ސިޔާސީންގެ ކަސްތޮޅުގައި ރައްޔިތުން ހަފުސް ވަނީ

ރައްޔިތު މީހާގެ ވިސްނުން ސިޔާސީ ކަންކަމާ މިހާ ބޮޑަށް ދޯޅު ވެފައި އޮތް ދުވަސް ވަރެއް މި ގައުމުގެ ކައިރި މާޒީ އަކުން ފެންނާކަށް ނެތެވެ. ޑިމޮކްރެސީގެ ނަމުގައި ވިޔަސް ގައުމަށް މިއައި ލޮޅުމުގެ އަސަރު ރައްޔިތު މީހާގެ އާދައިގެ ދިރިއުޅުމަށް ކޮށްފި އެވެ. އެ ލޮޅުމުގެ ސަބަބުން އެ މީހުންގެ ވިސްނުމަށް ބަދަލު ގެނެސްފި އެވެ. އެ ލޮޅުމުގެ ސަބަބުން އެ މީހުންގެ ފިކުރު ބޮޑު ވެއްޖެ އެވެ. ވިސްނުންތައް އިތުރު ވެއްޖެ އެވެ. މި ވިސްނުންތަކާ އެކު ސިކުނޑީގެ ވަރުބަލިކަން ބޮޑުވެ ދިރިއުޅުމުގެ ލޮޑުކަމާއި ކަންނެތްކަން އިތުރު ވެއްޖެ އެވެ. މި ހުރިހައި ކަމެއް ވަށާ ބުރެއް ޖެހުމުން ރައްޔިތު މީހާގެ މުޅި ދިރިއުޅުމަށް އައީ ކިހާ ވަރެއްގެ ހެޔޮ ބަދަލެއްތޯ ސުވާލު އުފައްދާނެ ޖާގަ ބޮޑެވެ.

އެންމެ އުމުރުން ދުވަސް ވީ މީހާ އިން ފެށިގެން އެންމެ ކުޑަ ކުއްޖާ އާއި ހަމަޔަށް ވެސް ގައުމުގައި މި ވަނީ ނަފުސާނީ ބަލިމަޑު ކަމެއް ފެތުރިފައި އެވެ. މުޅި ގައުމު ސިޔާސީ ވެގެން ދާ އިރު އެ ނޫން ވިސްނުމަކަށް ޖާގަ ވެސް ނެތް ކަހަލަ އެވެ. ބަލައިލި ކޮންމެ ދިމާ އަކުން ފެންނަނީ ސިޔާސީ މަންޒަރު ތަކެވެ. ކަންފަތަށް އިވެނީ ސިޔާސީންގެ އަޑު ތަކެވެ. އެ އަޑުގައި ރީތި ކަމެއް ނެތެވެ. ފުރިހަމަ ކަމެއްް އަމުދުން ނެތެވެ. އިވޭ އަޑުތައް ގޭ ތެރޭގެ ވެށީގައި ތިބެގެން އަހައިލެވޭ ވަރެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބަލާ އިރު އިވެނީ ބާޒާރު މަތީގެ ބަހުރުވަ އެވެ. އޭގެ ވެސް އެންމެ ދަށް ފެންވަރުގެ އިބާރާތް ތަކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާދަ އަގެއް ނެތޭ ހިތަށް އަރަނީ މަދު ފަހަރަކު ނޫނެވެ. ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ނަމަ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އެއް ބަޔަކު އަނެއް ބަޔަކާ ޖަދަލު ކުރުމާއި ހަޖޫ ޖެހުމަކީ ޕާޓީތައް ހިންގަން އޮތް އެންމެ މޮޅު ގޮތް ކަހަލަ އެވެ. އެކަމަކު އެއީ ނަމޫނާ ދައްކަން ތިބި މީހުންނެވެ. އެ މަންޒަރާއި އެ އަޑު އަހައިގެން މި ގައުމުގެ އެންމެން އެ ފިލާވަޅު ހިތުން ދަސްކޮށްފި އެވެ.

ސިޔާސީންގެ ވިސްނުން ހުރީ އެބައި މީހުންގެ މަގުސަދު ހާސިލު ކުރުމަށެވެ. އެ މަގުސަދު ހާސިލު ކުރުމަށް ޓަކައި ހިންގާ ހަރަކާތްތަކުގެ އަގެއް ނެތެވެ. އެކަމަކު އެއީ އެ މީހުން މާނަ ކުރާ "ޑިމޮކްރެސީ" އެވެ. މި ވަރުގެ ލަދުވެތި ޑިމޮކްރެސީ އެއް މި ގައުމަށް ނައި ނަމަ މާ ހެވޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. ރައްޔިތުންގެ ވިސްނުމަށް އިހުތިރާމު ނުކުރާ ޑިމޮކްރެސީއެއްގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރައްޔިތު މީހާ އަށް ދުނިޔޭގައި އޮތް ހުރިހާ ހުތުރު އާދައެއް ދަސްކޮށްދޭ ޑިިމޮކްރެސީއެއްގައި ހުރި ފޮނި ކަމަކީ ކޮބައި ހެެއްޔެވެ؟ ޑިމޮކްރެސީގެ ނަމުގައި ރައްޔިތުންގެ ވިސްނުން ހެވާ ދުރަށް ދާ ނަމަ އޭގެން ގައުމަށް އޮތް ފައިދާ އަކީ ކޮބައި ހެއްޔެވެ؟

މި ގައުމުގައި މިހާރު ކަން ހިނގާ މަގަށް ބަލާ އިރު ރައްޔިތު މީހާއާއި މެދު ހެޔޮ ވިސްނުމެއް އޮވެގެން ކަން ކުރާ މަންޒަރެއް ނުފެނެ އެވެ. ސަރުކާރުން ބުނަނީ ކޮންމެ ކަމެއް ކުރަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ވެސް ބުނަނީ ހަމަ އެހެންނެވެ. ރައްޔިތު މީހާ މި އޮތީ ފިތިފަ އެވެ. އިދިކޮޅު ފަރާތްތަކުގެ ނިޔަތުގެ ހުރި ހެޔޮ ކަމެއް ނުފެނެ އެވެ. ސަރުކާރުން ކުރާ ކަންކަމުން ވެސް އެ ނިޔަތެއް ނުފެނެ އެވެ. ކޮންމެ ބަޔަކު ވެސް ސިޔާސީ މަގުސަދެއް ހާސިލު ކުރަން ރައްޔިތު މީހާގެ ބޭނުން ހިފަނީ އެވެ. މި ސިޔާސީ ކުޅިގަނޑުގެ ތެރޭގައި ހަފުސްވެ ދަނީ ރައްޔިތު މީހާގެ ދިރިއުޅުމެވެ. ކަތިލެވެނީ ރައްޔިތު މީހާގެ ނަފުސެވެ. މި ކުޅިގަނޑުގެ ތެރޭގައި މުޅި ގައުމު ސިޔާސީވެ ނިމިއްޖެ އެވެ.

ހެޔޮ ނުވާނެ އެވެ. މީ ރަނގަޅު ގޮތެއް ނޫނެވެ. ގައުމީ ނަޒަރަކުން ބަލާ އިރު، ގައުމަށް ވުރެ ކުރިޔަށް އެހެން ކަމެއް އައިސްގެން ނުވާނެ އެވެ. މި ގައުމުގެ މީހުންނަށް މިއަށް ވުރެ ހަމަ ޖެހޭ ދިރިއުޅުމެއް އެބަ ބޭނުންވެ އެވެ. މީޑިއާ ތަކުން ވެސް ސިޔާސީ އަޑުފައްގަނޑު ނޫން އަޑެއް އިވެން އެބަ ޖެހެ އެވެ. ސިޔާސީ މަންޒަރަށް ވުރެ ލޮލަށް ފަސޭހަ މަންޒަރު ތަކެއް ދައްކައިދޭން އެބަ ޖެހެ އެވެ. ސިޔާސީންގެ ވަކިތަކުން މިންޖުވެ، އަމިއްލަ ދިރިއުޅުމުގެ އެހެން ކަންކަމާ ވިސްނައިލާނެ ކުޑަ ނަމަ ވެސް ވަގުތު ކޮޅެއް ރައްޔިތު މީހާ އަށް އެބަ ބޭނުންވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް