މޯލްޑިވްސް އިންލެންޑް އެންޑް ރެވެނިއު އޮތޯރެޓީ (މީރާ)ގެ އޮޑިޓްކުރުން މިހާރަށްވުރެ ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ ހިސާބުތައް ވެސް ރަނގަޅުތޯ ބަލަން ޖެހޭ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބަޖެޓު ކޮމެޓީގައި މިއަދު ދެއްކެވި ވާހަކަފުޅުގައި މުނައްވަރު ވަނީ، މީރާގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބިޒްނަސް ޕްރޮފިޓް ޓެކްސް ހޯދުމަކީ ބޮޑު ޒިންމާއެއް ކަމަށާއި އެ ހޯދުމަށް މީރާއިން ގިނަ މަސައްކަތްތައް ކުރާކަން ވެސް މުނައްވަރު ވަނީ ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެންނަށް މީރާއިން ޝެއާކޮށްފަހުރި ހިސާބުން، އަޅުގަނޑުމެންނަށް ދީފައި ހުރީ 185 ރިސޯޓުގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓުން އެނގޭތޯ އިންކަމް ޓެކްސް ޕޭކުރަނީ. އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ؟ ފައިދާއެއް ނުވުން ނުވަތަ ކޮންމެވެސް ކަހަލަ މައްސަލަތަކެއް އެބަ އުޅެއޭ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
އެހެންވެ، މީރާއިން ރިސޯޓުތައް ވެސް އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލީސް އިދާރާ "އޮޑިޓްކުރަން އެބަޖެހޭ އެ ބޭފުޅުންގެ ހިސާބުތައް. އެހެންވީމަ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން އެ ބޭފުޅުން ދާންވީކީ. އަޅުގަނޑުމެންގެ ޓުއަރިޒަމްގެ ހިސާބުތައް ހުރީ ރަނގަޅަށްތޯ ވެސް އެބަ ބަލަންޖެހޭ." މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވަނީ ރާއްޖޭގެ ބޭންކިން ސިސްޓަމަށް ވަންނަ ކޮންމެ ޑޮލަރަކީ ވެސް ވަރަށް ބޮޑު އަދަދެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ޑޮލަރު އިތުރަށް ވެއްދުމަށްޓަކައި މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް އެކަން ހަރުކަށި ކުރާނެ ކަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.
"މޮނީޓާ ކުރަން އެބަޖެހޭ. މޮނީޓާ ނުކުރީމަ މިވާ ގޮތަކީ އެ ޑޮލަރު ނުވަދޭ ރާއްޖޭގެ ބޭންކިން ސިސްޓަމަކަށް. ނުވަންނަންޏާ ވާނެ ގޮތަކީ އެ ދައުރެއް ނުވާނެ ނޫންތޯ ރާއްޖޭގައި. ދެން މީގެ ސްޓްރެކްޗަރަލީ މައްސަލަތަކެއް ވެސް އެބަހުރި. މިކަން އެއް ދުވަހަކުން އެއްފަހަރަކުން ނުކުރެވޭނެ." ގަވަރުނަރު ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާއިން އިންކަމް ޓެކްސް އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީީ)އާއި ގްރީން ޓެކްސްގެ އިތުރުން ބިމުގެ ކުލި އާއި އިތުރު ފީތައް ދައްކަން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 29ގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 9.32 ބިލިއަން ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި 1.66 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ހިމެނޭ ގޮތަށް، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޖުމުލަ 3.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައެވެ. އޭގެ ތެރެއިން 3.08 ބިލިއަން ރުފިޔާ، މިދިޔަ މަހުގެ 29ގެ ނިޔަލަށް ލިބިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް، މިދިޔަ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހު ވަނީ އަމަލުކުރަން ފަށައިފައެވެ.