މަރަދޫ ދާއިރާގެ މެންބަރު އާދިލު އެމްޑީޕީ އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލު ،32 އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.

ގައުމީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ހަސަން އާދިލު މިރޭ ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ ކުއްލިއަކަށް ގެންނެވި ބަދަލެއް ނޫން ކަމަށާއި ރައްޔިތުންގެ އެދުމުގެ މަތިން އެއްވެސް ފަރާތެއްގެ ނޫފުޒެއް ނެތި ކުރެއްވި ކަމެއް ކަމަށެވެ. އަދި އެމްޑީޕީ އަށް ސޮއިކުރެއްވެވީ އެއްވެސް ބަޔަކާ މައްސަލަ ޖެހި އެއްވެސް ޕްރެޝަރެއްގައި ހުންނަވައިގެން ނޫން ކަމަށް ވެސް އާދިލު ވިދާޅުވި އެވެ.

"އެމްޑީޕީއަށް ބަދަލުވާކަން އަޅުގަނޑު އޮންނާނީ ޕާޓީއަށް (ގައުމީ ޕާޓީއަށް) ވެސް އަންގާފައި، މި ބަދަލު ގެނައުމަށް އަޅުގަނޑު ވިސްނަމުންދާތާ ދުވަސްތަކެއް ވެއްޖެ،" އާދިލު ވިދާޅުވި އެވެ.

އާދިލު ވިދާޅުވީ އެކި ދާއިރާތަކުގައި ސަރުކާރުގެ މަސައްކަތްތައް ބާރަށް ހިނގަމުންދާތަން ފެންނަ ކަމަށާއި މި ބަދަލު ގެނައުމުގެ ބޭނުމަކީ މަރަދޫ ދާއިރާއަށް ތަރައްގީއަށްޓަކައި ސަރުކާރާ އެއްބާރުލެއްވުން ކަމަށެވެ.

އާދިލު އެމްޑީޕީއަށް ސޮއިކުރެއްވެވީ މިއަދު އިރުއޮއްސި6:30 ގައެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ދެންމެ ވިދާޅުވީ އާދިލް ޕާޓީ އަށް ސޮއިކުރެއްވީ ޕާޓީގެ ސެކްރެޓޭރިއަޓްގައި ނޫން ކަމަށާއި އެ ޕްރޮސަސް ގެންދެވީ ޕާލަމެންޓްރީ ގްރޫޕުން ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ ފޯމް ޕާޓީ އޮފީހަށް ނުލިބޭ ކަމަށާއި ނަމަވެސް "އެކަން ހިނގައިފި" ކަމަށެވެ.

އާދިލް އެމްޑީޕީ އަށް ސޮއިކުރެއްވުމާ އެކު އެ ޕާޓީގެ މެންބަރުންގެ އަދަދު 32 އަށް އެރީ އެވެ.

comment ކޮމެންޓް