ސްކޭމްގެ މައްސަލައެއްގައި މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން މީހަކު ހައްޔަރުކޮށްފި

ސްކޭމްގެ މައްސަލައެއްގައި މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެ މީހަކު ހައްޔަރުކޮށްފި --- ފޮޓޯ/ ފުލުހުން

ސްކޭމްގެ މައްސަލައެއްގައި އެކަން ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މުޙައްމަދު ރީޙާންއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ. އެގޮތުން ފުލުހުންގެ ފަރާތުން ބޭންކަށް ފޮނުވާފައިވާ މެއިލްއާއި އޭގެ ރިޕްލައި ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މައްސަލަ ހުށަހަޅާ ފަރާތުން ހިއްސާކޮށްފައިވާ ސްކްރީން ޝޮޓްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮޓޯ ރިޕޯޓާއި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނާއި މައްސައިގައި ހިމެނޭ އެކައުންޓުގެ ވެރިފަރާތުގެ ބަޔާނާއި ފޮޓޯ ޕެރޭޑުގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައި އިތުރަށް ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށާއި އޭނާއަކީ އެ ބާވަތުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި މި މައްސަލަ ހުށަހެޅުނު ތާރީޚުން ފެށިގެން މިއަދާ ހަމައަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެެވެ.

ނަމަވެސް އޭނާ ހައްޔަރުކުރުން ލަސްވެފައިވަނީ އޭނާގެ ބައިވެރިވުން މި މައްސަލައިގައި އޮތްކަން، މައްސަލައިގައި ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތުން އެ މައުލޫމާތު ދިނުން ލަސްވުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެ މައުލޫމާތު ލިބުނު ހިސާބުންނާއި އަދި އޭގެ ކުރިން ވެސް އެކައުންޓުގެ ވެރިފަރާތުގެ އެކައުންޓު ފްރީޒްކުރުންފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާއަކީ އިންތިޒާމްވެގެން ރާވައިގެން ހިންގާފައިވާ މިފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހެއް ކަމަށާއި ހުށަހެޅިފައިވާ ބަޔާންތަކުން އޭނާގެ ކޮންމެވެސް މިންވަރެއްގެ އެކަމުގައި އޮތްކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި މި މައްސަލައާއި އޭނާއާ ގުޅޭ އިތުރު ހެކި ދެން އޮންނަ މަޖިލީހަކަށް ހުށަހެޅުން މުހިންމު ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެެވެ.

އޭނާގެ ބަންދަށް އިއްޔެ މުއްދަތު ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 13 ވަނަ ދުވަހަށެވެ.

ސްކޭމްގެ މައްސަލަތަކަކީ ވެސް މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލަތަކެކެވެ. އެގޮތުން ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހުގެ ފަހު ހަ ދުވަހުގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 32 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

https://sun.mv/230003

މިދިޔަ އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު މި މައްސަލަތަކުގައި ޖުމްލަ 737,695.26 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާއިރު، އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 144,558.26 ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް