ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލު ހުކުމް ތަންފީޒުކުރަންޖެހޭ 240 މީހުންގެ ތެރެއިން 20 މީހަކު ތިބީ ގޭބަންދުގައި ކަމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ކުޑޫ ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ގޭބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުން ތިބީ މާލޭގައި ގޭ ބަންދުގައި ކަމަށެވެ.
"އެ މީހުން ސައިހޮޓާ ކެފޭ ރެސްޓޯރަންޓުތަކަށް ވަންނަމުންދޭ، މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް، މިހާ ހިސާބުން އަޅުގަނޑުގެ ސުވާލަކީ އަދުލު އިންސާފު ގާއިމްކުރެވޭތޯއޭ އަޅުގަނޑުމެންނަށް؟" ކުޑޫ ސުވާލު އުފެއްދެވިއެވެ.
އެގޮތަށް ކަންކަން ހުރިހާ ހިނދަކު މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ކަމާ މެދު ކުޑޫ ވަނީ ސުވާލު އުފައްދަވައިފައެވެ.
ހަމަ މިކަމާ ގުޅިގެން ކުޑޫ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް މިއަދު ސިޓީއެއް ވެސް ފޮނުއްވައިފައެވެ.
ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 50 ވަނަ މާއްދާގައިވާ ގޮތުން، އެ ގާނޫނުގެ ދަށުން ބަންދުކުރާ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއް ވެސް ނުހިނގާނެކަން ބަޔާންކޮށްފައި އެބަ އޮތް ކަން ފާހަގަކުރައްވައިފައެވެ. އަދި ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައިވާ ގޮތުން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެކަން އެބަ އޮތްކަން ވެސް ފާހަގަކުރައްވައިފައިވެއެވެ.
އެ ސިޓީއާއެކު 20 މީހުންގެ ލިސްޓެއް އާންމުކުރައްވައި ކުޑޫ ވަނީ، އެ މީހުން ޖަލުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކޮން ގާނޫނެއްގެ ދަށުންތޯއާއި އެ މީހުން ގޭ ބަންދަށް ބަދަލުކުރީ ކޮން ޝަރުތުތަކާއެކުތޯ ބަލަން އެދިވަޑައިގެންފައެވެ. އަދި އެ މީހުން ތިބި ގޭގެއާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި އެ މީހުންގެ ފައިގައި ޓެގު ހަރުކޮށްގެން އެ މީހުން ހުރިތަން ބަލަހައްޓާ ނިޒާމެއް އޮވޭތޯ ހޯދަން ވެސް އެދިވަޑައިގަތެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 250 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.