ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ގިނަ ސްކޭމްތަކެއް، ހަ ދުވަސްތެރޭ 17 މައްސަލަ ރިޕޯޓުކޮށްފި

މީހަކު އޮންލައިންކޮށް ވިޔަފާރިކުރަނީ: މިދިޔަ މަހުގެ ފަހު ހަ ދުވަހު ސްކޭމްގެ 32 މައްސަލައެއް ރިޕޯޓުކުރި --

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާ ކަމަށާއި، މިދިޔަ މަހުގެ ފަހު ހަ ދުވަހުގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 32 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު މި މައްސަލަތަކުގައި ޖުމްލަ 737,695.26 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާއިރު، އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 144,558.26 ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން ފައިސާ މާރުކުރުމާ ގުޅޭ 17 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން އާންމުކުރި ސްކޭމްތަހުގެ ތަފާސްހިސާބު....

ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެ ބާވަތުގެ ހަ މައްސަލައެއް ހިމެނޭއިރު، އިންވެސްޓްމަންޓް ސްކޭމްގެ ހަތަރު މައްސަލައަކާއި، އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދުމުގެ އެއް މައްސަލައިގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ހަތަރު މައްސަލައެއް ހިމެނެއެވެ.

މަކަރާއި ހީލަތުން މިގޮތަށް ފައިސާ ހޯދުމަށް ތަފާތު އެކި ޕްލެޓްފޯމްތައް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި، އައިބޭ، ޓިކްޓޮކް އަދި ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ފިޝިން ލިންކާއި ފޯނު ކޯލްތައް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތައް ފާހަގަކުރެވެއެވެ.

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ މިފަދަ އޮޅުވާލުންތައް ގިނަވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ، ފައިސާ މާރުކުރާ ރޭޓް އާދަޔާ ހިލާފަށް ރަނގަޅުނަމަ އެއީ ސްކޭމަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންކަމުން އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން، މާރުކުރާ ފަރާތުން ފައިސާ ޖަމާކުރިކަން ކަށަވަރުކުރުމަށާއި މުއާމަލާތް ކުރެވެނީ ކާކުކަން ސާފުނުވާނަމަ ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

comment ކޮމެންޓް