މެދުކެނޑުމަކަށް ފަހު 13 އަހަރު ފަހުން، ސްރީލަންކާއިން ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުންނަށް ޚާއްސަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 36 ފުލުހުން ބައިވެރިވާ އަށް ހަފުތާގެ މި ތަމްރީނު ޕްރޮގްރާމް ސްރީލަންކާގައި ކުރިއަށްގެންދަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ޑިސެންބަރު 31 ގެ ނިޔަލަށެވެ.
މި ތަމްރީނުތައް ދެނީ ސްރީލަންކާ ފުލުހުންގެ ޚާއްސަ ފައުޖެއް ކަމަށްވާ، ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިންނެވެ.
ސްރީލަންކާގެ ހައިކޮމިޝަނުން ބުނީ، 13 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފެށި މި ޚާއްސަ ތަމްރީނު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ފުލުހުންގެ އޮފިސަރުންގެ އުކުޅުތަކާއި، އޮޕަރޭޝަނަލް ގާބިލުކަމާއި، ގާނޫނު ތަންފީޒުކުރުމުގެ އިލްމު އިތުރުކުރުމަށް ކަމަށެވެ. އަދި އެސްޓީއެފްގެ ތަޖުރިބާއާއި ހުނަރުގެ އަލީގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިވާ އޮފިސަރުންނަށް މުހިންމު މައުލޫމާތާއި އަމަލީ ހުނަރު ލިބި، އޮޕަރޭޝަނަލް ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ހައިކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން، މި މަސައްކަތަކީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި، ޚާއްސަކޮށް ސަލާމަތީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް އެ ހައިކޮމިޝަނުން ފާހަގަކުރިއެވެ. އަދި ޚާއްސަ ތަމްރީނުތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަންނީ ކުރިއެރުމަށް އެހީތެރިވުމަށް ސްރީލަންކާއިން ދޭ އަހައްމިއްޔަތުކަން މިކަމުން ހާމަވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފުލުހުން ސްރީލަންކާއަށް ފުރުމުގެ ކުރިން، މިދިޔަ މަހުގެ 29 ގައި ވަނީ މާލޭގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަނާއި، ކޮމިޝަނާ އޮފް ޕޮލިސް އަޚްމަދު މުޚައްމަދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.