މުޒާހަރާއެއްގެ ތެރެއިން މީހަކު ކާފަރުކުރި ކަމަށް ބުނެ ދަޢުލަތުން އުފުލި ދަޢުވާއެއްގައި، ފުލުހުންގެ ހެކިބަސް ނަފީކުރުމަށް ދިފާޢުން ހުށަހެޅި ފަސް ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި، އެ ނިންމުން ހައިކޯޓުން ބާޠިލުކޮށްފިއެވެ.
މި މައްސަލައަކީ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރި ކަމަށް ބުނެ ސ. ފޭދޫ ޕިންކްހައުސް، އަޙްމަދު ފާއިޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއެކެވެ. މި މައްސަލައިގައި ފާއިޒުގެ ފަރާތުން ފަސް ހެއްކަކު ހުށަހެޅީ، ހާދިސާ ހިނގި ސަރަޙައްދުގައި ތިބި ކަމަށް ބުނެ ދައުލަތުން ހުށަހެޅި ދެ ފުލުހުންގެ ހެކިބަސް ނަފީކުރުމަށެވެ. ނަމަވެސް، ދައުލަތުން ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ އެ ފަސް ހެކިންނަކީ މައްސަލައާ ގުޅުންހުރި ހެކިން ނޫން ކަމަށް ބަލައި ޝަރީޢަތަށް ބަލައިނުގަންނަން ނިންމާފައެވެ.
ފާއިޒުގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ޙުކުމުގައި ފާހަގަކުރައްވާފައިވަނީ، ހެއްކާބެހޭ ޤާނޫނުގެ ދަށުން، ހެކިބަސް ދޭ މީހާގެ އިތުބާރާމެދު ސުވާލު އުފެއްދުމަށް ހުށަހަޅާ ހެއްކަކީވެސް މައްސަލައާ ގުޅުންހުރި ހެކި ކަމުގައި ބެލެވޭނެ ކަމެވެ. އަދި ދިފާޢީ ހެކިން ހުށަހެޅި ފޯމުގައި ސަބަބު ކުރުކޮށް ލިޔެފައިވީ ނަމަވެސް، ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަށް ދިން ރައްދު ފޯމުގައި އެކަމުގެ ފުރިހަމަ ތަފްޞީލު ދީފައިވާތީ، ދަށު ކޯޓުން އެ ތަފްޞީލުތަކަށް ރިޢާޔަތްކުރަން ޖެހޭނެ ކަމަށް ހައިކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ލިބެންހުރި ތަފްޞީލުތަކަށް ރިޢާޔަތްނުކޮށް، ފޯމުގެ އިބާރާތުގައި ހުރި އުނިކަމަކަށް ބަލައި ދިފާޢީ ހުރިހާ ހެކިން އެއްކޮށް ބޭރުކޮށްލުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ކަށަވަރުކޮށްދޭ ދިފާޢުވުމުގެ ޙައްޤު ނުބައްދަލު މިންވަރަކަށް ހަނިވެގެންދާނެ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާޠިލުކޮށް، ދިފާޢުން ހުށަހެޅި ރައްދު ފޯމުގައިވާ ތަފްޞީލުތަކަށާއި ހެއްކާބެހޭ ޤާނޫނުގެ މިންގަނޑުތަކަށް ރިޢާޔަތްކޮށް، އެ ހެކިން ބަލައިގަތުމާމެދު ސަބަބު ބަޔާންކޮށް އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.