ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ސަބަބުން އިގުތިސާދު އިތުރަށް ވަރުގަދަވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަށް (އެފްޑީއައި) މަރުހަބާ ކީ ގައުމުތަކަށް ކަމަށެވެ. އަދި އެފަދަ އިންވެސްޓްމަންޓަކީ ހަމައެކަނި ރޯ މެޓީރިއަލް ނެގުން އެކަނި ކަމަށް ވެގެން ނުވާނެ ކަމަށާއި، އެ ތަކެތި ޕްރޮސެސްކޮށް އުފެއްދުންތެރިކަމަށް މަގުފަހިވާން ލާޒިމުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
https://x.com/MohamedNasheed/status/2121923667408154814
މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާ ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ގައުމުތަކުގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް ބޭރުގެ އިންވެސްޓްމަންޓްތަކުން އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށެވެ.
އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގުތިސާދު ވަރުގަދަވެ، އިސްތިގުލާލު ހިމާޔަތްކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ޖާގައެއް ކަށަވަރުވެގެން ދިޔަކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަދައްކަވަނީ... ފޮޓޯ; އެމްޑީޕީނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ މަޝްރޫއު ހަވާލުކުރަން ނިންމާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ވަނީ މީގެ ކުރިން ވެސް ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް "ގައުމީ ހަރަކާތް" ނަމުގައި ސިޔާސީ އެކި ޕާޓީތައް ގުޅިގެން ވަނީ ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ޕީއެންއެފްގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ގާނޫނީ ވަކީލު އަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ރައީސް ޔާމީން "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި އާޓިފިޝަލް ބީޗު ދަރަހައްދުގައި.. ސަން ފޮޓޯ; ޝާތިއުއެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އީގަލް ހިލްސްއަށް ރަސްމާލެ މަޝްރޫއު ދޭން އުޅެނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ. އަދި މި ސަރުކާރު ނޫން އެހެން ސަރުކާރެއް އަތުވެއްޖެ ނަމަ، އެ އެއްބަސްވުން ބާތިލުކޮށް ބިން އަނބުރާ އަތުލާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން އެ ޖަލްސާގައި ވާހަކަދެއްކެވި އެހެން ބޭފުޅުން ވަނީ މި މަޝްރޫއު ބޭރުގެ ކުންފުންޏަކަށް ހަވާލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވާފައެވެ. އަދި މި މައްސަލައިގައި އަންނަ މަހުގެ ތެރޭގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް ވެސް އެ ހަރަކާތުން ވަނީ އިއުލާނުކޮށްފައެވެ.
އިދޮކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދައި އަޑު އުފުލި ނަމަވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެކަން ވަނީ ހާމަކުރައްވާފައެވެ.
އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްގީކޮށް ހިންގުމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ނިސްބަތްވާ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ސެޕްޓެންބަރު 21 ގައި އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރެވެ.