ލ. ގަމުގެ ފެހިކަން ހިމާޔަތް ކުރުމަށް އުސޫލެއް؛ ވިޔަފާރިއަށް ބޭރުކުރާ ކޮންމެ ރުކަކަށް 100ރ. ދައްކަން ޖެހޭނެ

ގަމު ލިންކްރޯޑް: ގަމުން ވިޔަފާރި ބޭނުމަށް ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އުސޫލު އެކުލަވައިލައިފައި -- ފޮޓޯ/ ވިޒިޓް ލާމު

ވިޔަފާރި ބޭނުމަށް ލ. ގަމުން ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާ ދައްކަންޖެހޭ ގޮތަށް، އެ ރަށުން ރުއްގަސް ނެގުމާއި އުފުރުމާއި ރަށުން ބޭރުކުރުމުގެ އުސޫލު މިއަދު އާންމުކޮށްފިއެވެ.

ރާއްޖޭގައި ބިން އެންމެ ބޮޑު ރަށް ކަމަށްވާ ގަމުގެ ކައުންސިލުން އާންމުކުރި އުސޫލުގައިވަނީ އެ ރަށުގެ އެއްވެސް ސަރަހައްދަކުން ރުކެއް ނުވަތަ ގަހެއް ކަނޑައި އުފުރައި ރަށުން ބޭރުކުރަންވާނީ ކައުންސިލުން ލިއުމުން ދޫކުރާ ހުއްދަ ލިބިގެން ކަމަށެވެ.

މި އުސޫލުގައިވާ ގޮތުން ގަމުގެ ހޭޅީގައި ގޮނޑުދޮށަށް ވާ ގޮތަށް ހެދިފައިވާ ބާވަތް ބާވަތުގެ ރުއްގަހާއި އެ ރަށުގައި ހިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއްގެ ރުއްގަހަކާއި، ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދެއްގެ ވަށައިގެންވާ 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭ ހެދިފައި ހުންނަ ބާވަތް ބާވަތުގެ ރުއްގަސް ކަނޑައި ރަށުން ބޭރުކުރުން މަނާވާނެއެވެ.

މީގެ އިތުރުން ދިރޭ ތަކެތި ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސާއި ރާއްޖޭގައި ހުރި ނެތި ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި ވެސް ނަގައި ބޭރުކުރުން މި އުސޫލުގެ ތެރެއިން މަނާވާނެއެވެ.

ނަމަވެސް އެ ގަހެއްގެ ގޮފިތަކާއި މޫތައް ދިގުވެ، ގަސް ބިޔަވުމުގެ ސަބަބުން، އަވަށްޓެރި ގޭގެއަށާއި ގޯތި ގޯއްޗަށް ނުވަތަ އިމާރާތަށް ބޮޑު ގެއްލުމެއް ލިބެމުންދާނަމަ، ނުވަތަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ނަމަ، ދިގުވެ އުނދަގޫ ފޯރާ ގޮފިތަކާއި މޫތައް ކޮށައި، ގަސް ބެލެހެއްޓުން މި އުސޫލުގެ ތެރެއިން ހުއްދައެވެ. އެކަމަކު އެފަދަ ގަސްގަހުގައި ހުންނަ ގޮފިތަކާއި މޫތައް ކަނޑަންވާނީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.

މި އުސޫލުގައިވަނީ 50އަށް ވުރެ ގިނައިން ރުއްގަސް ނަގާ ނަމަ ނުވަތަ 4،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ސާފުކުރާނަމަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އުސޫލުގައިވާ ގޮތުން 50 ރުކަށް ވުރެ މަދުން ނަގާ ނަމަ، ހުއްދަ ދޫކުރާނީ ސީދާ ކައުންސިލުންނެވެ.

މި އުސޫލުގެ ދަށުން ރުއްގަސް ނެގުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން ކައުންސިލުން ކަނޑައަޅައިފައިވާ ފީ ދައްކަން ޖެހޭނެއެވެ. އެއީ:

  • ހުށަހަޅާ ކޮންމެ ފޯމަކަށް 50 ރުފިޔާ
  • ވިޔަފާރި ބޭނުމަށް ރަށުން ބޭރަށް ގެންދިއުމުގެ ފީގެ ގޮތުގައި ކޮންމެ ރުކަކަށް 100 ރުފިޔާ
  • ރަށުން ބޭރުކުރާ ކޮންމެ ގަހެއްގެ ވަށަމިނުގައި 10 ސެންޓިމީޓަރު ހަމަވާނަމަ 25 ރުފިޔާ، އަދި އިތުރުވާ ކޮންމެ ސެންޓިމީޓަރަކަށް ފަސް ރުފިޔާ
  • މުއްދަތު އިތުރުކޮށްދޭ ކޮންމެ ފަހަރަކު 2،000 ރުފިޔާ
  • ދަރުގެ ގޮތުގައި ބޭނުންކުރުމަށް ކަނޑާ ކޮންމެ ގަހަކަށް 10 ރުފިޔާ

މީގެ ތެރެއިން ވެސް ރުއްގަސް ނަގައި ރަށުން ބޭރުކުރުމުގެ ހުއްދަ ކައުންސިލުން އިތުރުކޮށްދޭނީ ދެ ފަހަރު ކަމަށް އުސޫލުގައިވެއެވެ. އަދި ދެ ފަހަރަށް ވުރެ އިތުރަށް ހުއްދަ އިތުރުކުރާނަމަ ޖެހޭނީ އައު ހުއްދައަކަށް އެދެން ކަމަށް ވެސް އުސޫލުގައިވެއެވެ. މި އުސޫލުގެ ދަށުން ހުއްދަ ދޫކުރުވެނީ ނާސަރީގައި ހައްދާ ރުއްގަސް ރަށުން ބޭރުކުރުމަށް ތިން ދުވަސް، އަދި މި އުސޫލުގެ ދަށުން ހުއްދަދެވިފައިވާ އެހެނިހެން ތަންތަނުގައިވާ ރުއްގަސް ރަށުން ބޭރުކުރުމަށް ހަތް ދުވަހެވެ.

ގަމުން ކަނޑައި، އުފުރައި ނުވަތަ ކޮނެގެން ނަގާ ރުއްގަސް އެހެން ރަށަކަށް ގެންދެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެ ރަށުން ކަނޑައި، އުފުރައި ނުވަތަ ކޮނެގެން ނަގާ ކޮންމެ ރުއްގަހަކަށް ދެ ރުއް ނުވަތަ ކޮންމެ ގަހަކަށް ދެ ގަސް އިންދަންޖެހޭނެ ކަމަށް ވެސް މި އުސޫލުގައިވެއެވެ.

ބައެއް ރަށްތަކުން ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދަކަށް ރުއް އުފުރައި، އެހެން ތަންތަނަށް ގެންދިޔުމުގެ ކަންބޮޑުވުން، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން މީގެ ކުރިން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް