ވަޒީފާތަކުގައި ތިބޭ މީހުން ވަކި ޕާޓީއަކަށް ވަންނަން މަޖުބޫރު ކުރުވާ ކުރުން ނަފުސާނީވާ ހިސާބަށް ގޮއްސި: ފައިސަލް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ މީހުން ވަކި ޕާޓީއަކަށް ވަނުމަށް މަޖުބޫރު ކުރުވާތީ، ނަފުސާނީ މައްސަލައަކަށްވާ ހިސާބަށް ގޮއްސި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ފައިސަލް އެހެން ވިދާޅުވީ، ސަރުކާރު ވަޒީފާ ތަކުގައި ތިބޭ މުވައްޒަފުން، ވެރިކުރަން ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތުތައް ކުރާ ދަނޑިވަޅެއްގައެވެ.

މިއަދު ސަރުކާރަށް ތިން އަހަރުވުމާ ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ވިދާޅުވީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ މީހުންގެ ފަރާތުން ކަންބޮޑުވުންތައް ލިބެމުން އަންނަ ކަމަށެވެ.

"ވަކި ވަޒީފާއެއްގައި ހުރީތީ ވަކި ޕާޓީއަކަށް ވަންނަން މަޖުބޫރު ކުރުވާ ކުރުން ރާއްޖޭގައި މެންޓަލް ބޮޑު މައްސަލައަކަށް ވާ ހިސާބަށް ގޮއްސި،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަޒީފާތަކުގައި ތިބޭ މުވައްޒަފުންނަށް ޕާޓީއަށް ވަންނަން މަޖުބޫރު ކުރުވުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށާއި އެއީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި، ވަކި މީހަކު އަންގާ އެންގުމަކަށް ވަޒީފާތަކުގައި ތިބޭ މީހުން ތަބާވާން ނުޖެހޭނެ ކަމަށް ވިދާޅުވެ، ފައިސަލް ވަނީ އެ މުވައްޒަފުންނަށް ގާނޫނުން ލިބިދޭ ހައްގުތަކުގައި ދެމިތިބުމަށް ގޮވާލާއްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

މީގެއިތުރުން، ފައިސަލް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުތައް އެއްކޮށް ގެއްލިފައިވާ ކަމަށެވެ. މިގޮތުން، ސަރުކާރެއް ހިންގަން ފަސޭހަ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ފައިސަލް ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ދޭތެރޭ ވިސްނައިގެން ސަރުކާރުން ކުރާ އެއްވެސް ކަމެއް ނުފެނެއެވެ.

ފައިސަލް އެ ފަދައިން ވިދާޅުވިއިރު، ރާއްޖޭގައި މި ފަހުން ހިނގި ހުރިހާ ސަރުކާރުތަކެއްގައި ވެސް އެ ސަރުކާރެއް ނިސްބަތްވާ ޕާޓީއަށް މުވައްޒަފުން ވަންނަން މަޖުބޫރު ކުރުމަކީ ހިނގާ ކަމެކެވެ. އަދި އޭގެ ބަދަލުގައި ވަޒީފާތައް ދިނުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން ހިނގާ ކަމަށް ވެސް އަބަދުވެސް ތުހުމަތު ކުރެވެއެވެ.

ހަމައެއާއެކު ސައްހަ ނޫން ގޮތުގައި ޕާޓީތަކަށް މީހުން ވައްދާ ކަމުގެ ޝަކުވާއަކީ ވެސް އަބަދުވެސް ފެންމަތިވާ މައްސަލައެކެވެ.

އެފަހުން ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވުމުގައި އޮންލައިން ނިޒާމަށް އަމަލުކުރަން ވެސް ވަނީ ފަށައިފައެވެ. އަދި ފަހުން ގާއިމުކުރި ދަފުތަރަކީ ސައްތައިންސައްތަ ސައްހަ ދަފުތަރެއް ކަމާމެދު ޝައްކެއް ނެތް ކަމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް