އާރްޑީސީގެ އެމްޑީ ކަމުން ނަޒީމް ވަކިކޮށް، ހިންގުން ސަޢުދީއާ ހަވާލުކޮށްފި

ނަޒީމް އާއި ސައުދީ --

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކުރައްވައި، ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީ އިއްޔެ އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ، އިބްރާހިމް ނަޒީމް މަގާމުން ވަކިކޮށް، އާރްޑީސީގެ އެކްޓިން އެމްޑީގެ މަގާމަށް ސަޢުދީ އައްޔަނުކޮށްފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

މި ބަދަލު ގެނެސްފައިވާއިރު، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެހެން ކުންފުނިތަކާ އެއްކޮށްލުމަށް ފަހު އުވާލަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކުރައްވާފައެވެ.

އާރްޑީސީގެ އިސްވެރިޔާ ބަދަލުކުރިއިރު، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ވެސް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، ފެނަކައިގެ އެމްޑީގެ މަގާމުން އަފީފް ވަކިކުރީ ވަކި ޚާއްސަ ސަބަބަކާ ގުޅިގެން ނޫން ކަމަށެވެ. އަފީފް މަގާމުން ވަކިކޮށްފައި މިވަނީ، ފެނަކައިގެ މަސައްކަތްތައް ހުއްޓުމެއްނެތި ސްޓެލްކޯއާ ހަވާލުކުރުމުގެ މަރުހަލާތައް ވަރަށް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ކުންފުނިތައް ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަކުރުމަށްޓަކައި ގެންނަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، އާރްޑީސީގެ މަސައްކަތްތައް ވެސް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް