25،000 ރުފިޔާ ލިބޭ ބީއެމްއެލްގެ "ސްވައިޕް ސްޕެންޑް ވިން" ޕްރޮމޯޝަން ފަށައިފި

ބީއެމްއެލްއިން 25،000 ރުފިޔާގެ އިނާމާއެކު "ސްވައިޕް ސްޕެންޑް ވިން" ޕްރޮމޯޝަން ފަށައިފި --

ބޭންކް އޮފް މޯލްޑިވްސްއިން "ސްވައިޕް ސްޕެންޑް ވިން"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެ ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުމުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވޭ އިނާމުގެ ނަސީބުވެރިޔާއަށް ވެސް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އެގޮތުން ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ ކަމަށާއި ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ހަފުތާގެ ނަސީބުވެރިންނަށް ވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެން ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް