އެންވީޑިއާގެ ސީއީއޯގެ ސިއްރު ގުޅުން ދަރިފުޅަށް އެނގޭކަމަށްބުނާ ވީޑިއޯއެއް ވައިރަލްވެއްޖެ

މެޑިސަން ހޫއަންގް މިހާރު ހުންނެވީ އެންވީޑިއާގެ ޕްރޮޑަކްޓް މާކެޓިންގެ ސީނިއާ ޑިރެކްޓަރުގެ މަގާމުގަ އި ---

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާއެކު ބޭއްވި ލޯބީގެ ސިއްރު ގުޅުމުގެ މައުލޫމާތު، ހުއާންގްގެ ދަރިފުޅު މެޑިސަން ހުއާންގަށް ކުރިންވެސް އެނގޭކަމަށް ބުނާ ވީޑިއޯއެއް އާންމުވެ، ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

އެންޑީޓީވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލަ އަލުން ހޫނުވެފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހު ތައިވާނުގެ ވެރިރަށް ތައިޕޭގެ ހޮޓަލެއްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް، ތައިވާނުގެ ޓީވީ ޗެނަލެއް ކަމަށްވާ ޓީވީބީއެސް އިން ތަހުލީލުކޮށް އާންމުކުރުމާ ގުޅިގެންނެވެ.

އުމުރުން 63 އަހަރުގެ ޖެންސެން ހުއާންގް، ޗައިނާގެ ވިޔަފާރިވެރިޔާ އެލިސް ހުއާންގާއެކު ގާތްކޮށް އުޅޭ މަންޒަރު ފެންނަ މި ވީޑިއޯއިން، ޖެންސެންގެ ދަރިފުޅު މެޑިސަން ހުއާންގާއި އޭނާގެ ފިރިމީހާ ނީކޯ ކެޕްރެޒް އެ ތަނުގައި ތިބި މަންޒަރު ސާފުކޮށް ފެނެއެވެ.

ހޮޓަލުގެ ބޭރުން ނަގާފައިވާ މި ފުޓޭޖުގައި، ޖެންސެން ހުއާންގާއި އެލިސް ހުއާންގް އެކުގައި ތިއްބައި މެޑިސަން ފޮޓޯ ނަގައިދޭ މަންޒަރާއި، ދަރިފުޅާއި ދަނބިދަރިފުޅުގެ ކުރިމަތީގައި ޖެންސެން، އެލިސްގެ އުނަގަނޑުގައި އަތްއަޅުވާލައި ކޮލަށް ބޮސްދޭ މަންޒަރުވެސް ފެނެއެވެ.

ޖެންސެން ހުއާންގާ އާއިލީ އެއްވެސް ގުޅުމެއް ނެތް އެލިސް ހުއާންގަކީ ސިންގަޕޫރުގައި ގާއިމުކޮށްފައިވާ 'މެގަސްޕީޑް' ކުންފުނީގެ ކުރީގެ އިސްވެރިއެއް ކަމަށްވާއިރު، އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ކުރި ތަހުގީގުތަކަށްފަހު އޭނާއަކީ ޗައިނާގެ ޖާސޫސީ އިދާރާތަކަށް މަސައްކަތްކޮށްދޭ މީހެއް ކަމަށް ވަނީ ނިންމާފައެވެ.

ޓީވީބީއެސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ބައްދަލުވުމުގެ ތެރޭގައި މެޑިސަން ހުއާންގް ވަނީ މެގަސްޕީޑްގެ އެގްޒެކެޓިވް އެލިސްއާ ވަރަށް ގާތްކޮށް މުއާމަލާތްކޮށްފައި ކަމަށާއި، އަދި އެ ދުވަހު ޖެންސެންގެ އަނބިކަނބަލުން ލޯރީ ހުއާންގްވެސް ތައިޕޭގައި ހުންނެވި ކަމަށް ސޯޝަލް މީޑިއާގައި އަޑުތައް ވަނީ ފެތުރިފައެވެ.

މި ވީޑިއޯއާއެކު އެކްސްގައި ޚިޔާލުފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ޖެންސެން ހުއާންގްގެ މި ގުޅުމަކީ އޭނާގެ މައިންބަފައިންނާއި މުޅި އާއިލާއަށްވެސް ކުރިން އެނގި، އާއިލާގެ ތެރެއިން އެކަމަށް ރުހުން ދީގެން ކުރިއަށްދާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް، އަނެއްބައި ފަރާތްތަކުން ވަނީ އެއީ ބޮޑު ޖީޕީޔޫ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން އުފާފާޅުކުރުމުގެ ގޮތުން ބަދަލުކުރެވުނު އާދައިގެ އިހުތިރާމުގެ އަމަލުތަކެއް ކަމަށް ބުނެ ދިފާއުކޮށްފައެވެ. އަދި ހުޅަނގުގެ ސަގާފަތަށް ހޭނިފައިވާ މީހުންގެ މެދުގައި މިފަދަ ސަލާމްކުރުންތަކަކީ އާދައިގެ ކަމެއް ނަމަވެސް، އޭޝިއާގެ ގައުމުތަކުގައި އެފަދަ ކަންކަން މާނަކުރަނީ ގޯސްކޮށް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

މެޑިސަން ހުއާންގަކީ ޖެންސެން ހުއާންގާއި ލޯރީ ހުއާންގްގެ ދަރިފުޅު ކަމަށްވާއިރު، އޭނާ މިހާރު ހުންނެވީ އެންވީޑިއާގެ ޕްރޮޑަކްޓް މާކެޓިންގެ ސީނިއާ ޑިރެކްޓަރުގެ މަގާމުގައެވެ. މީގެ ކުރިން ލަގްޒަރީ ބްރޭންޑް އެލްވީއެމްއެޗްގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ މެޑިސަންއަކީ، ޖެންސެން ހުއާންގަށްފަހު އެންވީޑިއާގެ ވެރިޔާގެ މަގާމަށް އަންނާނެ ކަމަށް މާހިރުން އެންމެ ބޮޑަށް ލަފާކުރާ އެއް ބޭފުޅާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު