މަސްވެރިކަމުގެ ދާއިރާގެ އިގުތިސާދީ އުފެއްދުންތެރިކަން 48 ޕަސެންޓް ދަށްވެއްޖެ

މަސް ކިރުވުން: -- ފޮޓޯ/ މިފްކޯ

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިގުތިސާދީ އުފެއްދުންތެރިކަން މިދިޔަ ސެޕްޓެންބަރު މަހު އޭގެ ކުރީ އަހަރުގެ އެ މަހާ އަޅައި ބަލާއިރު 48.0 ޕަސެންޓް ދަށްވެއްޖެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިއްޔެ އާންމުކުރި މަންތުލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު (އެމްއައިއީޖީ) ރިޕޯޓުގައިވާ ގޮތުން، މިދިޔަ ސެޕްޓެންބަރު މަހު މަސްވެރިކަމުގެ ދާއިރާގެ އެމްއައިއީޖީ ހުރީ 132 މިލިއަން ރުފިޔާގައެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައި ބަލާއިރު ބޮޑު ދަށްވުމެއް ނަމަވެސް، މިއަހަރުގެ އޮގަސްޓް މަހާ އަޅައި ބަލާއިރު އެ ދާއިރާގެ ހަރަކާތްތައް ވަނީ 26.3 ޕަސެންޓް އިތުރުވެފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ސިނާއަތްތަކުގެ ތެރެއިން، އަހަރުން އަހަރަށް ބަލާއިރު އެންމެ ބޮޑު ދަށްވުމެއް ރެކޯޑުކޮށްފައިވަނީ ވެސް މަސްވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން މިދިޔަ ސެޕްޓެންބަރު މަހުގެ ޖުމުލަ އިގުތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވަނީ އެ ދާއިރާއިން ކަމަށް އެމްބީއެސްއިން ބުނެއެވެ. މަސްވެރިކަމުގެ ދާއިރާއިން ޖުމުލަ ކުރިއެރުމުން 1.5 ޕަސެންޓް ޕޮއިންޓް އުނިކޮށްފައިވާއިރު، ދެން އެންމެ ބޮޑަށް ދަށްވި އެކޮމޮޑޭޝަން އަދި ކާބޯތަކެތީގެ ހިދުމަތްތަކުގެ ދާއިރާއިން އުނިވެފައިވަނީ 0.1 ޕަސެންޓް ޕޮއިންޓެވެ.

އެމްއައިއީޖީގެ މި ތަފާސްހިސާބުތައް އެކުލަވާލާފައިވަނީ 2019 ވަނަ އަހަރުގެ އަގުތަކަށް ބިނާކޮށްގެންނެވެ. މިދިޔަ ސެޕްޓެންބަރު މަހު ރާއްޖޭގެ ޖުމުލަ އެމްއައިއީޖީ 8،512 މިލިއަން ރުފިޔާގައި ހުރިއިރު، އެއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައި ބަލާއިރު 4.0 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް