ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރާ ކޮށްޓާއި އިންޖެކްޝަން ގެނެވުނު، ތަންފީޒުނުކުރެވުނީ ފިނޑިވީމަ: ޝުޖާޢު

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު: ވިދާޅުވީ މަރުގެ ހުކުމް އޭޜު ތަންފީޒުނުކުރެވުނީ ޔާމީން ފިނޑީމަ ކަމަށް -- ފޮޓޯ/ މަޖިލިސް

މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ކޮށްޓާއި އިންޖެކްޝަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެނެވުނު ކަމަށާއި ނަމަވެސް އެ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒުނުކުރެވުނީ ޔާމީންގެ ފިނޑިކަމުން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ ޒުވާނުން ބަދަލު ހިފުމުގެ ރޫހުގައި އެކަކު އަނެކަކު ގަޔަށް ވަޅިޖަހައި ގައުމުގެ އަމަންއަމާންކަން ނަގައިލެވި ދިޔައީ މާތް ﷲ އެންގެވި ގޮތަށް އަމަލުތައް ނުބެހެއްޓުނީމަ ކަމަށާއި ގައުމުގެ ވެރިން ވެސް ފިނޑިވުމުން ކަމަށެވެ.

https://sun.mv/230248

ޔާމީންގެ ސަރުކާރުގައި ވެސް ކަން ހިނގީ އެގޮތަށް ކަމަށް، އެ ސަރުކާރުގެ ދުވަސްވަރުގައި ވެސް މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލުކުރެއްވި ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ މަރުގެ ހުކުމް ތަންފީޒުކުރާ ކޮށިގަނޑު ވެސް ހެދިއްޖެ، އިންޖެކްޝަން ވެސް ހުރީ ގެނެވިފައޭ، އެކަމަކު ތަންފީޒެއް ނުކުރެވެއޭ، ފިނޑީ އިއްޒަތްތެރި ރައީސް، ވެރިން ފިނޑީ،" އޭނާ ވިދާޅުވިއެވެ.

އެހެންވީމާ ދީނުގައި އަންގަވައިފައިވާ ގޮތަށް ހުކުމް ތަންފީޒުކުރާނަމަ މުޖުތަމައު އަމާންވެގެން ދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭނީ އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް ކަމަށާއި އެއީ ދެބަސްވެވޭނެ ކަމެއް ނޫންކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

"ރައީސް މުއިއްޒު މިކަން ތަންފީޒުނުކޮށްފިއްޔާ ރައީސް މުއިއްޒު ވެސް ވާނީ ފިނޑި ވެރިޔަކަށް، އަޅުގަނޑުމެންނަށް ޔަގީންވަނީ މިފަދަ ގާނޫނެއް މި އިއްޒަތްތެރި މަޖިލީހަށް އެ މަނިކުފާނު ފޮނުއްވާނީ އެ ހިތްވަރު އެ ކެރުންތެރިކަން ﷲ އަންގަވައިފައިވާ ގޮތަށް މިކަން ތަންފީޒުކުރުމުގެ ހިތްވަރު ހުރީމަ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝުޖާއު ވިދާޅުވިއެވެ.

comment ކޮމެންޓް