މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާހެއްނުވި

އިކޮނޮމިކް މިނިސްޓަރު ސަޢީދު: ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާހެއްނުވި --- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ވެރިކަންކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ހުށަހެޅީ މިދިޔަ އޮގަސްޓު މަހެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މައްސަލަ ހުށަހެޅިތާ ތިން މަސް ފަހުން މިއަދެވެ.

މި މައްސަލައަށް ބަހުސްކޮށް ނިމި، ސަޢީދުގެ އިތުބާރު ނެތް ކަމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން ސަޢީދަށް އިތުބާރު އޮތް ކަމަށް 54 މެންބަރުން ވޯޓު ދިން އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދިނީ 10 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި މި އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ހުށަހެޅި މައްސަލައިގައި ވަނީ ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވައިފައިވާ ކަމަށް، އެ މައްސަލައިގައި ވެއެވެ.

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކުރީ އިގުތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ދިއުމެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި ސަޢީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާ ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ތެރޭ 80 އިންސައްތަ އިތުރަށް ރަސްމީ ރޭޓުގައި އެކި ބޭނުންތަކަށް ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން ޞާލިޙްގެ ސަރުކާރުގައި ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ)އަށާއި ކާޑާއި އީކޮމާސްއާއި ބޭރަށް ދަތުރުކުރުން ފަދަ ކަންކަމަށް 2021ވަނަ އަހަރު އެކަނި ވެސް 253.8 މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި ކަމަށް ސަޢީދު ވިދާޅުވިއެވެ. އެއަށްފަހު އައި 2022ވަނަ އަހަރު 379.2 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި ނޮވެންބަރު 17، 2023ގެ ނިޔަލަށް 442.6 މިލިއަން ޑޮލަރު ދޫކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ތިން އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ [ވެރިކަމުގެ] ތިން އަހަރުގައި ގާތްގަނޑަކަށް 1.75 [ބިލިއަން]، ނުވަތަ 1،075 މިލިއަން ޑޮލަރު އެބަހުރި ބޭންކް އޮފް މޯލްޑިވްސްއިން [ރަސްމީ] ރޭޓުގައި ދޫކޮށްފައި،" ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި 2024ވަނަ އަހަރު 486.5 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އެއަށްފަހު އައި 2025ވަނަ އަހަރު 733.8 މިލިއަން ޑޮލަރު ދޫކުރިއިރު މި އަހަރުގެ މިހާތަނަށް 718.5 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.

"ޖުމުލަ 1.9 ބިލިއަން ޑޮލަރު، 1،942.5 މިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ދީފައި އެބައޮތް، މީގެ މާނައަކީ 80 ޕަސެންޓުގެ އިތުރުވުމެއް މި އޮތީ އައިސްފައި،" ސަޢީދު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާންގެ މައްޗަށް، އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީންގެ މައްޗަށް ވެސް އެމްޑީޕީން އިތުބާރު ނެތް ކަމަށް ހުށަހެޅިއެވެ. އެ މައްސަލަތައް ވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

މިއީ 20ވަނަ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި ތިންވަނަ މައްސަލައެވެ.

comment ކޮމެންޓް