"އަހަރެން ޖަހައިގެން މިހިރަ ސެންޓުން އުނދަގޫވޭތަ؟ ވަސް ގަދަތަ؟" އެމްއެންބީސީގައި އުޅޭ ރައްޓެއްސަކު އަޅުގަނޑާ ދިމާވާ ކޮންމެ ފަހަރަކު މިސުވާލެއް ކުރާތާ ދެހަފުތާއެއް ވެއްޖެ އެވެ. އެކަމު އޮތީ އެ ސުވާލަށް ސަމާލު ކަމެއް ނުދެވި އެވެ. އެހެން އޮއްވައި މީގެ ދެދުވަހެއް ކުރި ދިމާވެގެން "ސިއްރު އެއްޗެއް ދީފާނެ" ކަމަށް ބުނެ ދިނީ އެމްއެންބީސީ އަލަށް ނެރެގެން އުޅޭ އެތާނގެ މުވައްޒަފުން ހެދުން އެޅުމާބެހޭ ގަވައިދެވެ. އޭނާ ބުނީ ފެންނަ ފަހަރު ފަހަރު ސެންޓް ވަސް ދުވާތޯ އާއި ބަބުރު ވަސް ދުވާތޯ އަހާލެވެނީ އާ ގަވައިދަށް ތަންފީޒު ކުރުން ޓެސްޓްކޮށްލުމުގެ ގޮތުން ކަމަށެވެ.
އެމްއެންބީސީގެ "އެމްއެންބީސީ ވަން" އާއި "ރާއްޖެ ރޭޑިއޯ" އާއި "ޔޫތު ޓީވީ" އާއި "އާރްއެފްއެމްގެ"ގެ ހުރިހާ އިދާރީ މުވައްޒަފުންނާއި އެމްއެންބީސީ ތަމްސީލުކުރާ ޓެކްނިކަލް މުވައްޒަފުން ހެދުން އެޅުމުގައި ލާޒިމުކުރާ ކަންތައްތަކެއް މައްޗަށް ނެރެފައިވާ ގަވައިދު ވަރަށް ސާފެވެ.
މި ގަވައިދުގައި ރަސްމީ ހެދުމާއި މުވައްޒަފުންގެ ތެރެއިން ފިރިހެނުން ތިބެންވާނެ ގޮތާއި ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަންވާނެ ގޮތާއި މަތިމަހާ ތުނބުޅިއާއި އަތާއި ނިޔަފައްޗާއި ދަތްތަކާއި ޒާތީ ތާޒާ ކަމާއި ގަހަނާ އާއި ހެދުން އެޅުމުގެ އުސޫލުތަކެއް ފާހަގަ ކޮށް އެ މައްޗަށް މުވައްޒަފުން އަމަލު ކުރުމަށް އަންގާފައިވެއެވެ.
އަންހެން މުވައްޒަފުންނަށް ހާއްސަވެފައިވާ މާއްދާތަކުގެ ތެރޭގައި އިސްތަށިގަނޑާއި އަތާއި ނިޔަފައްޗާއި އަނގައާއި ދަތާއި ގަހަނާ އާއި ހެދުން އެޅުމާއި ތާޒާކޮށް ހުރުމުގެ މައްޗަށް "ކްލޯސް"ތައް ލިޔެފައި ވެއެވެ. މީގެ އިތުރުން ސްމާޓް ކެސުއަލްކޮށް ހެދުން އެޅުމާބެހޭ ބައެއްވެސް ގަވައިދުގައި ވެއެވެ.
"މިއީ ޑްރެސްކޯޑެއް ނޫން. މީހަމަ ގަވައިދެއް، މިމައްޗަށް އަމަލު ކުރަންޖެހޭ. ނުކޮށްފިމީހަކަށް އަދަބުލިބޭ، މި ގަވައިދު އެމްއެންބީސީން ބޭރު ކުރުމަކީ ވެސް ވަރަށް ބޮޑު އަދަބު ލިބޭ ކުށެއް،" މި ގަވައިދު ސަންއެފްއެމް އޮންލައިނަށް ގެނެސްދިން ޒުވާނާ ބުންޏެވެ.
އޭނާ ގެނެސްދިން ހަތަރު ސޮފުހާގެ ގަވައިދުގެ ނަމަކަށް ޖަހާފައި އޮންނަނީ ވެސް "މުވައްޒަފުން ހެދުން އެޅުމުގެ ގަވައިދު" އެވެ.
މި ގަވައިދު ބުނާ ގޮތުން "ފެންނަ ފެނުމަށް ރީތިވާ ގޮތަށް" ފިރިހެން މުވައްޒަފުން އިސްތަށިގަނޑި ޑައިކުރެވޭނެ އެވެ. އެކަމަކު ބޮލުގެ އެކިތަންތަނުގައި (ހައިލައިޓް ކުރުން) ކުލަޖެއްސުމަކީ މަނާ ކަމަކެވެ. އަމުދުން ފްލޮރިސެންޓް ކުލައެއް ނުޖެއްސޭނެ އެވެ. ކުލަ ޖެއްސިއަސް މުޅި އިސްތަށިގަނޑުގައި ޖައްސަންޖެހޭނެ އެވެ. އަދި މުޅި ބޮލުގައި ޖައްސާއިރު ވެސް ރަތްކުލަ އާއި ރީންދޫ ކުލައާއި "ފެހި ކަހަލަ" ކުލަ ޖެއްސުމަކީ މަނާ ކަމެކެވެ.
އެމްއެންބީސީގެ މުވައްޒަފުންނަށް ދިގު ތުނބުޅިއެއް ނުބެހެއްޓޭނެ އެވެ. ތުނބުޅިއާ މަތިމަސް ހުންނަންޖެހެނީ ކޮށައި ތަރުތީބުކޮށްފަ އެވެ. ބަބުރުވަސް ކަނޑުވާ ޑިއޯޑަރެންޓް ބޭނުން ކުރާން ޖެހޭނެ އެވެ. ފިރިހެން މުވައްޒަފުން ސެންޓް ޖަހާނަމަ ގަޔަށް ސެންޓް ބުރުވައިލަން ވާނީ އެހެން މީހުންނަށް އެ ސެންޓުން އުނދަގުލެއް ނުފޯރާފަދަ ލުއި ލުއި، މަޑުމަޑު ވަސް ހުންނަ ސެންޓެވެ.
"ދެރަކަމީ އަހަންނަކީ ވަރަށް ވަސަ ގަދަ ސެންޓަށް ލޯބި ކުރާ މީހެއް، އަނެއްކާ ބައެއް މީހުންގެ ގައިގައި ދުވާ ވަހަކީ ވެސް އަހަންނަށް ހަމަ ސެންޓް ވަހެއް،" ގަވައިދުގެ ކޮޕީ ހިފައިގެން އައި މުވައްޒަފު ބުންޏެވެ.
ގަވައިދު ބުނާ ގޮތުން އެއްވެސް ފިރިހެން މުވައްޒަފަކު އެހެން މީހެއްގެ "ބޮލަށް އުނދަގޫވާ ގޮތަށް" ކަރުގައި ފަށެއް ނޭޅޭނެ އެވެ. އަދި ކަންފަތާއި މޫނުގެ ތަންތަން ތޮރުފައި މުދި ލުމަކީ އެމްއެންބީސީ އެދޭ ކަމެއް ނޫނެވެ.
ފިރިހެން އެއް ވެސް މުވައްޒަފަކަށް "އަޅައިގަންނަކަހަލަ" ގޮޅި ބޮޑެތި ގަމީހެއް ނުލެވޭނެ އެވެ. މާޖެހި ގަމީހެއްވެސް ނުލެވޭނެ އެވެ. ލާންވާނީ އެމްއެންބީސީގެ މާހައުލާ ގުޅޭ ޑިޒައިންތަކުގެ ގަމީހެވެ. އޮފީސް ގަޑީގައި ޖީންސެއް ލުމަކީ މަނާ ކަމެކެވެ.
މި ގަވައިދު ބުނާ ގޮތުން "ފެންނަ ފެނުމަށް ރީތިވާ ކަހަލަ" ކުލަތައް އިސްތަށިގަނޑުގައި ޖެއްސިދާނެ އެވެ. ތަންތަންކޮޅުން ހައިލައިޓްކޮށްގެން ނުވާނެ އެވެ. ފެއްސާއި ރަތާއި ނޫކުލައެއް ނުޖެއްސޭނެ އެވެ.
ނިޔަފަތި ތަކުގައި ކުލަޖައްސާނަމަ ޖައްސަން ޖެހޭނީ އެހެން މީހުންގެ "ބޮލަށް އުނދަގޫ ނުވާނެކަހަލަ" ކުލައެކެވެ. ޑިއޯޑަރެންޓް ބޭނުން ކުރަން ޖެހޭނެމަ ބޭނުން ކުރަން ވާނެ އެވެ. އަންހެން މުވައްޒަފުން ބޮޑަށް ދާހިއްލާނަމަ އެފަދަ ކަންކަމަށް ހުންނަ އެއްޗެހި ބޭނުން ކުރަންވާނެ އެވެ. އަދި ލޮލާއި މޫނުގައި ބޭނުން ކުރަންވާނީ "މާ ކަންތައްގަނޑު ބޮޑުވާކަހަލަ ކުލަތައް ނޫން" ކުލަތަކެވެ. އެއްވެސް އަންހެން މުވައްޒަފަކަށް "އެއްވެސް ހާލެއްގައި ޖިންސެއް ނުލެވޭނެ" އެވެ.
އަހަރެންގެ ރައްޓެހި މުވައްޒަފު ކުރާ ސުވާލަށް ދޭން އޮތް ޖަވާބަކީ ޖަހައިގެން ހުރި ސެންޓުން އަހަންނަށް އުނދަގުލެއް ނުވެ އެވެ. އެކަމަކު މިވީ ގޮތުން "ބޮލަށް އުނދަގޫވާ މީހުން" ތިބޭނެ އޭ އެވެ.