ޑިމޮކްރެސީގެ ދަތުރުގައި ރާއްޖެ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކަމަށް ބުނެވިދާނެ އެވެ. އެކަމަކު އާ ގާނޫނު އަސާސީއަކުން ޑިމޮކްރަސީ އުފަންވިތާ ފަސް އަހަރު ފުރިގެންދާ އިރު ވެސް ކޮންމެ ދުވަހަކު ނޫނީ ކޮންމެ އަހަރަކުހެން ރާއްޖެ އާ ތަޖުރިބާއެއް ކުރެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ތިން އަހަރު ނުވަނީސް އެ މަނިކުފާނު އިސްތިއުފާ ދެއްވުމަކީ ވެސް ޑިމޮކަރަސީގައި ރާއްޖެ ކުރި ތަޖުރިބާ އެކެވެ. އެއް ބަޔަކު ނަޝީދު އިސްތިއުފާ ދެއްވި ކަމަށް ބުނާ އިރު، ނަޝީދު ވިދާޅުވީ މަޖުބޫރުކޮށްގެން އިސްތިއުފާ ދެއްވި ވާހަކަ އެވެ. އެކަމަކު ކޮމަންވެލްތު ފަދަ ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު ކުރި ތަހުގީގުން ނަޝީދު އެ ކުރައްވާ ތުހުމަތު ސާބިތެއް ނުވި އެވެ؛ ސާބިތުވީ ރައްޔިތުންގެ ލޯތައް ކުރިމަތީގައި ޓީވީގެ ޒަރީޔާ އިން ނަޝީދު އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވި ވާހަކަ އެވެ. ޑިމޮކްރެސީގެ ދަތުރުގައި ބާރުތައް "ކޯޅުން" ވެސް އޮތީ އެކަހަލަ ގޮތަކަށެވެ. ސުޕްރީމް ކޯޓުން ބުނަނީ ފަހު ބަސް ބުނާ ފަރާތަކީ އެ ފަރާތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަކަށް ފަހު އެއާ ދެކޮޅަށް އެއްވެސް ބަހެއް ނުބުނެވޭނެ ކަމަށެވެ. އޭގެ ބައެއް މިސާލުތަކަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ މަގާމު ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުން ނުނިންމޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކަނޑައެޅުމެވެ. މަޖިލީހުން އެކަން ގަބޫލުނުކޮށް އިތުރު ރައީސަކު އެ ކޮމިޝަނަށް އައްޔަން ކުރި އެވެ. ސީއެސްސީގައި ދެ ރައީސުން ތިބި ދުވަސްވަރު ވެސް ދިޔަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ މަގާމު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ވެސް މަޖިލީސް ރައީސް ވަނީ ޗެލެންޖު ކުރައްވައިފަ އެވެ. އެކަމަކު ތަޅުމުން އެ މައްސަލައާ ބެހޭ ގޮތުން ގޮތެއް ނުނިންމަ އެވެ. ފަހަރުގައި "މަޖިލީސް ރައީސް"ގެ ކޮޅަށް މިވަގުތު މަޖިލީހުގެ އަޣުލަބިއްޔަތު ނެތް ކަމަށް ހީފުޅުވާތީ ތަޅުމަށް އެ މައްސަލަ ނުގެންނެވީ ކަމަށް ވެދާނެ އެވެ. އެނގޭ ކަމަކީ ޕްރޮސިކިއުޓާ ޖެނަރަލަކު (ޕީޖީ) ނެތިގެން ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ނުހިންގިގެން އުޅޭ އިރު ވެސް "މަޖިލީސް ރައީސް" ޖަލްސާއެއް ބާއްވައި ޕީޖީއަކު އައްޔަން ކުރުމަށް ފުރުސަތު ނުދެއްވާ ކަމެވެ. އަދި ހަމަ އެހެންމެ އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން ލެއްވުމަށް ވެސް މަޖިލީހުން މަސައްކަތެއް ނުކުރާ ކަމަވެ. އެއާ ހިލާފަށް މަޖިލީސް ރައީސް ކުރެއްވި ކަމަކީ އެ މަނިކުފާނަށް ލިބިދޭ ވިރާސީ ބާރުގެ ދަށުން ކަމަށް ވިދާޅުވެ، އިންތިހާބު ނިމެންދެން މަޖިލީސް މެދުކަނޑާލެއްވުމެވެ. ސުޕްރީމް ކޯޓުގެ ނިންމުމަށް ވެސް މަޖިލީސް ރައީސްގެ ނިންމުމަށް ވެސް އަޅުގަނޑު ކޮމެންޓް ކުރާކަށް ނެތީމެވެ. ތިޔަ ބޭފުޅުން އެކަމަށް ހުކުމް ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ. އަޅުގަނޑަށް އެނގޭ ކަމަކީ ސަހަލު ބަޔަކު ނެތް ކަމެވެ. ޑިމޮކްރަސީގެ ފައްޔަކީ ނޫނީ ބެރަކީ ނިމުމެއް އޮތް ބެރެއް ނޫނެވެ. އެ ބެރު އަބަދުވެސް ޖަހާނެ އެވެ؛ ޖަހަން ވެސް ޖެހެ އެވެ. އެކަމަކު އެ ބެރަކީ ދިރުއުޅުމުގެ ހުރިހާ ކަމެއް ގުރުބާން ކުރަން ޖެހޭ ވަރުގެ ބެރެއްތޯ ނޫނީ ގައުމީ މަސްލަހަތަށް ވުރެ މަތީ މަސްލަހަތެއްތޯ ވިސްނަންޖެހެ އެވެ. އެ ބެރަކީ ރައްޔިތުންގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި ގައުމު އިގްތިސާދު އަނދަވަޅަކަށް ވައްޓާލުމަށް ޖަހާ ބެރެއްތޯ ވެސް ވިސްނަން ޖެހެ އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޫގަޅުއްވާފައިގެން އެ ހުންނެވީ ސަރުކާރު ބަދަލު ކުރުމުގެ ރޫހެއްގަ އެވެ. އެ ވާހަކަ އެ މަނިކުފާނު ވަނީ ފާޅުގައި ވިދާޅުވެފަ އެވެ. އެކަމަކު އެއީ އެކަން ވާނެ ގޮތެއް ވެސް ނޫނެވެ. އެކަމަކު ފަސް އަހަރު ނުވަނީސް އެފަދަ ޖޯޝެއްގައި ސަރުކާރު ވައްޓާލުމުގެ ނިޔަތެއް ގެންގުޅުއްވާ ނަމަ އެއީ ސީރިއަސް ވާހަކަ އެކެވެ. އަދި އެކަމުގެ އިގްތިސާދީ ލޮޅުން މުޅި ގައުމަށް ފޯރާނެ ވަރާ ދޭތެރޭ ވިސްނަން ޖެހެ އެވެ. އެކަން ވޭތުވެ ދިޔަ ހައެއްކަ އަހަރު ތަޖުރިބާކޮށްފީމެވެ. ގައުމު ހަމަޖެހި، އިގްތިސާދު ހިންދެމިލުމަށް ފުރުސަތު ބޭނުންވެ އެވެ. ދެން އޮތީ ޑިމޮކްރަސީއޭ ކިޔައިގެން ނަޝީދު ދައްކަވާ ވާހަކައިގެ އަނެއް ފަރާތެވެ. ވެރިކަމަށް އަރާވަޑައިގެން ފުރަތަމަ ވެސް އިންތިގާލީ ސުޕްރީމް ކޯޓުގައި ތަޅުއެޅުވީ އެވެ. ސުޕީރިއާ ކޯޓެއްގެ ސީނިއާ ފަނޑިޔާރު ނިޒާމުން ގެއްލުވާލައްވައި ޖަލަށް ލެއްވީ އެވެ. ސިޔާސީ ލީޑަރުން ޖަލަށް ލައްވަން ފެއްޓެވީ އެވެ. ގާނޫނު އަސާސީ އާއި ގާނޫނު އަތަށް ނަންގަވައިގެން "ޗާޓުން ބޭރުން ކުޅުއްވަން" ފެއްޓެވީ އެވެ. ރީނދުލަށް ބޯނުލަނބާ ބަޔަކަށް "ހުރި ނުލަފާކަން" ދައްކަވާލައްވާނެ ކަމަށް ފާޅުގައި ވިދާޅުވާން ފެއްޓެވީ އެވެ. ތިން އަހަރުގެ ވެރިކަން ނިމުނު އިރު ކޮރަޕްޝަން ހައްދުން ނައްޓައިފަ އެވެ. އޮޑިޓް ރިޕޯޓްތައް ބުނާ ގޮތުން "ހިޔާނަތް" ބިލިއަނުން ގުނެ އެވެ. އެއީ ކިތައް ރަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ބޭނުންވާ ފައިސާތޯ އެވެ. ބަޔަކު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުތީ ރީދޫ ކުލައަކީ މުޅި ގައުމުގެ ކުލަ ކަމަށް ހައްދަވައި އެ ނޫން މީހުންނަކީ ގައުމުގެ ބައެއް ކަމަށް ނުދަންނަ ހިސާބަށް ކަންކަން ގެންދަވަން ފެއްޓެވުމުންނެވެ. ފަހަރެއްގައި ވެސް ނަޝީދަށް ފަސް އަހަރު ވެރިކަން ކުރަން ނުދިނުމަކަށް ބަޔަކު ނުކުތް ކަމަކަށް ބުރަވެވޭ ކަށް ނެތެވެ. ސަރުކާރެއް ހޮވަނީ ފަސް އަހަރަށެވެ. އެ ފަސް އަހަރު ދުވަހު ގާނޫނީ ހަމަތަކުގެ މަތީން ވެރިކަން ކުރާ ނަމަ އެ ބަޔަކަށް ފުރުސަތު ދޭންޖެހެ އެވެ. ޑިމޮކްރަސީ އަށް ކުރި ފަސް އަހަރުގެ ރެކޯޑަށް ބަލާ އިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހެ އެވެ. ގައުމީ މަސްލަހަތު އޮތް ގޮތަކީ އެއީ ނޫންތޯ އެވެ. ފަސް އަހަރު ހަމަވެ، އަލުން އިންތިހާބަކަށްދާ އިރު، ރައްޔިތުންގެ އުންމީދުތަކަށް ވާސިލުވެވިފައި ނުވާ ނަމަ، ސަރުކާރު ބަދަލު ކުރުމުގެ ހުރިހާ ވެސް އިހްތިޔާރެއް ރައްޔިތުންނަށް ލިބިގެންވެ އެވެ. އެހެނަކުން ނޫނެވެ. ގާނޫނު އަތަށް ނަގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރާ ނަމަ އަދި އެއީ އެހެން ވާހަކަ އެވެ. މި އަހަރުގެ ބަޖެޓަށް އެމްޑީޕީ ވޯޓު ނުދިނުމާއި އަލަށް އައި ސަރުކާރެއްގެ ކެބިނެޓަށް ރުހުން ދިނުމަށް އެމްޑީޕީ އިން ދެކޮޅު ހެދުމުން، އެ ޕާޓީން އެ އުޅެނީ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުމަށް ނޫންކަން އެނގެ އެވެ. އެހެން ނޫން ނަމަ "ކަތިލާނީ" ފުރުސަތުދީފަ އެވެ. އެހެން ކަމާ އެކު މި ފަހަރުގެ މަޖިލީސް އިންތިހާބުގައި ޕީޕީއެމް ކޯލިޝަނަށް ފުރުސަތުދޭން ޖެހެ އެވެ. ރައްޔިތުންގެ މަސްލަހަތު އޮތީ އެގޮތުގައި ނޫންތޯ އެވެ؟

comment ކޮމެންޓް