ޑރ. ފާތިން ހަމީދު އަވަހާރަވެއްޖެ

މިފްކޯގެ ޗެއާޕާސަން އަދި ފިޝަރީޒު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. ފާތިން ހަމީދު އަވަހާރަވެއްޖެ އެވެ. ޑރ. ފާތިންގެ ބޭބެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދު މިއަދު ސަން އަށް ވިދާޅުވީ އެކަމަނާ އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ރާއްޖޭގެ ގަޑިން 12:45 އެހާކަންހާއިރު ކަމަށެވެ. ހަމްދޫން ވިދާޅުވީ ފާތިން ހަވަހާރަވީ ކެންސަރު ބައްޔަށް އެކަމަނާ ފަރުވާ ހޯއްދަވަމުން އަންނަތާ ދޮޅު އަހަރުވެފައި ވަނިކޮށް ކަމަށެވެ. އަދި މިވަގުތު ބެންގަލޫރުގައި އެކަމަނާގެ ފިރިކަލުން ނަސްރުﷲ ކަމާލުއްދީން ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފާތިންގެ ހަށިކޮޅު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ. އަވަހާރަވި އިރު އެކަމަނާގެ ދެ އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ހަ އަހަރާއި ތިން އަހަރުގެ ދެ އަންހެން ބޭފުޅުންނެވެ. ފިޝަރީޒު ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޑރ. ފާތިން އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

comment ކޮމެންޓް