ނަމާދަށް ހުރި މީހެއްގެ ކުރިމަތީ ބަރަހަނާވި ކަމުގެ ތުހުމަތު ކުރެވޭ މީހާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް

މީހަކު މަގުމަތީގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހާނަވެ، ބޭއަދަބީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފިއެވެ.

ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުން ދިނުމުގެ ރެކޯޑު އޮންނަ ދިވެހި އެ ފިރިހެން މީހާ މި ފަހުން ހައްޔަރުކުރީ، ނަމާދަށް ހުރި އަންހެނެއް ކުރިމަތީ ބަރަހަނާވެ އަމިއްލައަށް އެދުން ފުއްދިކަމަށް ބުނާ މައްސަލައެއްގައެވެ.

ފުލުހުން އިއްޔެ ބުނީ، އެފަދަ ކަމެއް އޭނާގެ ފަރާތުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

https://sun.mv/230414

'ސަން'އިން ސުވާލުކުރުމުން މިއަދު ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، އެ މީހާ، ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިސްކިތްތަކަށް ގެއްލުން ދޭ މައްސަލައިގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން މިދިޔަ ސެޕްޓެމްބަރު 25ގައި އޭނާ ބަންދު ވެސް ކުރިއެވެ. ފުލުހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް އެ ކުށް ސާބިތުވެ، އިއްވީ އެއް މަހާއި 15 ދުވަހުގެ ޖަލު ހުކެމެކެވެ.

ނަމަވެސް މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން، އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން އޭރު ކަނޑައެޅިއެވެ.

އެހެންކަމުން އޭނާ ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރިއެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ އެފަދަ ކުށްކުރާ މީހެއްކަން އޭނާގެ ހައްޔަރު އަދި ބަންދު ލޮގަށް ބެލުމުން އެނގެއެވެ. އަދި އޭނާއަކީ އިތުރު ބާވަތްތަކުގެ ކުށުގެ ރެކޯޑު ވެސް އޮތް މީހެއް ކަމަށް ވެސް އަމުރުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް