މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ކުރި ތިން ކުއްޖަކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް ނަގައިފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ނަގާފައިވާ އިރު ދިފާއުގައި ހުށަހެޅި ހެއްކެއްގެ ހެކިބަސް ވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް ހެކިބަސް ލިބުނު ގޮތެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ކަމަށާއި އެދުވަހު ވެސް އޮންނާނީ ހެކިބަސް ނެގުން ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ޖުވެނައިލް ކޯޓުން ބުނެއެވެ.
އަނެއް ދެ ކުދިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާއެހާކަންހާ އިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ހަމަ އެ ދުވަހު ގަމު ޕޮލިސް ސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެ ކުއްޖާ ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުނެ އެވެ.
އެ ތިން ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ދަށުންނެވެ.
އެގާނޫނުގައި ބުނާ ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.
ގާނޫނުގައި އެ އަދަބު ކަނޑައަޅާފައި އޮތްނަމަވެސް ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުދިންނަށް އަންނާނީ އެއަށް ވުރެ ކުޑަ އަދަބެކެވެ. އެއީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭންޖެހޭނީ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ބުނެފައިވާތީ އެވެ.