން

އިޒްރެއިލާ ދެކޮޅަށް ތުލުސްދޫގައި ހަރުކުރި ބޯޑެއް އިޒްރޭލުގެ ގެސްޓަކު ހަލާކުކޮށްލި ކަމަށް ބުނާ މައްސަލައިގައި ތުލުސްދޫ އަށް ދެ ފަހަރެއްގެ މަތިން 10 މީހުންގެ ގްރޫޕަކާއި 15 މީހުންގެ ގްރޫޕެއް އައެވެ. އޭގެ ތެރެއިން ފުރަތަމަ ގްރޫޕު އައީ ރޭގަނޑު 7:45 ހާއިރު ލޯންޗެއްގަ އެވެ.

"އެމީހުން ރަށަށް އައީމަ އެމީހުންނާ ވާހަކަ ދައްކައި ފުލުހުންނާ އެކު އެމީހުން އައީ ޕޮލިސް ސްޓޭޝަނަށް. އެމީހުން ގޮވައިގެން ނަމާދަށް ވެސް ކާން ވެސް ފުލުހުން ދިޔަ،" އަދާ ކުރާ ވަޒީފާގެ ބާވަތުން ނޫހުގައި ނަން ނުޖެހުމަށް އެދި ތުލުސްދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތުލުސްދޫއަށް މުޒާހަރާ ކުރަން އައި ދެ ވަނަ ގްރޫޕު ރަށަށް އެއީ 9:30 ހާއިރު ކަމަށްވެ އެވެ. އެމީހުން ތިބި ލޯންޗު ރަށާ ކައިރި ކޮށްފައި ވަނީ އުޅަނދުގެ ނެވިގޭޝަން ލައިޓް ނިއްވާލައިގެންނެވެ. ނަމަވެސް ތުލުސްދޫއަކީ ރަށުގެ ހުޅަނގު ފަރާތުގައި ހުންނަ ނެރުގެ އިތުރުން އުތުރު ފަރާތުން ވެސް ރަށަށް އުޅަނދުތަކަށް ވަދެވޭ ވަރަށް ފަޅު ފުން ރަށެއް ކަމުން ފުލުހުން ދިޔައީ ރަށުގެ ހުރިހާ ދިމާލެއްގައި ވެސް ފޯރިމަރަމުންނެވެ.

"އެމީހުން އެރި ގޮތަށް ފުލުހުންނާ ބޮޑު ޒުވާބެއް ދިޔައީ. އެތައް އިރަކު ފުލުހުންނާ ދިމާލަށް އެމީހުން އެތާ ތިބެ ހަޅޭއްލެވި،" އެ ގްރޫޕު ރަށަށް ފެއިބި ވަގުތު އެތަނުގައި ހުރި މީހަކު ބުންޏެވެ.

ދެ ވަނަ ގްރޫޕު ގޮވައިގެން ފުލުހުން ދިޔައީ އިޖްތިމާއި މަރުކަޒަށެވެ. ތުލުސްދޫގައި ތިބި ޓުއަރިސްޓުން ރަށުން ބޭރުވީ އެވަގުތެވެ.

ސަން އޮންލައިނަށް ވަނީ ރަށުން ބޭރުން ތުލުސްދުއަށް އައި ދެ ވަނަ ގްރޫޕު ރަށަށް ފައިބައިގެން ފުލުހުންނާ ޒުވާބު ކުރި މަންޒަރުގެ ވީޑިއޯތަކެއް ލިބިފަ އެވެ. އެ ވީޑިއޯގައި ހަރުކަށި އިބާރާތްތައް ބޭނުންކޮށްފައި ހުއްޓެވެ. އަދި ޕާކިސްތާނުގައި މީގެ އަހަރުތަކެއް ކުރިން ހަތިޔާރާއެކު ހައްޔަރު ކުރި ނުވަ ދިވެހިންގެ ތެރޭގައި ހިމެނޭ މީހަކު އެ މީހާގެ ނަން ބުނެ ތަކުރާރުކޮށް ގޮވާފައިވެ އެވެ. އަދި "ހިމަންދޫގައިވީ ގޮތް ހަނދާން ކުރާތި، ހިމަންދޫގައިވީ ގޮތް ހަނދާން ކުރާތި"، އެގޮތަށް ބުނެ ފުލުހުންނަށް އިންޒާރު ދީފައިވެ އެވެ.

ރައްޔިތުންގެ ހިޔާލު

"މުޒާހަރާ ކުރުމަކީ ރަނގަޅު ކަމެއް. ޝުއޫރު ފާޅު ކުރަންވީ ހަމަ. އެކަމަކު ގެސްޓުން ރަށުން ބާލައިގެން ނުވާނެ. އެއީ އަހަރުމެން ބޭނުންވާ ގޮތެއް ނޫން. އެކަމުން ކައިގެން ބޮއެގެން [ގެސްޓް ހައުސްގެ ވިޔަފާރިން އާމްދަނީ ލިބޭ] އުޅޭ މީހުން ބައިވަރު އުޅޭ،" ތުލުސްދޫގެ ރައްޔިތެއް ކަމަށްވާ އަބްދުލްމަންނާނު ބުންޏެވެ.

ތުލުސްދޫ ރަށު ކައުންސިލްގެ ރައީސް އަނީސް އަހުމަދަކީ މި ރަށުގައި ދިރިއުޅޭ 3000 އަށް ވުރެ ގިނަ މީހުންގެ އާބާދީގެ "ބައްޕަ" އެވެ. މީހުންނާ އެކުވެރި އަބަދުމެ ރަށުގެ ހާލަތު ބަލަމުންދާ މީހެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ ހުރިހާ ހުއްދަތަކެއް ހޯދައިގެން އަންނަ ގެސްޓަކު ރަށުން ބޭރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

"އިމިގްރޭޝަނާ އަދިވެސް ސަރުކާރުން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން އައީމަ އަޅުގަނޑުމެންނަކަށް ޖެއްސޭނެ މައްސަލައެއް ނޯންނާނެ،" އަނީސް ވިދާޅުވި އެވެ.

އަނީސްގެ ވާހަކަ އަށް ތާއީދުކޮށް ތުލުސްދޫގެ ޒުވާނެއް ކަމަށްވާ އިބްރާހިމް ޒާހިރު ބުނީ "ގެސްޓުން އަންނަންޖެހޭނެ" ކަމަށެވެ. އަދި ރަށަށް އަންނަ އެކި ގައުމުތަކުގެ މީހުންނާ މެދު ތަފާތު ކުރުމަކީ މައްސަލައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އިޒްރެއިލުގެ ގެސްޓުން އައުން އެއީ މައްސަލައެއް ނޫން ކަމަށް ރަށުގެ ގިނަ މީހުން ބުނި ނަމަވެސް އިޒްރެއިލުގެ މީހުން އައުމާ ދެކޮޅު ބައެއް މީހުން ވެސް ރަށުގައި އުޅެ އެވެ. އޭގެ ތެރެއިން އެކަކަކީ ރަށުގެ ހީވާގި މަސްވެރިއެއް ކަމަށްވާ އިބްރާހިމް އަލީ އެވެ.

"އަހަރެން ހިތްހަމައެއްނުޖެހޭ އިޒްރެއިލުގެ މީހުން މި ރަށަށް އަންނާކަށް. އެއީ މުސްލިމުންނަށް އެހާ އަނިޔާ ދޭ ބަޔަކު އަންނަން ބޭނުން ނުވަނީ ހަމަ. މީހުން މަރާއިރު ކުޑަކުދިންނަކަށް ވެސް ބަލަނީއެއް ނޫން އަދި އެމީހުން (އިޒްރެއިލުން)،" ގާޒާ އަށް އިޒްރެއިލުން ދެމުންދާ ހަމަލާތަަކަށް ރިއާޔަތްކޮށް އިބްރާހިމް ބުންޏެވެ.

އިޒްރެއިލު މީހުން ރަށަށް ގެސްޓުންގެ ގޮތުގައި އައުމަށް އިބްރާހިމް ނުރުހުން ނަމަވެސް އެ ރަށަށް ގެސްޓުންގެ ގޮތުގައި އައިސް ތިބި މީހުން އޭނާ ބުނާ ގޮތުން ނަމަ "ގަދަކަމުން، ރަށުން ބޭރުން މީހުން އައިސް މުޒާހަރާކޮށް ބޭރުކުރުމަކީ" ރަނގަޅު ކަމެއް ނޫނެވެ.

ގެސްޓް ހައުސް ވިޔަފާރި

ތުލުސްދޫއަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރާއްޖޭގެ ކުދި އެތައް ރަށެއްގެ ތެރެއިން އެއް ރަށެވެ. މީގެ ފަސް އަހަރު ކުރިން 2009 ގައި މި ރަށުގައި "ތުލުސްދޫ ސާފް ކޭމްޕް"ގެ ނަމުގައި ގެސްޓް ހައުސް އެއް ހުޅުވިފަހުން މިހާރު މި ރަށުގައި ނުވަ ގެސްޓް ހައުސް އެބަހުއްޓެވެ. ގެސްޓް ހައުސްއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މިހާރު ވެސް ދެ އިމާރާތެއް އެބަ އަޅަމުންދެ އެވެ. އޭގެ ތެރޭގައި 50 އެނދުގެ ގެސްޓް ހައުސްއަކާއި 30 އެނދުގެ ގެސްޓް ހައުސްއެއް ހިމެނެ އެވެ. ފުޅާވަމުން އަންނަ މި ވިޔަފާރީގެ ފައިދާ ރަށުގެ ހުރިހާ ދިމާލަކުން ފެނެ އެެވެ.

"ރަށަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ގެސްޓް ހައުސް ވިޔަފާރިން. ހަމައެކަނި ގެސްޓް ހައުސްތަކަކަށް ނޫން އެ ވިޔަފާރީގެ ސަބަބުން އިތުރު ބައިވަރު ވިޔަފާރިތަކަށް ފުރުސަތު ލިބޭ. ގެސްޓަކަށް މިތަނުން ކުރުނބައެއް ވިއްކާލިޔަސް ދެ ޑޮލަރު ލިބޭނެ،" މިރަށު އަތިރިމަތީގައި ހުރި ހޮޅުހައްޓެއްގައި އިނދެ މަސްވެރިއެއް ކަމަށްވާ އަބްދުލްމުހްސިން ބުންޏެވެ.

ކޮކާ ކޯލާ ފެކްޓަރީއަކީ ތުލުސްދޫގެ ޒުވާނުންނަށް ވަޒީފާ ދޭ "މެޝިން" އެކެވެ. ގެސްޓް ހައުސް ވިޔަފާރި ފެށުމުން މިހާރު އެ ވިޔަފާރިއަކީ ވެސް ތުލުސްދޫ ޒުވާނުންނަށް ރަށުން ވަޒީފާ ހޯދުމަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.

"ހަމައެކަނި ވަޒީފާއެއް ވެސް ނޫން. ޑޮލަރު އެންމެ ތާށިވި ދުވަސްކޮޅުގައި ވެސް ބޭންކު ރޭޓުން މި ރަށުގެ ރައްޔިތުންނަށް ޑޮލަރު ލިބޭނެ. ކުދި ލޯންޗުތައް ވެސް މިހާރު ބައިވަރު،" ކައުންސިލަރު އަނީސް ވިދާޅުވި އެވެ. "ޓުއަރިޒަމް ދާއިރާއިން މި ރަށުގެ ކުދިންނަށް ސްކޮލާޝިޕް ދޭނަމޭ ވެސް އިންވެސްޓަރަކު ބުނެފައި އޮތީ.

ގެއްލުން

ވިޔަފާރި ކިހިނެއްތޯ އެހުމުން މި ރަށުގައި ބޮޑު ގެސްޓް ހައުސްއެއް ހިންގާ ފަރާތެއް ކަމަށްވާ އާދަމް ބުނީ "ވިޔަފާރި ވަރަށް، ވަރަށް ރަނގަޅު" ކަމަށެވެ. އެކަމަކު މި އީދު ދުވަހު ތުލުސްދޫ ހިނގައި ދިޔަ ކަންތައްގަނޑަށް ފަހު ގެސްޓް ހައުސްގެ ވިޔަފާރިއަށް ހިޔަނި އެޅިފައިވާ ކަމަށް ބުނުމަކީ ދޮގަކަށްނުވާނެ އެވެ.

"އެކަންތައް [ގެސްޓުން ފައިބަންޖެހުން ފަހުން] މިހާރު ދެ ބުކިން ކެންސަލްވެއްޖެ. އެއީ 3000 ޑޮލަރު [46،260 ރުފިޔާ]. އެއީ އަދި އިޒްރެއިލް މީހުންނެއް ވެސް ނޫން. އިޓަލީ ގްރޫޕެއް އެއީ،" އާދަމް ބުންޏެވެ.

މި ރަށުގައި ގެސްޓް ހައުސް ހިންގާ ބައެއް އެހެން ފަރާތްތަކުން ވެސް ދަނީ ބުކިންގްސްތައް ކެންސަލްވަމުންދާ ކަމަށް ނޫހަށް މައުލޫމާތު ދީފަ އެވެ. ތުލުސްދޫއަށް އަންނަން ބޭނުންވާ ގެސްޓުން ބުކިން ކެންސަލް ކުރުމުގެ އިތުރުން ވެސް ޓުއަރިޒަމްގެ ވިޔަފާރިއާ ގުޅިފައިވާ ބައެއް ވިޔަފާރިތަކަށް ވެސް ދަނީ ގެއްލުންތައް ވަމުންނެވެ.

"މި ރަށް ކައިރި އޮންނަ ބައެއް ރިސޯޓްތަކުން އެކްސްކާޝަންތަކަށް އަންނާނެ ކޮންމެ ދުވަހަކުހެން މި ރަށަށް. އެކަމަކު މިހާރު އެކަން ހުއްޓާލައިފަ އޮތީ. އަޅުގަނޑުމެން އެކި ފަރާތްތަކާ ގުޅިގެން ވާހަކަ ދައްކަމުން މި ދަނީ އެކަން އަލުން ހަމަޖެއްސޭތޯ. އެކްސްކާޝަންތަކަކީ ވެސް މި ރަށަށް ފައިސާ ވަނުމަށް އޮތް ބޮޑު ދޮރެއް،" ކައުންސިލްގެ ރައީސް ބުންޏެވެ.

ޓުއަރިސްޓުން

"ކޯކްސް" އާއި "ޗިކަންސް" އާއި "ސަލްޓަންސް" އާއި "ޖެއިލް ބްރޭކް" އަކީ ތުލުސްދޫ ކައިރި ހުންނަ ރާޅާ އަޅާ ސަރަހައްދުތަކެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މި ސަރަހައްދުތަކުގައި ރާޅާ އެޅުމަށް އެތައް ހާސް ބަޔަކު ކޮންމެ އަހަރަކު ވެސް އާދެ އެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ އީތަންސް ބުދަ ދުވަހު ރާއްޖެ އައީ "ޗިކަންސް"ގެ ހިތްގައިމު ރާޅުތައް ތަޖުރިބާކޮށްލުމަށެވެ.

"މިއީ އަހަރެން ތުލުސްދުއަށް އައި ދެ ވަނަ ފަހަރު. ފުރަތަމަ އައީ މިދިޔަ އަހަރު. އަހަރެންގެ ކަކޫ އޮޕަރޭޝަން ކޮށްފަ ހުރީމަ މިފަހަރު މާ ގަދައަށް ރާޅާ ނޭޅުން. އެކަމަކު ވެސް ހިތްހަމަޖެހޭވަރުވި،" މިރަށު އަތިރިމަތީގައި ހުރި ސަންބެޑެއްގައި އޮށޯވެލައިގެން އޮވެ އީތަން ބުންޏެވެ.

ބުދަ ދުވަހު އީތަން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އެރިތަނުން އިވުނު އަޑަކީ ރާއްޖޭގައި އިޒްރެއިލާ ދެކޮޅަށް ރާއްޖޭގައި މުޒާހަރާއެއް ކުރި ހަބަރެވެ. ތުލުސްދޫގައި އޭނާ ހުންނަ ގެސްޓް ހައުސްއަށް ދިޔުމުން އެތަނުގައި ތިބި އެހެން ގެސްޓުން ވެސް ވަނީ އެ ވާހަކަ ދައްކައިފަ އެވެ.

"އަހަރެން ބިރެއް ނުގަނޭ. ފަހަރެއްގައި ވެދާނެ އެއީ އަހަރެން އަފްގާނިސްތާނުގައި މަސައްކަތް ކުރާތީ ކަމަށް ވެސް،" އީތަން ބުންޏެވެ. "އެކަމަކު އެހެން ޓުއަރިސްޓުން ބިރުގަނެދާނެ ކަމަށް އަހަންނަށް ބެލެވޭ. އެކަށީގެންވާ ކަމެއް އެއީ."

އިނގިރޭސިވިލާތަށް ނިސްބަތްވާ ކްލެއާ އޭނާގެ ތިން ދަރިންނާއި ފިރިމީހާއާ އެކު ތުލުސްދޫ އަށް ޗުއްޓީ ހޭދަކޮށްލަން އައީ ވެސް ހަމަ އެ ދުވަހު އެވެ. ކްލެއާ އަށް ވެސް އޮތީ ރާއްޖޭގައި އިޒްރެެއިލް މީހުންނާ ދެކޮޅަށް މުޒާހަރާ ކުރި ކަމުގެ މައުލޫމާތު ލިބިފަ އެވެ.

"އަހަރެންގެ ފިރިމީހާގެ މަންމަ އާއި ބައްޕަ މަސައްކަތް ކުރަނީ ރާއްޖޭގައި. އެމީހުން ބުނީ އަހަރުމެން ރާއްޖެ އައުމަކަށް ނުރައްކަލެއް ނެތޭ. އެހެންވެ ރާއްޖެއަށް އައީ،" އޭނާގެ އަހަރަކަށް ވުރެ ހަގު ދަރިފުޅު މޮލީއާއެކު ގޮނޑުދޮށުގައި އަރާމުކޮށްލަން އޮވެ ކްލެއާ ބުންޏެވެ.


އަމިއްލަ ފުދުންތެރިކަމުން އުޅުމުގެ ގާބިލްކަން ނެތް މި ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ވަންނަނީ މަސްވެރިކަމަކުން ނުވަތަ ކޮންސްޓްރަކްޝަން ދާއިރާއަކުން ނޫނެވެ. މި ރާއްޖޭގެ ރަންބިސް އަޅާ ކުކުޅަކީ ވެސް ލޭ ނާރަކީ ވެސް ހަގީގަތުގައި ޓުއަރިޒަމެވެ. ވަކި ގައުމެއްގެ ރައްޔިތުން ރާއްޖެ އަށް އައުން ދަތިކޮށްފި ނަމަ ނުވަތަ ހުއްޓުވައިފި ނަމަ އެކަމުގެ އަސަރު ވަރަށް ބޮޑުކޮށް ފެނިގެންދާނެ އެވެ. އައުން ހުއްޓޭނީ އެ ގައުމެއްގެ ޓުއަރިސްޓުން އެކަންޏެއް ވެސް ނޫނެވެ. އެކަމުގެ އަސަރު ވަރަށް ދިގުލައިފާނެ އެވެ. އެފަދަ ކަމެއް ކުރާ ނަމަވެސް ކުރަން ޖެހޭނީ ހިކުމަތްތެރިކަމާ އެކު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް