ހާޒިރުވެ އިމްތިހާނު ހަދަންޖެހޭ ގޮތަށް އޮތް އޮތުމާ މެދު ގޮތެއް ނިންމޭނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު: ބާ ކައުންސިލު

ބާ ކައުންސިލުގެ ރައީސް ޙުސައިން ސިރާޖު، ނައިބު ރައީސް އިބްރާހީމް ޝަމީލް، އެކްސްކޯ މެންބަރު އަޙްމަދު ޝިފާޢު (ކ-ވ): މިންގަނޑަށް ބަދަލު ގެނެވޭނީ މަޝްވަރާއަށްފަހު ކަމަށް އެ ކައުންސިލުން ބުނި --- ފޮޓޯ: މަޖިލިސް

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނު ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމަށް ބަދަލެއް ގެނައުމާ މެދު ގޮތެއް ނިންމޭނީ ރައްޔިތުންގެ މަޖިލީހުގެ ލަފާ ރަސްމީކޮށް ލިބުމުން ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާކުރުމަށްފަހު ކަމަށް، އެ ކައުންސިލުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމައިފައިވަނީ ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް އެ ކައުންސިލަށް އެންގުމަށެވެ.

https://sun.mv/230934

އެކަމާ ގުޅޭ ގޮތުން 'ސަން'އިން ސުވާލުކުރުމުން ބާ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ޝަމީލް ވިދާޅުވީ ބާ ކައުންސިލުން މަޝްވަރާކޮށް ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ނިންމުން ރަސްމީކޮށް ބާ ކައުންސިލަށް ލިބުމުން ކަމަށެވެ.

"އަޅުގަނޑުމެންނާ ހިސާބަށް އެ ނިންމުން އައީމަ އެއާ މެދު މަޝްވަރާކުރުމަށްފަހު ބާ ކައުންސިލުން އިތުރު ޑިސިޝަނެއް ނަގާ ކަމަށް ވާ ނަމަ އެކަން އާންމުކުރާނަން،" ޝަމީލް ވިދާޅުވިއެވެ.

ޖުޑީޝަރީ ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ބާ ކައުންސިލުގެ ފަރާތުން ބުނެފައިވާ ގޮތުގައި، ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނު ހާޒިރުވެ ހަދަންޖެހޭ ގޮތަށް ހެދީ ގާނޫނީ ދާއިރާއަށް އަލަށް ނިކުންނަ ދަރިވަރުންނަކީ ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށް ކަމަށެވެ.

https://sun.mv/229288

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް ޓަކައި، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލަށް ގެނައި ބަދަލާ އެކު އެ ދާއިރާގެ ދަރިވަރުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ބަދަލުތަކުގެ ތެރޭގައި، އިމްތިހާނުތައް މީހާ ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 18ވަނަ ދުވަހު އޮތް ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަމީލް އޭރު ވިދާޅުވިގޮތުގައި މިހާރު އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކުގައި ދަރިވަރުން ކޮޕީކުރުމާއި އޭއައި ބޭނުންކޮށްގެން އިމްތިހާނުތަކުގެ ސުވާލުތަކަށް ޖަވާބުދޭ ކަމުގެ ސީރިއަސް ޝަކުވާތައް ލިބެމުންދާކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ފާހަގަކޮށްފައިވެއެވެ.

ބާ ކައުންސިލުގެ ރައީސް ޙުސައިން ސިރާޖު ވިދާޅުވީ އޮންލައިން އިމްތިހާނުތައް އޮންނަންވާނެ ކަމަކަށް ގައުމީ ޔުނިވާސިޓީންނާއި އިސްލާމިކް ޔުނިވާސިޓީން ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް އަމިއްލަ ބައެއް ކޮލެޖުތަކުގައި އޮންލައިންކޮށް އިމްތިހާނުތައް ބާއްވާކަން ސިރާޖު ފާހަގަކުރެއްވިއެވެ.

ސިރާޖު އިތުރަށް ވިދާޅުވީ އެވަރެޖުކޮށް ބާ އިމްތިހާނުން ފާސްވަނީ އެ އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން 53 އިންސައްތަ ނުވަތަ 54 އިންސައްތަ ކަމަށެވެ. ބައެއް ހާލަތްތަކުގައި 63 އިންސައްތަ ދަރިވަރުން ވެސް ފާސްވެފައި އެބަ ހުރި ކަމަށް ސިރާޖު ވިދާޅުވިއެވެ.

ނަމަވެސް އޮންލައިންކޮށް ގާނޫނީ ދާއިރާގެ ކޯސްތަކުގެ އިމްތިހާނު ހަދާ ދަރިވަރުން ފާސްވާ ނިސްބަތް ބާ އިމްތިހާނުގައި ދަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/230970

ބާ ކައުންސިލުގެ ކުރީގެ ރައީސް އަދި ގާނޫނީ ވަކީލު މައުމޫން ޙަމީދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ ޖުޑީޝަރީ ކޮމިޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައުމޫން ސިފަކުރެއްވި ގޮތުގައި، ކޮމިޓީގެ މި ނިންމުމަކީ ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެކެވެ. އަދި މިންގަނޑުތައް ދަށްކުރުމުގެ ސަބަބުން ގާނޫނީ ތައުލީމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

"މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް ޖުޑީޝަރީ ކޮމިޓީން އެންގުމަކީ ހަމައެކަނި ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެއް ނޫން، އެއީ ގާނޫނީ ތައުލީމުގެ މަތީ މިންގަނޑުތަކަކަށް އުންމީދުކުރުމުގެ ހައްގު ލިބިގެންވާ އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" އޭނާ ލިޔުއްވާފައިވެއެވެ.

comment ކޮމެންޓް