ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ކުނި ޖަމާކޮށްފައި ހުރި ސަރަހައްދެއްގައި ރޯވި އަލިފާގަނޑު އަދިވެސް ނިއްވާނުލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރު 14:00 އެހައިކަންހާއިރު ފަރުކޮޅުފުއްޓާ ދިމާ ބޭރުގަައި އެއްކޮށްފަައިހުރި ކުނިތަކެއްގައި ވަނީ ރޯވެފައެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.
ފުލުހުން ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބުނެފައެވެ.
ފުލުހުން މިރޭ 20:05ގައި މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އަދިވެސް ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެމްއެންޑީއެފުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވުން: ލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން -- ފޮޓޯ/ އެމްއެންޑީއެފްއެ އަލިފާންގަނޑު ބޯ ދުން އަރަމުން އަންނައިރު، ބޮޑު އާބާދީއެއް އޮންނަ ހިޔާ ސަރަހައްދަށް ވެސް ދުމުގެ އަސަރު ކުރަމުންދެއެވެ.
ކުނި އެންދުމުގެ ސަބަބުން އަރާ ދުމަކީ އޭގެ ސަބަބުން ސިއްހީ ނުރައްކާތައް ކުރިމަތިވެދާނެ ކަމަކަށްވާތީ، ދުމުގެ އަސަރުކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭއިން އާންމުކުރި އިރުޝާދުގެ ވީޑިއޯއެއްގައި ބުނީ، ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މިފަދަ ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
އެޗްޕީއޭއިން ވަނީ ދުމުން ރައްކާތެރިވުމަށް ޓަކައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕައި ބަންދުކޮށްގެން ތިބުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކަށް ނުނިކުތުމަށް އިރުޝާދު ދީފައެވެ.
މީގެ އިތުރުން ބޭރަށް ނުކުންނަން ޖެހޭނަމަ ރަނގަޅު މާސްކެއް އެޅުމަށާއި، ނޭވާހިއްލުމާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ވީވަރަކުން ގޭތެރޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައިވެއެވެ.
މީގެއިތުރުން، ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފައާއި ފަރުވާ ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.