އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ވާދަވެރި ގަދީ އެއިޒެންކޮޓަށް ފުރަތަމަ ބޮޑުވަޒީރުކަން ދެއްވައި، ދައުރު ބަހާލައިގެން ދެވަނައަށް އެ މަގާމު ފުރުއްވަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ހުށަހަޅުއްވައިފިއެވެ.
ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ކްނެސެޓުގައި އެންމެ ބޮޑު ޕާޓީއަކީ އޭނާގެ ލިކޫޑް ޕާޓީ ކަމަށްވާތީ ސަރުކާރުގައި އިސްކޮށް ހުންނަވަން ޖެހޭނީ އޭނާ ކަމަށެވެ. ނަމަވެސް، ގައުމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ބޮޑުކަމުންނާއި އެ ނުރައްކަލާ ކުރިމަތިލުމުގެ ގާބިލުކަން ނެތް ސަރުކާރެއް އުފެދިދާނެތީ، ލީޑަރެއްގެ ހައިސިއްޔަތުން ހުރިހާ ކަމެއް އެއްފަރާތްކުރައްވައި ވަގުތީ ގޮތުން ބާރު ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.
މި ހުށަހެޅުއްވުމާ ގުޅިގެން އެއިޒެންކޮޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހަގީގީ، އިހުލާސްތެރި އަދި އަވަސް މަޝްވަރާތަކެއް ކުރުމަށް އޭނާގެ ޔަޝާރް ޕާޓީގެ ޓީމުން ލިކޫޑް ޕާޓީއާއެކު އެތައް ހަފުތާއެއް ވަންދެން މަސައްކަތްކުރި ނަމަވެސް، ކުރިމަތިވީ ދެކޮޅުހެދުމާއި މަކަރުހެދުން ކަމަށެވެ. އެހެންކަމުން، ލިކޫޑް ޕާޓީން ހަގީގީ އެއްބައިވަންތަކަމަކަށް ތައްޔާރުނަމަ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކަމުގެ އިހުލާސްތެރިކަން ބައްލަވަން ތައްޔާރަށް ހުންނެވި ކަމަށާއި، ސިޔާސަތުތަކާއި މައިގަނޑު އުސޫލުތަކާ ގުޅޭ ގޮތުން ޔަޝާރް ޕާޓީގެ ޓީމާއެކު ހަގީގީ މަޝްވަރާތަކެއް ކުރުމަށް ނަތަންޔާހޫއަށް ދައުވަތުދެއްވާ ކަމަށް އެއިޒެންކޮޓް ވިދާޅުވިއެވެ.
އިސްރާއީލުގައި މިދިޔަ މަހުގެ 27 ގައި ބޭއްވި އިންތިހާބުގައި 120 ގޮނޑީގެ ކްނެސެޓުން ސަރުކާރެއް އުފައްދަން ބޭނުންވާ 61 ގޮނޑީގެ އަގުލަބިއްޔަތު އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެއެވެ. ދަ ނޭޝަނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ އިންތިހާބުގައި ނަތަންޔާހޫގެ ކޯލިޝަނަށް 53 ގޮނޑި ލިބުނުއިރު، އެއިޒެންކޮޓްގެ ފަޅިއަށް ލިބުނީ 48 ގޮނޑިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކްނެސެޓުގެ 67 މެންބަރުންގެ ތާއީދާއެކު، ޑިސެންބަރު ހައެއްގެ ކުރިން އާ ސަރުކާރެއް އެކުލަވާލުމަށް އިސްރާއީލުގެ ރައީސް ވަނީ އެއިޒެންކޮޓާ ހަވާލުކުރައްވާފައެވެ. މި މުއްދަތު އިތުރު 14 ދުވަހަށް ދަންމާލުމުގެ ފުރުސަތު އޮތްއިރު، އަގުލަބިއްޔަތާ ގާތަށް ޖެހިލުމުގެ ގޮތުން އެއިޒެންކޮޓް ވަނީ މިދިޔަ އަންގާރަ ދުވަހު ކަނާއަތު ފިޔައިގެ ޔިސްރާއީލް ބެއިތެއިނޫ ޕާޓީއާއެކު އަދި މިދިޔަ ބުރާސްފަތި ދުވަހު ވާތު ފިޔައިގެ ދަ ޑިމޮކްރެޓްސްއާއެކު ކޯލިޝަން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.