މ. މުލިން ދިވެހިރާއްޖޭގައި ކުރިން ދުވަހަކުވެސް ރެކޯޑުކުރެވިފައި ނުވާ އައު ވައްތަރެއްގެ ދޫންޏެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތްރަޝް" ފެނި، ރަސްމީކޮށް ރެކޯޑުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީރާ) އިން މީގެ ދެ ދުވަސްކުރިން ނެރުނު ޚާއްސަ ސައިންޓިފިކް ރިޕޯޓެއްގައެވެ.
މި ދޫނި ފެނިފައިވަނީ ތިމާވެށީގެ ގޮތުން ޚާއްސަ އަދި ޙިމާޔަތްކުރެވިދާނެ ސަރަޙައްދުތައް ދެނެގަތުމަށް ޓަކައި އީރާގެ ޓީމަކުން މުލަކަތޮޅުގައި 26 އިން 30 އޮކްޓޯބަރު 2024 އަށް ކުރިއަށްގެންދިޔަ ސާވޭއެއްގެ ތެރެއިންނެވެ.
އެގޮތުން، 29 އޮކްޓޯބަރު 2024 ގެ ހެނދުނު މުލީގެ ދަނޑުވެރިކަންކުރާ ސަރަޙައްދަކުން މި ބާވަތުގެ ދެ ދޫނި ފެނިފައިވާ ކަމަށް އީރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ދޫނި ރުކެއްގެ ކުރީގައި އިންދާ ފޮޓޯ ނަގާފައިވަނީ އެ އޮތޯރިޓީގެ ޙުސައިން ޝުފްރާން އެވެ. އަދި ޖެހިގެން އައި އޮކްޓޯބަރު 30 ވަނަ ދުވަހު ވެސް ހަމަ އެ ސަރަޙައްދުން މި ދޫނިތައް ފެނި، އިތުރު ފޮޓޯތައް ނަގާފައިވެއެވެ.
ދޫނި ފެނުނު ސަރަހައްދު --ޔޫސުފް ރިޟްވާން، ޙުސައިން ޝުފްރާން، މުޙައްމަދު އައިމަން އަދި އަޙްމަދު ބަޝީރު އެކުލަވާލި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އަދި ބައިނަލްއަގްވާމީ ދޫނީގެ ދަފްތަރުތައް ކަމަށްވާ "އެވިބޭސް" އަދި "އީބާޑް" ގައި ވެސް ރާއްޖެއިން މި ދޫނި ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ.
ރާއްޖެއިން މުޅިން އަލަށް ފެނުނު ދޫންޏަކަށް ވާތީ، މި ދޫންޏަށް އަދި ދިވެހި ނަމެއް ކަނޑައެޅިފައެއް ނުވެއެވެ.
ޢާންމުކޮށް ޔޫރަޕް، މެދުތެރޭ އޭޝިއާ، އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ ހިސާބުތަކުގައި އުޅޭ މި ދޫންޏަކީ ބިމުގައި އުޅޭ، ބޯ އަދި ކަރުގެ ބައި ނޫ-އަޅި ކުލައަކަށް ހުންނަ، އަދި ނިގުލާއި ބަނޑުދަށް މުށި-އޮރެންޖު ކުލައަކަށް ހުންނަ ރީތި ދޫންޏެކެވެ. މިއީ މޫސުމީ ހިޖުރަކުރާ ދޫންޏަކަށް ވާއިރު، އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކުން އާންމުކޮށް ފެނުނު ނަމަވެސް، ދެކުނުގެ ހިސާބުތަކުން މީގެ ކުރިން ފެނިފައިވަނީ ވަރަށް މަދުންނެވެ.
އީރާއިން ފާހަގަކުރާ ގޮތުގައި، ރާއްޖެއަކީ މެދުތެރޭ އޭޝިއާގެ "ފްލައިވޭ" ގައި މޫސުމީ ދޫނިތައް މަޑުކުރާ މުހިންމު މަންޒިލަކަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި މަގު އޮޅުމުގެ ސަބަބުން މިފަދަ އައު ދޫނިތައް ރާއްޖެއަށް އައުން އެކަށީގެންވެއެވެ.
މި އައު ހޯދުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދޫނި ހިޖުރަކުރާ މަގުތައް ދެނެގަތުމަށާއި، ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން އިތުރަށް ދިރާސާކުރުމަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.