ޝަރުއީ ދާއިރާ މިނިވަންކުރުމުގެ ވައުދު: ތިން އަހަރުން ފެނުނީ ކޮން މަންޒަރެއް؟

ދައުލަތުގެ ތިން ބާރުގެ ވެރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު 17، 2023 ގައި ވެރިކަމުގެ ހުވާކުރެއްވިއިރު، އެމަނިކުފާނުގެ މައިގަނޑު އެއް ވައުދުފުޅަކަށް ވެފައި އޮތީ ޝަރުއީ ދާއިރާ ފުރިހަމައަށް މިނިވަންކޮށް ސިޔާސީ ނުފޫޒުން އެއްކިބާކުރުމެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކޮށް ސިޔާސީ ބޭފުޅުން އެ ކޮމިޝަނުން ބޭރުކުރުމާއި، ކޯޓުތަކަށް މާލީ އަދި ވަސީލަތްތަކުގެ ފުރިހަމަ މިނިވަންކަން ދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް އޭރު އިއުލާނުކުރެވުނެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްކޮޅުން މާލީ އަދި އުމްރާނީ ބައެއް ފިޔަވަޅުތައް އެޅުނުއިރު، އަނެއްކޮޅުން ކޯޓުތަކުގެ ބެންޗުތަކަށާއި އިދާރީ އިސް މަގާމުތަކަށް އައި ސިލްސިލާ ބަދަލުތަކުން މި ވައުދުފުޅު ތަންފީޒުވަމުންދާ ގޮތާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުގެ މަގާމަށް މި ތިން އަހަރުގެ ތެރޭގައި ތިން ބޭފުޅަކު ވަނީ އައްޔަންކުރައްވައި ބަދަލުކުރައްވާފައެވެ. އެގޮތުން ފެބްރުއަރީ 23، 2025 ގައި މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވައި ޔަޒްމީދު މުހައްމަދު އައްޔަންކުރެއްވިއެވެ. އޭގެ ފަހުން ޔަޒްމީދު އިސްތިއުފާދެއްވުމާ ގުޅިގެން، ގާނޫނީ ވަކީލު އަލީ ނަސީރު ގާސިމް އެ މަގާމަށް އައްޔަންކުރެއްވިއެވެ. ސަރުކާރުގެ އެތެރޭގެ ސިޔާސީ އޮއިވަރުތަކާއި ޝަރުއީ ދާއިރާގެ ބޮޑެތި މައްސަލަތަކާ ގުޅުވައިގެން ގެނެވުނު މި ބަދަލުތަކުގެ ސަބަބުން، ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ގޮތާ މެދު ސިޔާސީ ބަހުސްތަކެއް އުފެދުނެވެ.

އުއްތަމަ ފަނޑިޔާރު އަރިހުގައި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު

މީގެ އިތުރުން ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާ ޖޭއެސްސީގެ ރައީސްކަމުގެ މަގާމާއި ނާއިބު ރައީސްކަމުގެ މަގާމު ވެސް މި މުއްދަތުގައި ދެ ފަހަރެއްގެ މަތިން ބަދަލުވެގެން ދިޔައެވެ. ރައީސްކަމަށް ދެ ފަހަރު ވެސް އައްޔަންކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންނެވެ. އަދި ޔަޒްމީދު އިސްތިއުފާދެއްވުމުން ހުސްވި ނާއިބު ރައީސްކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އިންތިހާބުކުރިއެވެ.

އެ ކޮމިޝަނުގެ އެހެން ބަދަލުތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުގައި އިންނަވާ މެންބަރުގެ ގޮތުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް، އަދި ފެބްރުއަރީ 23 ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ފަނޑިޔާރު ހަސަން ޝަފީއު ވަނީ ކޮމިޝަނަށް އައްޔަންކުރައްވާފައެވެ. މިހާރު ޖޭއެސްސީގެ ރައީސަކީ ޕީއެންސީގެ މެންބަރު ހުސްނީއެވެ.

ދުސްތޫރީ އަދި ސިޔާސީ ގޮތުން އެންމެ މުހިންމު ނިންމުންތައް ނިންމާ ސުޕްރީމް ކޯޓުގެ ބެންޗުން ވެސް މި ދައުރުގައި ބޮޑެތި ބަދަލުތަކެއް ފެނިގެން ދިޔައެވެ. އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާހެން އެ ކޯޓުގެ ބެންޗުގެ މެޖޯރިޓީ ވަނީ އެއްކޮށް ބަދަލުވެފައެވެ. ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އުފެދުނު މައްސަލަތަކުގެ ތެރެއިން، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިއެވެ. އަދި އެ ދެ ފަނޑިޔާރުންނާއެކު ސަސްޕެންޑް ކުރެއްވި ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ސުޕްރީމް ކޯޓަށް ކުއްލި މި ބަދަލު އައީ ސަރުކާރު މަސްލަހަތު އޮތް މައްސަލައެއް އެ ކޯޓަށް ބެލޭނެ ކަމަށް ނިންމި ހިސާބުންނެވެ. އަދި މާޗް 19، 2025 ގައި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވިއިރު، ހުސްވި ދެ މަގާމަށް ފަނޑިޔާރު މުހައްމަދު ސަލީމާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ އައްޔަން ކުރައްވައިފައެވެ.

މީގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުކުރިކަން މި މަހުގެ ހަތަރެއްގައި ޖޭއެސްސީން ނެރުނު ބަޔާނެއްގައިވެއެވެ. މި ބަދަލުތަކަކީ އެންމެ މަތީ ކޯޓުގެ ބާރު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ތުހުމަތުކުރިއެވެ.

ހަމައެއާއެކު އިސްތިއުނާފީ މައްސަލަތަކާއި އިންތިހާބީ މައްސަލަތައް ބަލާ ހައިކޯޓުގެ ބެންޗުން ވެސް، ޝަރުއީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ސީނިއާ ފަނޑިޔާރުން ހިމެނޭހެން އެކި ސަބަބުތަކާ ހުރެ ފަނޑިޔާރުން ވަކިވެވަޑައިގެންނެވިއެވެ. އެ ކޯޓުން ހުސްވި ދެ މަގާމަށް ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު އައްޔަންކުރުމަށް ޖޭއެސްސީން ނިންމިއެވެ. އަދި ޕީއެންސީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހުރި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެ، ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ޝަރުއީ ދާއިރާގެ އިދާރީ މައި އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ވެސް މި ތިން އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ބަދަލުކުރެވުނެވެ. ކޯޓުތަކުގެ ބަޖެޓާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް މަގާމު އަވަސްއަވަހަށް ބަދަލުވުމުން އިދާރީ ހިންގުމުގެ ދެމެހެއްޓެނިވިކަމަށާއި ސްޓްރެޓީޖިކް ޕްލޭންތައް ތަންފީޒުކުރުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ.

ނަމަވެސް މި ހަލަބޮލިކަމުގެ ތެރޭގައި، ޝަރުއީ ދާއިރާގެ ޒަމާންވީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ތާރީހުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުގެ ތެރެއިން ޝަރުއީ ދާއިރާއަށް ހާއްސަ މިނިވަން ބަޖެޓެއް ކަނޑައަޅައި، މިނިސްޓްރީ އޮފް ފިނޭންސަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް މާލީ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ކޯޓުތަކަށް ދެވުނެވެ. އަދި މާލޭގެ ސުޕީރިއާ ކޯޓުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އަޅާ ކޯޓު ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، އައްޑޫ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން ސުޕްރީމް ކޯޓަށް ހާއްސަ ބިމެއް ވެސް ސަރުކާރުން ވަނީ ރަސްމީކޮށް ހަމަޖައްސައިދީފައެވެ.

މި އުމްރާނީ އަދި މާލީ ކުރިއެރުންތަކާއެކު ވެސް، ވެރިކަމަށް ތިން އަހަރު ފުރުނުއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ގާނޫނުއަސާސީން ބަދަލުކުރުމުގެ ވައުދު ފުރިހަމަ ނުވެ އޮތުމަކީ ގާނޫނީ މުޖުތަމައުއިން ފާހަގަކުރާ އެންމެ ބޮޑު ކަންބޮޑުވުމެވެ. ކުރީގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި، ޖޭއެސްސީ އިސްލާހުކުރުމަކީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ވާ، އެހެން ނަމަވެސް ވެރިކަން ލިބުމުން ތަންފީޒު ނުކުރާ ވައުދެކެވެ. ބަންޑާރަނައިބު އަހުމަދު އުޝާމް މާޗް 15 ގައި ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު މި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް އެ އިސްލާހު މަޖިލީހަށް ފޮނުއްވާނެ ސީދާ ތާރީހެއް ބަންޑާރަނައިބު ހާމަކުރައްވާފައެއް ނުވެއެވެ.

comment ކޮމެންޓް