ދެކޮޅު ނުޖެހޭ ގޮތަށް މުސާރަތައް ބޮޑުކުރުމުން ތަކެތީގެ އަގުތައް އުފުލޭ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، ޕޭ ފްރޭމްވޯކް އޮތް ގޮތާ މެދު އާންމު ރައްޔިތުންނާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.
އެކަމަކު، ދައުލަތުގެ ފެންވަރުގައި އަދާކުރާ ވަޒީފާއާ ލިބޭ މުސާރާއާއި އިނާޔާތް ކަނޑައަޅާއިރު، ގެންގުޅެން ޖެހޭ ހަމަތަކެއް ހުންނަ ކަމަށް ސާއިދު ވިދާޅުވިއެވެ.
އޭނާ ކިޔައިދެއްވި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ބަޖެޓު އޮފީހުން ބަލަނީ، މައިގަނޑު ގޮތެއްގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއެވެ. މިގޮތުން، އަހަރުން އަހަރަށް އަންދާޒާ ކުރާ އަދަދަށް އާމްދަނީ ލިބުނަސް ޚަރަދު ބޮޑުވާނަމަ، މުސާރައާއި އެހެނިހެން ކަންކަމަށް ހުންނަ ފައިސާ މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނުގެ މެންބަރުން --- ފޮޓޯ/ މަޖިލިސްއެ ކަމުގެ ނަތީޖާއެއްގެ ގޮތުން، ޖެހެނީ ދަރަނި ނަގަންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދަރަނީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އޭގެ މިސާލަކަށް ސާއިދު ދެއްކެވީ، 2017 ވަނަ އަހަރު ނެގި ދަރަންޏެކެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ދަރަނި ދައްކައި ނިމުނީ މި އަހަރެވެ.
ބޭރު ފައިސާއިން ދަރަނި ނެގުމުން ރާއްޖޭގައި ދައުރުވާ ފައިސާ އިތުރުވެ، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ މުސާރަ ބޮޑުވާން އެންމެން ވެސް އެދޭއިރުގައި، މުސާރަ ބޮޑުކުރާ ގޮތެއް އެއީ ދެކޮޅު ޖެހޭ ގޮތަކަށް ވާން ޖެހޭ. އެހެން ނޫންނަމަ ވާ ގޮތަކީ ބޮޑުވާ މުސާރައަށް ވުރެ، ރަށުތެރޭގައި ނުވަތަ ގައުމުގައި ތަކެތީގެ އަގުތައް މާ ބާރަށް އުފުލިގެން އާދޭ،" އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އެހެން ބުނިއިރު، ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަ އެއްހަމަ ކުރުމުގެ ގޮތުން ފާއިތުވި އަހަރުތަކުގައި އެކި ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްފައިވެއެވެ. އެއާއެކު، ފާއިތުވި ދެ އަހަރު ވެސް، ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، ނިމުނު އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ނުވަ ޕަސެންޓް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.
މި އަހަރު ތެރޭގައި، ދައުލަތުގެ ޚަރަދާއި އަސާސީ ތަކެތީގެ އަގުތައް އުފުލުނު ސަބަބުތަކުގެ ތެރޭގައި، މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރަށް އަރައިފައިވާކަން ލޮޅުން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.