ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުން: އެކަކު ފިޔަވައި ބާކީތިބި އެންމެންޝަރުތުތަކާއެކު ދޫކޮށްލައިފި

ހައިވޭއިން ހުޅުމާލެ ފައިބާ ހިސާބުގައި ހިނގާފައިވާ އެކްސިޑެންޓެއް: ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފައި --- ފޮޓޯ: ކިޔުންތެރިއެއް

މާލޭން ހުޅުމާލެއަށް ހަލުވި ދުވެލީގައި ދުއްވައިފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހި ހިނގި ހާދިސާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި ބާކީ ތިބި އެންމެން ދޫކޮށްލައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގެ ފަތިހު 4:30 ވަނިކޮށް ހިނގި އެ ހާދިސާގައި، ހައިވޭގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް އެ ފުލުހަށް ވެފައިވެއެވެ.

https://sun.mv/229241

މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ވަނީ މަސްތުވާތަކެއްޗަށް ފައްސިވެފައެވެ.

މިއަދު ކްރިމިނަލް ކޯޓުން ވަނީ އެ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ. ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ވަކިވަކިން ނެރުނު އަމުރުތަކުގައިވަނީ އެ މީހުން ދުއްވި ސައިކަލުތަކުން އެ ހާދިސާ ހިނގައިފައިނުވާތީއާއި ބަންދުގައި ބަހައްޓަންޖެހޭ އިތުރު ސަބަބުތަކެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހުށަހަޅައިފައިނުވާތީއެވެ.

މި މައްސަލައިގައި، ސައިކަލު ދުއްވި މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

https://sun.mv/229216

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައިވަނީ އަނިޔާވި ފުލުހުގެ ގައިގައި ސައިކަލުން ޖެއްސީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ މަގުސަދަކީ ނުރައްކާތެރި ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ފުލުހުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ކޮމިޝަނަރުގެ ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ.

comment ކޮމެންޓް