މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ކުރި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ހުށަހެޅި ދިފާއީ ހެއްކެއްގެ ހެކިބަސް ނަގައިފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އުފުލައިފައިވާ ތިން ކުދިންގެ ތެރެއިން އެއްކުއްޖަކު ދިފާއުވުމަށް ހުށަހެޅި ހެއްކެއްގެ ހެކިބަސް ނަގާފައިވާ ކަމަށެވެ. ނަމަވެސް ހެކިބަސް ލިބުނު ގޮތެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށާއި އެދުވަހު އޮންނާނީ ދައުލަތުންނާއި ދައުވާ ލިބޭ ތިން ކުދިން ދިފާއުގައި ހުށަހަޅާފައިވާ ހުރިހާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. އަދި ވިދާޅުވީ ހެކީން ކޯޓަށް ހާޒިރުކުރުމަށާއި ދައުލަތަށާއި ދައުވާ ލިބޭ ފަރާތްތަކަށް އެތަކެއް ފަހަރު ފުރުސަތު ދީފައިވާނެ ކަމަށާއި އެހެންކަމުން މިމަހުގެ 24 ވަނަ ދުވަހަށް ހެކީން ހާޒިރު ނުކުރެވިއްޖެ ނަމަ އިތުރަށް އެ މީހުންގެ ހެކިބަސް ނުނަގާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ދައުވާކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު ސ. ގަމަށް އެ ރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ޖުވެނައިލް ކޯޓުން ބުނެ އެވެ.
އަނެއް ދެ ކުދިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާއެހާކަންހާ އިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ހަމަ އެ ދުވަހު ގަމު ޕޮލިސް ސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެ ކުއްޖާ ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުނެ އެވެ.
އެ ތިން ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ދަށުންނެވެ.
އެގާނޫނުގައި ބުނާ ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.
ގާނޫނުގައި އެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުދިންނަށް އަންނާނީ އެއަށް ވުރެ ކުޑަ އަދަބެކެވެ. އެއީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭންޖެހޭނީ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ބުނެފައިވާތީ އެވެ.