އެޖް ބްރައުޒާގައި ސޭވްކުރާ ޕާސްވޯޑްތައް އެންކްރިޕްޓް ނުވާކަން ހާމަވެއްޖެ

ޕާސްވޯޑް ލީކްވާ މައްސަލައަކީ ޔޫޒަރުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާކަމެއް --- ފޮޓޯ: އޭއައި

މައިކްރޯސޮފްޓް އެޖް ބްރައުޒަރުގައި ސޭވްކުރާ ޕާސްވޯޑްތައް އެންކްރިޕްޓް ނުކޮށް ހުންނަކަން ހާމަވުމާއެކު، ގިނަ ބައެއްގެ ސައިބާ ސަލާމަތްތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.

ސެކިއުރިޓީ ރިސާޗަރުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ބްރައުޒާ ހުޅުވާލުމާއެކު އޭގައި ރައްކާކޮށްފައިވާ ހުރިހާ ޕާސްވޯޑެއް އެއްކޮށް ޑީކްރިޕްޓްވެ، ކޮމްޕިއުޓަރުގެ މެމަރީ (ރޭމް) ގައި އެއްވެސް އޮޅުމެއް ނެތް "ސާފު ޓެކްސްޓް" ގެ ގޮތުގައި ބަހައްޓައެވެ.

ނޯވޭގެ ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ ޓޮމް ޔޯރަން ސޯންސްޓެބީސެޓާ ރޮނިން ހާމަކުރި ގޮތުގައި، އެޖް ބްރައުޒާ ހުޅުވާލާ ވަގުތުން ފެށިގެން، އެ ސެޝަނެއްގައި ބޭނުން ނުކުރާ ޕާސްވޯޑްތައް ވެސް މެމަރީއަށް ލޯޑްކުރެއެވެ. އޭނާ އާންމުކުރި "ޕްރޫފް-އޮފް-ކޮންސެޕްޓް" ޓޫލަކުން ދައްކާގޮތުގައި، ބްރައުޒަރުގައި ސޭވްކޮށްފައިވާ ހުރިހާ އެކައުންޓެއްގެ ޔޫޒާނޭމާއި ޕާސްވޯޑްތައް އެއްވެސް އުނދަގުލަކާ ނުލައި ސީދާ ފެންނަން ހުރެއެވެ.

https://sun.mv/214490

މައިކްރޯސޮފްޓުން ބުނާގޮތުގައި އެޖްގެ ޕާސްވޯޑްތައް ހާޑްޑިސްކްގައި އެންކްރިޕްޝަނުން ރައްކާކުރި ނަމަވެސް، ބްރައުޒާ ހިނގަމުންދާއިރު އެ ޑޭޓާ މެމަރީގައި ހުންނަނީ ޑީކްރިޕްޓް ކުރެވިފައެވެ. މިއީ ގޫގުލް ކްރޯމްއާ ޚިލާފު ގޮތެކެވެ.

ކްރޯމްއިން ޕާސްވޯޑްތައް ޑީކްރިޕްޓް ކުރަނީ ހަމައެކަނި ބޭނުންވާ ވަގުތުގައެވެ. ނަމަވެސް އެޖްގައި މި ރައްކާތެރިކަން ނެތުމުން، މެމަރީ ކިޔާލުމުގެ ފުރުސަތު އޮންނަ ކޮންމެ ޕްރޮގްރާމަކަށް ހުރިހާ ޕާސްވޯޑެއް ފެނުމުގެ ނުރައްކާ އޮވެއެވެ.

ބްރައުޒަރުގައި ޕާސްވޯޑެއް ބަލާލުމަށް ވިންޑޯސް ލޮގިން ނުވަތަ ބަޔޮމެޓްރިކް ބޭނުންކުރުން ލާޒިމު ކުރި ނަމަވެސް، ރިސާޗަރުން ބުނަނީ މިއީ ހަމައެކަނި ފެންނަން އޮންނަ "އިލޫޝަނެއް" ކަމަށެވެ. ޔޫޒަރަށް ހީވަނީ ޑޭޓާ ރައްކާތެރި ކަމަށެވެ. އެކަމަކު ހަގީގަތަކީ ޔޫޒަރު އެ ވެރިފިކޭޝަން ފުރިހަމަ ކުރުމުގެ ކުރިންވެސް ހުރިހާ ޕާސްވޯޑެއް މެމަރީގައި ސާފުކޮށް ހުންނަ ކަމެވެ.

މިކަމާ ގުޅޭގޮތުން މައިކްރޯސޮފްޓުން ބުނެފައިވަނީ މިއީ ގަސްތުގައި އެގޮތަށް ފަރުމާކޮށްފައިވާ "ޑިޒައިން" އެއް ކަމަށެވެ. އެ ކުންފުނިން ދެކޭގޮތުގައި ކޮމްޕިއުޓަރުގެ ސިސްޓަމްގެ ރައްކާތެރިކަން ގެއްލިއްޖެ ހާލަތެއްގައި، އެއީ ބްރައުޒަރުގެ ޒިންމާއެއް ނޫނެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރުން ފެށިގެން އެކި ރިސާޗަރުން ފާހަގަކުރަމުން އަންނަ މައްސަލައެއް ނަމަވެސް، މައިކްރޯސޮފްޓުން މިކަން ބަދަލުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ނުރައްކާ އެންމެ ބޮޑީ ގިނަ ބަޔަކު ބޭނުންކުރާ "ޝެއާޑް ޑެސްކްޓޮޕް" ނުވަތަ ކުންފުނިތަކުގެ ސިސްޓަމްތަކުގައެވެ. އެޑްމިން ހުއްދަ އޮތް ކޮންމެ މީހަކަށް، އެޖް ބްރައުޒާ ހުޅުވާފައި ހުރި ކޮންމެ މީހެއްގެ މެމަރީ ކިޔާލައިގެން ހުރިހާ ޕާސްވޯޑެއް ނެގިދާނެއެވެ. އަދި އެ މީހަކު ލޮގްއައުޓް ވިޔަސް، ބްރައުޒާ ބަންދު ނުކުރާހާ ހިނދަކު އެ ޕާސްވޯޑްތައް މެމަރީގައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.

މިކަމުން ސަލާމަތްވުމަށްޓަކައި ސެކިއުރިޓީ މާހިރުން ލަފާދެނީ ބްރައުޒަރުގައި ޕާސްވޯޑް ސޭވްކުރުން ހުއްޓާލުމަށެވެ. އޭގެ ބަދަލުގައި ބިޓްވޯޑެން، ވަން ޕާސްވޯޑް، ނުވަތަ ކީޕާސް ފަދަ ޚާއްސަ ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރުމަކީ މާ ރައްކާތެރި ގޮތެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މައިކްރޯސޮފްޓުން މި ޑިޒައިން ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ނުދޭތީ، އަމިއްލަ ސަލާމަތަށްޓަކައި ޔޫޒަރުން މިކަމަށް ސަމާލުވުން މުހިންމެވެ.

comment ކޮމެންޓް