ގއ. އަތޮޅުގެ ފަޅުރަށެއްގެ ފަރަށް ރޭ ދޯންޏެއް އެރުމާ ގުޅިގެން، އެ ދޯނީގައި ތިބި އެންމެން އެމްއެންޑީއެފުން ސަލަމާތްކޮށްފިއެވެ.
ފުލުހުން މިއަދު "ސަން"އާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގއ. ފެނަހުއްޓާ ފަރަށް "ދެރަހާ" ނަމަކަށް ކިޔާ ދޯންޏެއް އަރައި، ދޯނީގެ ފަހަތް އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 00:47 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ގއ. އަތޮޅު ޕޮލިސް ލޯންޗާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާ ހިނގިއިރު ދޯނީގައި ތިބި އެންމެން އެމްއެންޑީއެފް ހާބާ ޕެޓްރޯލް ލޯންޗަށް ނަގާފައިވާއިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނީ، ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ދޯންޏަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް އެމްއެންޑީއެފްގެ ފަރާތުން ބަހެއް ލިބިފައިނުވާތީ، ދޯނީގައި ތިބި މީހުންގެ ހާލަތާއި ދޯންޏާ ގުޅޭ އިތުރު މައުލޫމާތެއް ކަށަވަރުވެފައިނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެއާއި ރޭގެ ގިނަ ގަޑިތަކުގައި ވެސް، ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން އޮތީ ދުރާލާ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުން، ކަނޑު ދަތުރުފަތުރު ކުރާއިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިރުޝާދުދެއެވެ.