ޕޯޗުގަލް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ރިޓަޔާ ކުރުމާއެކު ކެޕްޓަންކަން ބެނާޑޯ ސިލްވާއަށް ދީ، ގައުމީ ޓީމުގައި ގިނަ ޒުވާން ކުޅުންތެރިންތްކެއް ހިމަނައިފިއެވެ.
ކޯޗު ޖޯޖް ޖެސޫސްއާ މައްސަލަ ޖެހިގެން އުމުރުން 42 އަހަރުގެ ރޮނާލްޑޯ ކުއްލި ގޮތަކަށް ރިޓަޔާ ކުރުމުން، ނޭޝަންސް ލީގުގައި ވޭލްސް އާއި ޑެންމާކާ ދެކޮޅަށް ކުޅެން ކޯޗު އެކުލަވާލި ސްކޮޑުން، މުޅިން އަލަށް ގައުމީ ޓީމަށް ނެގި ހަތް ކުޅުންތެރިއެއް ހިމަނާފައިވެއެވެ.
މީގެ ތެރޭގައި ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމުގެ ފަސް ކުޅުންތެރިއަކު ވެސް ހިމެނެއެވެ. މި ކުޅުންތެރިންނަކީ އަލްބާޓޯ ކޮސްޓާ އާއި އެންޓޯނިއޯ ސިލްވާ އާއި މަތެއަސް ފެނާންޑޭޒް އާއި ކާލޮސް ފޯބްސް އާއި ޖިއޮވާނީ ކުއެންޑާ އާއި ރޮޑްރީގޯ މޮރާގެ އިތުރުން ގުސްޓާވޯ ވަރޭލާއެވެ. މި ކުޅުންތެރިންގެ ތެރެއިން މޮރާ އާއި ކުއެންޑާ އަކީ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒް މީގެ ކުރިން އެކުލަވާލި ސްކޮޑެެއްގައި ހިމެނި، ކުޅުމުގެ ފުރުސަތު ލިބިފައިނުވާ ދެ ކުޅުންތެރިންނެވެ.
ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އުމުރުން 32 އަހަރުގެ ބެނާޑޯ ސިލްވާ އަކީ މިވަގުތު ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. މެންޗެސްޓާ ސިޓީގައި ސިލްވާ ހޭދަކުރި ނުވަ އަހަރުތެރޭ ޓީމަށް ކުޅެދިން 304 މެޗުން 45 ގޯލު ޖެހި ސިލްވާ ވަނީ ގައުމީ ޓީމަށް ކުޅެދިން 115 މެޗުން 14 ލަނޑު ޖަހައިފައެވެ.
މިހުރިހާ ބަދަލުތަކާއެކު ވެސް ޓީމު އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޖޯޖް ޖެސޫސްއަށް ނޫސްވެރިންގެ ފަރާތުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ ރޮނާލްޑޯއާ ޖެހުނު މައްސަލަތަކާ ގުޅޭ ސުވާލުތަކެވެ.
ކޯޗާއި ރޮނާލްޑޯއާ ދެމެދު މައްސަލަ ޖެހުނީ އޭނާއަށް ފުރަތަމަ 11 އިން ފުރުސަތު ނުދިނުމާއި ފަހުން ކުޅެން އަރުވާނެ ކަމަށް ބުނެފައި އެކަން ނުކުރުމުންނެވެ. ނަމަވެސް ޖެސޫސް ބުނީ އެއީ ވެސް ޓީމަށް އެންމެ ރަނގަޅަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ރޮނާލްޑޯގެ އުމުރަށް ބަލާއިރު އޭނާއަކީ މިހާރު ކުލަބުގައި ވެސް ކޮންމެ ދުވަހަކު ޕްރެކްޓިސް ކުރާ ކުޅުންތެރިއަކަށް ނުވުމުން ގިނަ ވަގުތު ނުކުޅެ ރޮނާލްޑޯ އަރާމު ކުރަންޖެހޭ ކަމަށެވެ.
ޖެސޫސް މިފަދައިން ވާހަކަދައްކާފައިވީ ނަމަވެސް ސައޫދީ އަރަބިއާގެ އަލް ނަސްރުގައި ވެސް ރޮނާލްޑޯއަށް ކޯޗުކޮށްދިން ޖެސޫސްގެ ވާހަކަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ގަބޫލެއް ނުކުރެއެވެ. އޭނާ ޓީމުން ވަކިވެގެން ދިއުމަށްފަހު ފަހު ރިޓަޔާކުރި މައްސަލަ ހައްލު ކުރަން ޕޯޗުގަލްގެ ސިޔާސީ އަދި އިގްތިސާދީ ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.