ދެ ދުވަސް ވީއިރު، މާލޭން ގެއްލުނު ދިވެހި ފިރިހެނަކު އަދިވެސް ނުފެނޭ

ގެއްލިގެން ހޯދާ މީހާ: އޭނާ އަދި ވެސް ނުފެނޭ -- ފޮޓޯ/ ފުލުހުން

މާލޭން ގެއްލިގެން ހޯދަން ފެށި، ދިވެހި ފިރިހެން މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) އެވެ.

ފުލުހުން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ.

އެހެންވެ، އޭނާ ހޯދުމަށް އިއްޔެ ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

'ސަން'އިން މިއަދު ސުވާލުކުރުމުން ފުލުހުން ބުނީ، އެ މީހާ އަދިވެސް ފެނިފައިނުވާ ކަމަށެވެ.

އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެ މުއައްސަސާއިން އެދިފައިވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލެ ސަރަހައްދުގައި ގެއްލިގެން މީހުން ހޯދަން ދޭތެރެއަކުން އިއުލާންކުރެއެވެ

comment ކޮމެންޓް