ޖުޑީޝަރީ ކޮމިޓީގެ ނިންމުމަކީ ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެއް: މައުމޫން ހަމީދު

ބާ ކައުންސިލްގެ ފޯރަމްގެ ތެރެއިން މައުމޫން ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާ ކައުންސިލްގެ ކުރީގެ ރައީސް އަދި ގާނޫނީ ވަކީލު މައުމޫން ހަމީދު، އެ ކައުންސިލާ ގުޅޭގޮތުން ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމި ނިންމުމަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ މި ފާޑުވިދާޅުވުންތައް އަމާޒުކުރެއްވީ ބާ ކައުންސިލްގެ އިމްތިހާނުތަކުގެ ޝަރުތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެ ކޮމިޓީން ނިންމި ނިންމުމަކަށެވެ. ކޮމެޓީން ނިންމީ ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށެވެ.

މައުމޫން ހަމީދު ވިދާޅުވި ގޮތުގައި، މިނިވަންކަމާއެކު ގާނޫނީ ދާއިރާ ރެގިއުލޭޓްކުރާ މުއައްސަސާއެއްގެ މިންގަނޑުތައް ދަށްކުރުމަށް އެންގުމުގެ އެއްވެސް ބާރެއް ޖުޑީޝަރީ ކޮމިޓީއަކަށް ލިބިގެން ނުވެއެވެ.

https://www.sun.mv/230934

މީސްމީޑިއާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި މައުމޫން ހަމީދު ސިފަކުރެއްވި ގޮތުގައި، ކޮމިޓީގެ މި ނިންމުމަކީ ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެކެވެ. އަދި މިންގަނޑުތައް ދަށްކުރުމުގެ ސަބަބުން ގާނޫނީ ތައުލީމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

"މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް ޖުޑީޝަރީ ކޮމިޓީން އެންގުމަކީ ހަމައެކަނި ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެއް ނޫން، އެއީ ގާނޫނީ ތައުލީމުގެ މަތީ މިންގަނޑުތަކަކަށް އުންމީދުކުރުމުގެ ހައްގު ލިބިގެންވާ އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" މައުމޫން ހަމީދު ލިޔުއްވާފައިވެއެވެ.

އޭގެ ފަހުން ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ބާ ކައުންސިލަކީ ގާނޫނަކުން އުފައްދާފައިވާ، އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން މުއައްސަސާއެކެވެ. އެހެންކަމުން، ގާނޫނީ ތައުލީމާއި ގާނޫނީ ފަންނަށް ވަނުމުގެ މިންގަނޑުތަކަށް ބަދަލު ގެނައުމަށް އެ ކައުންސިލަށް އެންގުމުގެ ބާރު ޖުޑީޝަރީ ކޮމިޓީއަށް ލިބިގެން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ބާ އިމްތިހާނުތަކަށް ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނައި އައު ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާ ކުރުމަށް ލަފާދިނުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ. އެ ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށާއި، އައު އުސޫލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ބެޗްތަކުގެ ދަރިވަރުންނަށް އެކަނި ކަމަށް ކަނޑައެޅުމަށް ބާ ކައުންސިލަށް ލަފާދިނުމަށެވެ.

ކޮމިޓީން މިގޮތަށް ލަފާދީފައިވަނީ ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންތަކެއް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ ދަރިވަރުން ވަކާލާތުކުރި ގޮތުގައި، ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް އުސޫލު ބަދަލުކުރީ، އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނުތައް ފުރިހަމަކުރެވޭނެ ކަމުގެ އުންމީދުގައި އެ ދަރިވަރުން ކޯސްތަކުގައި ބައިވެރިވި ފަހުންނެވެ. އަނެއްކޮޅުން، ބާ ކައުންސިލުން ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް ނިންމާފައިވަނީ، އޮންލައިން އިމްތިހާނުތަކުގައި މަކަރުހެދުމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި މައުމޫން ހަމީދަކީ ގާނޫނީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ވަކީލެކެވެ. ޕްރިމިއާ ޗެމްބާސްގެ ސީނިއާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ މައުމޫން ހަމީދަކީ ކޯޕަރޭޓް އަދި ކޮމާޝަލް ލޯ، ޖިނާއީ ދިފާއީ ވަކާލާތު، ޕަބްލިކް ލޯ އަދި ގާނޫނު ޑްރާފްޓްކުރުމުގެ ދާއިރާއިން ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަމިއްލަ ޕްރެކްޓިސްއަށް ނުކުމެވަޑައިގަތުމުގެ ކުރިން، އޭނާ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ހެޑް އޮފް ޕްރޮސެކިއުޝަންސް އަދި ހެޑް އޮފް ލީގަލް ރިފޯމް ފަދަ އިސް މަގާމުތަކާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ލީގަލް ކައުންސެލްގެ މަގާމުވެސް އަދާކުރައްވާފައެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލް އުފެދުމާއެކު، 2019 ވަނަ އަހަރުގެ ޖުލައި މަހު އެ ކައުންސިލްގެ އެންމެ ފުރަތަމަ ރައީސްގެ މަގާމަށް މައުމޫން ހަމީދު އިންތިހާބުވެވަޑައިގެން، 2019 އިން 2022 ވަނަ އަހަރަށް އެ މަގާމު ފުރުއްވިއެވެ. ބާ ކައުންސިލަކީ ގާނޫނީ ފަންނު މިނިވަންކަމާއެކު ރެގިއުލޭޓްކުރުމަށް އުފައްދާފައިވާ މުއައްސަސާއަކަށް ވާއިރު، އެ ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަކީލުންނަށް ހުއްދަ ދިނުމާއި، ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލުމާއި، ގާނޫނީ ތައުލީމުގެ މިންގަނޑުތައް ހިފެހެއްޓުން ހިމެނެއެވެ.

comment ކޮމެންޓް