ހުރާގެ ކުޅީގައި ނޭޗާ ޕާކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ހުރާ ކުޅި: ގެސްޓުހައުސް އެޅުމަށް ހުރާއިން 25 ބިމެއް ކުއްޔަށް ދޫކުރަނީ --- ފޮޓޯ/ އަރުޝް އަހުމަދު

ކ. ހުރާގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމާއި އިގްތިޞާދީ ފުރުސަތުތައް ފަހިކުރުމުގެ މަގްޞަދުގައި އެރަށުގެ ކުޅީގައި "ނޭޗާ ޕާކް" އެއް ތަރައްގީ ކުރުމަށް ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

ހުރާ ކައުންސިލުން ބުނީ، މި މަޝްރޫއަކީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގެ ގުދުރަތީ ވެށި ޙިމާޔަތްކުރުމާއެކު، އިކޯ-ޓޫރިޒަމްގެ ތެރެއިން ރަށުގެ އިގްތިޞާދަށް ކުރިއެރުން ހޯދައިދިނުމެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބީލަން ހުށަހެޅުން އޮންނާނީ މި މަހު 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:20 ގައި ހުރާ ކައުންސިލް އިދާރާގައެވެ.

ހުރާ ކައުންސިލުން އިތުރަށް ބުނީ، އަންދާސީ ހިސާބު ހުށަހަޅަންވާނީ އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ޝީޓާ އެއްގޮތަށް، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ފޯނު ނަންބަރު 6640074 އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

ހުރައަކީ މާލޭ ކައިރި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ފުޅާކޮށް ކުރަމުން އަންނަ ރަށްތަކުގެ ތެރެއިން އެއް ރަށެވެ. އެ ރަށުގައި ގިނަ ގެސްޓު ހައުސްތަކެއް ހިންގަމުން އަންނައިރު، ޗުއްޓީ ހޭދަކޮށްލަން ދިވެހިންނާއި ބޭރު ފަތުރުވެރިން ވެސް އެ ރަށަށް ދެއެވެ.

comment ކޮމެންޓް