މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން މީހުން ފްރޭމްކޮށް މަރުގެ އަދަބު ދޭ ހިސާބަށް ގޮސްފާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ކުޑޫ ވިދާޅުވީ، މިސްކިތް މިސްކިތް އިމާރާތްކުރުމުން ފެށިގެން ހައްޖު ކޯޓާއާ ހިސާބަށް އޮޅުވައިލުން އެބައޮތް ކަމަށެވެ. އެހެންކަމުން "ދަން ޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ"ކަމީ އެންމެން ދަންނާނެ ހަގީގަތެއް ކަމަށް ކުޑޫ ވިދާޅުިއެވެ.
"ވަރަށް އިންސާފުވެރި ޝަރީއަތެއް ކޮށްގެން ނޫނިއްޔާ މީހެއްގެ ފުރާނަ ނަގައިލައިގެން ނުވާނެ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަން މިއީ އަޅުގަނޑުމެން އެންމެން ދެބަސްނުވާނެ ހަގީގަތެއް، ކަންބޮޑުވުމަކީ މި ބިލު ގާނޫނަކަށް ވުމުން މީހުން ފްރޭމްކޮށްގެން މީހަކު މަރާ ހިސާބަށް ގޮއްސާނެތޯ، މިއީ އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުން،" ކުޑޫ ވިދާޅުވިއެވެ.
މި ބިލުގައި ވަނީ، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓަކުން ހުކުމްކޮށްފިނަމަ އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގިގޮތް މަތީ ކޯޓަކުން ބަލަން ވާނެ ކަމަށެވެ.
މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި ހާމަކަމާއެކު ޝަރީއަތްކުރުމަށްފަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވަނީ، ކުށްވެރިޔާގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން ޝަރީއަތް ހިނގިގޮތް ބަލަންޖެހޭ ގޮތަށް ލާޒިމްކޮށްފައެވެ.
މި ބިލުގައި ވަނީ، ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް ވެސް ބުނެފައެވެ.
ބިލުގައި އޮތް ގޮތުން، މަރުގެ އަދަބު ކަނޑައެޅޭނީ މަރައިލި މީހާގެ ހުރިހާ ވާރިސުން އެކަމަށް ކޯޓުގައި އެއްބަސްވާނަމައެވެ.
މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރެވޭ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި، ކުށްވެރިޔާ ބަލިވެ އިނދެއްޖެނަމަ، އޭނާ ވިހައި ގަދަވެ، ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން، ނުވަތަ އަދަބު މުރާޖައާކުރަން ކުށްވެރިޔާގެ ފަރާތުން ހުށަހަޅައިފައިވާ ނަމަ ކޯޓުން ގޮތެއް ކަނޑައަޅަންދެން، ނުވަތަ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަންދެން، ނުވަތަ ކުށްވެރިޔާގެ ނަފުސާނީ އަދި ޖިސްމާނީ ސިއްހަތު އެކަށީގެންވާ މިންވަރަށް ވުރެ ދަށްވެފައިވާ ނަމަ ރަނގަޅުވަންދެން މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެއެވެ.
ބިލުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒުކުރެވޭނީ ދަންޖައްސައިގެންނެވެ.
ހަމަ އެހެންމެ ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް ފެންނާނެ ފަދަ ތަނެއްގައި ތަންފީޒުކުރުން މި ބިލުން މަނާވާނެއެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރާއި އަޑު އެއްވެސް ސިފައެއްގައި ރެކޯޑުކޮށް އާންމުކުރުން ވެސް މަނާވާނެއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ޕެނަލެއް އެކުލަވައިލަންޖެހޭނެ ކަމަށް މި ބިލުގައިވެއެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ޕެނަލުގައި ހިމެނެނީ ޖަލު ކޮމިޝަނަރު އައްޔަންކުރާ ކަރެކްޝަންސްގެ އޮފިސަރަކާއި ފުލުހުންގެ ކޮމިޝަނަރު އައްޔަންކުރާ ފުލުހަކާއި ޕްރޮސެކިއުޓަރު ޖެނެރަލް އައްޔަންކުރާ ޕްރޮސެކިއުޓަރަކާއި މަޖިލީހުން ކަނޑައަޅާ މެންބަރަކާއި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާ ޑޮކްޓަރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތަކާއި ފަތުވާ މަޖިލީހުން ކަނޑައަޅާ ދީނީ އިލްމުވެރިއެކެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ 72 ގަޑިއިރުކުރިން އެކަށް ކުށްވެރިޔާއަށާއި އޭނާގެ އާއިލާއަށާއި ގާނޫނީ ވަކީލަށާއި ކަރެކްޝަންސްއަށާއި މަރައިލި މީހާގެ ވާރިސުންނަށް އަންގަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.